ޓޫރިޒަމް

ޓޫރިސްޓް އެނދުގެ އަދަދު 34،000 އަށްވުރެ މައްޗަށް!

  • ރާއްޖޭގައި ޖުމްލަ 34،708 އެނދު
  • އޮކިއުޕެންސީ ރޭޓް ހުރީ 78 ޕަސެންޓްގައި
  • އާއްމުކޮށް ޓޫރިސްޓުން މަޑުކުރަނީ ހަ ދުވަހު

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގެ އެނދުގެ އަދަދު 34،000 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ރަޖިސްޓްރީކޮށްފައިވާ 641 ތަނުގައި ހުރި ޖުމްލަ އެނދުގެ އަދަދަކީ 34،708 އެވެ. މީގެ ތެރޭގައި ހިމެނެނީ 116 ރިސޯޓުގައި އޮޕަރޭޓް ކުރަން ހުއްދަ ދީފައިވާ 25،068 އެނދާއި 332 ގެސްޓް ހައުސްއަށް ހުއްދަ ދީފައިވާ 4،902 އެނދެވެ. އަދި 176 ސަފާރީއަށް ހުއްދަ ދީފައިވާ 2،996 އެނދެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އޮކިއުޕެންސީ ރޭޓް ހުރީ 78.6 ޕަސެންޓުގަ އެވެ. ނަމަވެސް މި އަހަރުގެ މި މުއްދަތުގައި އޮކިއުޕެންސީ ރޭޓްވަނީ 78.2 ޕަސެންޓަށް ދަށްވެފަ އެވެ. މިއީ 0.2 ޕަސެންޓުގެ ދަށްވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 109 ރިސޯޓާއި 86 ގެސްޓް ހައުސް އަދި 86 ސަފާރީ އޮޕަރޭޓް ކުރަމުން ގެންދެ އެވެ. އަދި މި ތަންތަނުގައި 1،992،743 ރޭ ހޭދަކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޓޫރިސްޓުން ހޭދަކުރި 1969،509 ރެއާ އަޅާބަލާއިރު 1.2 ޕަސެންޓް އިތުރު އަދަދެކެވެ.

އޮކިއުޕެންސީ ރޭޓް ދަށަށް ދިޔަ ނަމަވެސް ރާއްޖޭގައި ޓޫރިސްޓުން މަޑުކުރާ މުއްދަތު ދަނީ މަތިވަމުންނެވެ. މިދިޔަ އަހަރު ޖެނުއަރީ މަހާއި މާޗް މަހުގެ ނިޔަލަށް ޓޫރިސްޓުން ހޭދަކޮށްފައިވަނީ 5.8 ދުވަހެވެ. ނަމަވެސް މި އަހަރު މި އަދަދު މިވަނީ 6.0 ރެއަށް އިތުރުވެފަ އެވެ.