ރިޕޯޓް

މަންމަގެ މަތިން މިއަދު ހަނދާން އެބަހުރިތަ؟

އިއްޔެ އަކީ ދުނިޔޭގެ މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރި ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކުވެސް މޭ މަހު އަންނަ ދެވަނަ އާދިއްތަ ދުވަހު އެވެ. އެހެންވެ އިއްޔެ ރާއްޖޭގައި ވަރަށް ފޯރިއާއެކު ވަނީ މަންމައިންގެ ދުވަސް ފާހަގަކޮށް މައިންނަށް ތައުރީފު އޮއްސާފަ އެވެ. ސޯޝަލް މީޑިއާގަ އެވެ. ފޭސްބުކާއި ޓްވިޓާގަ އެވެ. މަންމައާއެކު ނަގާފައިވާ ސެލްފީއެއް ކޮންމެވެސް ސޯޝަލް މީޑިއާއަކަށް ވައްޓާނުލާ މީހަކު އިއްޔެ ވަރަށް މަދެވެ. މިނިސްޓަރު ފެންވަރުގެ ބޭފުޅުންނާއި ހިސާބުން ފެށިގެން ފުރާވަރުގެ ކުދިންވެސްމެ އެވެ.

މަންމައިންގެ ދުވަސްކަން މަންމައަށް އެނގޭތަ؟

މަންމައިންގެ ދުވަސް ފާހަގަކޮށް ނިމުނީ އެވެ. މަންމައަށް ތައުރީފުކޮށް ވެސް ނިމިއްޖެ އެވެ. އެކަމަކު ގިނަ މައިންނަށް އިއްޔެއަކީ ކޮން ދުވަހެއް ކަމެއް ވެސް ނޭނގެ އެވެ. ކީއްވެބާވަ އެވެ. މަންމައަށް އެހާ ތައުރީފުކުރިއިރު ނޭނގުނީ ކީއްވެބާ އެވެ. ރާއްޖޭގެ މައިންގެ ބޮޑު ޕަސެންޓަކީ ފަހަރެއްގައި ސޯޝަލް ނެޓްވޯކްތަކުގައި އުޅޭ ބައެއް ނޫން ކަމަށް ވެސް ވެދާނެ އެވެ. ފަހަރުގައި ބައެއް މައިންނަކީ ދަރިންނާއެކު ވަކިން އުޅޭ ބަޔަކަށް ވެދާނެ އެވެ. އާންމު ގޮތެއްގައި ދަރިން މާލޭގައި ނޫނީ ރިސޯޓެއްގައެވެ. މަންމަ ރަށުގަ އެވެ.

ފޮޓޯތަކާއި ސެލްފީތައްލީ ގިނަ މީހުންނަށް މަންމަ ކައިރީގައި އިއްޔެ އެއީ މައިންގެ ދުވަސްކަން ބުނެލަން ހަނދާން ހުރި ހެއްޔެވެ؟ މަންމައަށް ގުޅައިލަން ބައްދަލުކޮށް މަންމައަށް ވަގުތު ދެވުނު ހެއްޔެވެ؟ ސޯޝަލް މީޑިއާއަށް ލީ ފޮޓޯތައް މަންމައަށް ދެއްކިން ހެއްޔެވެ؟ އެއާއެކު ލިޔެފައި ހުރި އެއްޗެއް ކިޔައި ދިނިން ހެއްޔެވެ؟

މަންމައަށް ކިހާ ވަގުތެއް ދިނިން؟

މީގެކުރިން މަންމައާއެކު ނަގާފައިވާ ފޮޓޯއެއް ހޯދައި، އެ ފޮޓޯ އެޑިޓްކޮށް، ދޮންކޮށް ހަދަން ފޮޓޯޝޮޕާއެލު ދުއްވާލި ވަގުތު ދުރުގައި ހުރި މަންމައަށް ގުޅާލަން ހޭދަކޮށްލި ނަމަ ނޫނީ ބައްދަލުކޮށްލި ނަމަ މަންމައަށް ކިހާ ބޮޑު އުފާވެރިކަމެއް ލިބުނީސް ހެއްޔެވެ. މަންމައިންގެ ދުވަސްކަން ނޭނގުނު ނަމަވެސް އެ މަންމައާއެކު ވަގުތު ކޮޅެއް ހޭދަކޮށްލި ނަމަ ކިހާ އުފާވީސް ހެއްޔެވެ.

އިއްޔެއަކީ މައިންގެ ދުވަސްކަމުން މަންމައާއެކު ހާއްސަ ވަގުތު ކޮޅެއް ހޭދަކޮށްލީ ކިތައް މީހުން ބާވަ އެވެ؟ ޔަގީނާ ގާތަށް ބުނަން އޮތީ އެކން ކޮށްފައި އޮންނާނީ ވަރަށް މަދު މީހެކެވެ. "އުފާވެރި މަންމައިންގެ ދުވަހަކަށް އެދެމޭ" މި ވަރު މަންމަ ކައިރީގައި ބުނެލަން ވަގުތުވީ ކިތައް މީހުންނަށް ބާވަ އެވެ؟ ސޯޝަލް މީޑިއާގައި މަންމައަށް ކުރި ތައުރީފާއި ކީ ސަނާތައް ހުދު މަންމަ ކައިރީގައި ކިޔަން ކެރުނީ ކިތައް މީހުންނަށްބާވަ އެވެ؟

ހުސް މައިންގެ ދުވަސް!

މައިންގެ ދުވަހަށް ވަކި ދުވަހެއް ކަނޑައަޅާ އެ ދުވަސް ފާހަގަ ކުރުމަކީ ގޯހެއް ނޫނެވެ. މަންމައިންގެ އަގު ވަޒަންކުރަން ޖެހެ އެވެ. ރަމްޒީ ގޮތެއްގައި އެކަމަށް ވަކި ހާއްސަ ދުވަހެއް އޮތުމަކީ މައްސަލައެއް ނޫނެވެ.

ނަމަވެސް އެ ދުވަހަކީ ހަމައެކަނި ސޯޝަލް މީޑިއާގައި ފާހަގަކުރާ ދުވަހަކަށް ހެދުމަކީ ގޯހެކެވެ. އެ ދުވަސް މައިންނަށް ހިސްކޮށްލާ އެމީހުންނާއެކު ހޭދަކުރާށެވެ. އެމީހުން އުފާ ކަމެއް ކޮށްލާ، ޕާޓީއެއް ބާއްވާލާ ހަދާށެވެ. މިފަދަ ދުވަސްތައް ފާހަގަކުރާނީ އެހެނެވެ. ސޯޝަލް މީޑިއާއެއް ފޮޓޯއެއް ވައްޓާލައި، މަންމަ ކޮބައިތޯ ވެސް ބަލާނުލައެއް ނޫނެވެ.

ވަކި ދުވަހެއް މައިންގެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް ހުރިހާ ދުވަހަކީ ވެސް ހަމަ މައިންގެ ދުވަހެވެ. އެމީހުންނަށް އިހުތިރާމްކޮށް އުފާކޮށްދޭން ޖެހެނީ ވެސް ހަމައެކަނި އެ ދުވަހަކު ނޫނެވެ. މައިން މަތިން އަބަދުވެސް ހަނދާން ބަހައްޓާށެވެ. އަގު ވަޒަންކުރާށެވެ. އިހުތިރާމްކުރާށެވެ. ސުވަރުގެ ވެސް ދެވެނީ މައިމީހާގެ ފައިތިލާގެ ދަށުންނެވެ.