ދުނިޔެ

ބަންގްލަދޭޝްގައި ސޫފީ މުސްލިމް ލީޑަރަކު ކަތިލާ މަރާލައިފި

އުތުރު ބަންގްލަދޭޝްގައި ސޫފީ މުސްލިމް ލީޑަރަކު ކަތިލާ މަރާލައިފި އެވެ. ބަންގްލަދޭޝްގެ ފުލުހުން ހާމަކުރި ގޮތުގައި މި ހަމަލާއަކީ އިސްލާމިކް އެކްސްޓްރީމިސްޓުންނަށް ދިން ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މަރާލި މުހައްމަދް ޝަހީދުﷲ ގެ ހަށިގަނޑު އެއްލާލައިފާ އޮތީ ރާޖްޝާހީ ކިޔާ އަވަށެއްގެ އަނބުގަސް ހައްދާ ސަރަހައްދަކަށެވެ. އުމުރުން 65 އަހަރުގެ ޝަހީދުﷲ ގެ ހަށިގަނޑު ފެނުނީ އެ އަވަށުގައި ދިރިއުޅޭ މީހުންނަށެވެ. ޝަހީދުﷲ މަރާލާފައިވަނީ ބަންގްލަދޭޝްގައި ސެކިއުލާ ބްލޮގަރުންގެ އިތުރުން އެހެން ދީންތަކުގެ މީހުންނާއި އެހެން ފިކުރުތަކުގެ މީހުންނަށް އަމާޒްކޮށް ދޭ ހަމަލާތަކެއް ގިނަވެ، މަރަމުން އަންނަ ދުވަސްވަރެއްގަ އެވެ.

ފުލުހުން ތުހުމަތު ކުރާގޮތުގައި އިސްލާމިކް އެކްސްޓްރީމިސްޓުން މިހާތަނަށް 20 މީހަކު މަރާލައިފިއެވެ. މި ޖަމިއްޔާތަކުން ދަނީ އެހެން ދީންތަކާއި އެހެން ފިކުރުތަކުގެ ލީޑަރުންނާއި ބްލޮގަރުންނަށް އަމާޒުކޮށްގެން ހަމަލާ ދެމުންނެވެ. ނަމަވެސް މިއީ ސޫފީ މުސްލިމަކަށް ދިން ފުރަތަމަ ހަމަލާއެވެ.

ބަންގްލަދޭޝްގެ ފަގީރު ހިސާބުތަކުގައި ގިނަ އަދަދެއްގެ ސޫފީ މުސްލިމުން ދިރިއުޅެމުން ދެޔެވެ. ޝަހިދުﷲ އަކީ މިސަރަހައްދުގެ ސޫފީ މުސްލިމުންގެ ތެރޭގައި ހިމެނޭ އިލްމުވެރި ލީޑަރެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.