އަފްގާނިސްތާނުގައި ފިއުލް ޓޭންކަރަކާއި ދެ ބަސް އެކްސިޑެންޓްވެ، 52 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ އަފްގާނިސްތާނުގެ ޣަޒްނީ އަވަށުގައެވެ.
ދެ ބަހާއި ފިއުލް ޓޭންކަރު އެކްސިޑެންޓް ވެފައިވަނީ ބޮޑު ހައިވޭއެއްގެ މަތީގަ އެވެ. މި ހައިވޭ އަކީ އަފްގާނިސްތާނުގެ ވެރި ރަށް ކާބުލްއާއި ޣަޒްނީ ގުޅުވައިދޭ ހައިވޭއެވެ. އޮފިޝަލުން ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި 73 މީހުންނަށް އަނިޔާވެ، ޣަޒްނީގެ ހޮސްޕިޓަލަކަށް ފަރުވާ ދޭންވެގެން މި މީހުން ގެންގޮސްފިއެވެ. އެކްސިޑެންޓްވުމާއި އެކީގަ ތިން އުޅަނދުގައި ވެސް ރޯވިއެވެ.
ބައެއް އާންމުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އަފްގާނިސްތާނުގެ މަގުތަކުގައި އެކްސިޑެންޓް ވުން އެއީ އާންމު ކަމެއް ކަމަށެވެ. ސަބަބަކީ އަފްގާނިސްތާނުގެ މަގުތަކަކީ ވަރަށް ހާލު ދެރަކޮށް ހުރި މަގުތަކަކަށް ވުމުގެ އިތުރުން، ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ނުހިތުމުން އެކްސިޑެންޓު ވާކަމަށެވެ.
އަފްގާނިސްތާނުގެ ޕްރޮވިންޝަނަލް ޑިޕާޓްމެންޓްގެ ޑިރެކްޓަރ މައުލޫމާތު ދެމުން ބުނެފައިވަނީ، އެކްސިޑެންޓްވީ ބާރު ސްޕީޑުގައި ފަރުވާ ކުޑަކޮށް ދުއްވުމުން ކަމަށެވެ. ޑިރެކްޓަރު އަހްމާދީ އިތުރަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓް ވުމުން، އެ ސަރަހައްދުގެ އާންމުން ނިކުމެ، ފަޔަރ ފައިޓަރުންނާއި އިމަރޖެންސީ ރިސްޕޮންޑެރުންނާއި އެކީގައި އަލިފާން ނިއްވާލަން އެހީވި ކަމަށާއި، ސަލާމަތްވި މީހުން އުޅަނދުތަކުން ނެރުމަށް އެހީތެރިވެ ދިން ކަމަށެވެ.
ޣަޒްނީ އަވަށުގެ ގަވަރުނަރުގެ ސްޕޯކްސްޕަރސަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ އެކްސިޑެންޓު ވި އިރު ތިން އުޅަނދުގައި 125 މީހުން ތިބިކަމަށް ޑޮކިއުމަންޓުތަކުން ދައްކާ ކަމަށެވެ. އޮފިޝަލުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. މި ހާދިސާއާއި ގުޅިގެން އޮފިޝަލުން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެޔެވެ.