މިދިޔަ އަހަރު ސީރިޔާގައި ރަހީނު ކުރި ތިން ސްޕެނިޝް ނޫސްވެރިން ދޫކޮށްލައިފި ކަމަށް ސްޕެއިންގެ ސަރުކާރުން ހާމަކޮށްފި އެވެ. މި ތިން ނޫސްވެރިން ރަހީނު ކުރީ މިދިޔަ އަހަރު ސީރިޔާއިންނެވެ.
މިދިޔަ އަހަރު ރަހީނު ކުރި ތިން ނޫސްވެރިން ދޫކޮށްލައިފި ކަމަށާއި، ނޫސްވެރިން އަނބުރާ ސްޕެއިންއަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ސްޕެއިންގެ ސަރުކާރުން ހާމަކޮށްފި އެވެ. ދޫކޮށްލި ތިން ނޫސްވެރިން، އެންޓޯނިއޯ ޕެމްލިގާ، ހޯޒޭ މެނުއަލް ލޯޕެޒް އަދި އަންގެލް ސަސްޓްރޭ ރަހީނު ކުރީ ކޮންބައެއް ކަމެއް އަދި ކަށަވަރެއް ނުވެޔެވެ. މި ތިން ނޫސްވެރިން ރަހީނު ކުރީ ހަލަބުންނެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ އިތުރުން އައި އެސް އިން ވެސް ވަނީ ހަލަބުގެ އެކި އެކި ސަރަހައްދުތައް ހިސޯރު ކޮށްފައެވެ. އަދި މީގެ އިތުރުން، އައި އެސް އިން ވަނީ ހަލަބުގެ އިތުރުން ސީރިޔާ ތެރޭގައި މަސައްކަތް ކުރަމުން އައި ނޫސްވެރިން ރަހީނު ކުރުމަށް ފަހު މަރާލާފައެވެ.
ސްޕެއިންގެ ސަރުކާރުން ނެރުނު ސްޓޭޓްމެންޓްގައި ބަޔާން ކޮށްފައިވާ ގޮތުން ތިން ނޫސްވެރިންވެސް އަނބުރާ ސްޕެއިންއަށް ގެންނަން ހަމަޖެހިފައިވާ ކަމަށާއި، ތިން ނޫސްވެރިން މިހާރު ތިބީ ތުރުކީގައި މަޑުކޮށްގެންނެވެ. ސްޕެއިންގެ ސަރުކާރުން އިތުރަށް ހާމަކުރިގޮތުގައި، ނޫސްވެރިން މިނިވަން ކުރުމަށް ކުރި މަޝްވަރާގައި ޤަތަރާއި ތުރުކީ ބޮޑު ބައެއް ކުޅުނެވެ.
މީގެ ކުރިންވެސް 2014 ގައި އައި އެސް އިން ވަނީ ސްޕެއިންގެ ނޫސްވެރިންތަކެއް 6 މަސް ވަންދެން ރަހީނު ކޮށްފައެވެ. ނަމަވެސް މި ނޫސްވެރިން ވަނީ 6 މަސް ފަހުން ދޫކޮށްލާފައެވެ. ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރަ ޖަމިއްޔާ، "ރިޕޯޓަރޒް ވިތައުޓް ބޯޑާޒް" އިން ވަނީ ނޫސްވެރިން ދޫކޮށްލުމާއި ގުޅިގެން އުފާ ފާޅުކޮށްފައެވެ. ރިޕޯޓާޒް ވިތައުޓް ބޯޑާޒް އިން ހާމަކުރާ ގޮތުގައި ސީރިޔާއަކީ ނޫސްވެރިންނަށް އެންމެ ނުރައްކާ ބޮޑު ގައުމެވެ.