ދުނިޔެ

މެކްމުރޭގެ 20 ޕަސެންޓް ގޭބިސީ އަލިފާނުގެ ތެރެއަށް!

ކެނެޑާގެ އަލްބާޓާ ޕްރޮވިންސްގެ މެކްމުރޭ އަވަށުގެ ޖަންގަލީގައި ރޯވި އަލިފާންގަނޑުގައި އެ އަވަށުގެ 20 ޕަސަންޓް ބޭނުންނުކުރެވޭ ވަރަށް އަންދާލައިފި އެވެ. އެއަވަށަކީ ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ އަވަށެކެވެ. އެހުރިހާ އެންމެން މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

މި އަލިފާން ރޯވިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީ އިރު އަލިފާންގަނޑު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ސަރުކާރު އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ މެކްމުރޭގެ ބޮޑު ބައެއް އޮތީ ނުރައްކާތެރިކަމުގެ ތެރޭގައި ކަމަށެވެ. އަދި އެއަވަށުގެ މީހުންނަށް އަނބުރާ އަވަށަށް އާދެވޭނެ ދުވަހެއް އަންދާޒާކޮށްލަން ވެސް ނޭނގޭ ކަމަށެވެ.

"ގާތްގަނޑަކަށް 20 ޕަސަންޓުގެ ގެ އަދި އަނދައިގެން ގޮސްފައި އަވަށުގެ ބޮޑުބައި އޮތީ ސަލާމަތުން. އެކަމަކު ފަހުންވާނެ ގޮތެއް ނޭނގޭ. އުންމީދު ކުރިވަރަށްވުރެ ރަނގަޅު،" އޮފިޝަލް ވިދާޅުވެފައިވެ އެވެ.

މި އަލިފާނުގައި މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެކަމަކު މީހުންް ބަދަލުކުުރުގެ ތެރޭގައި ދެ ވެހިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހުން ވަނީ މަރުވެފަ އެވެ. މެކްމުރޭގެ އިތުރުން އަލްބާޓާގެ އެހެން އަވަށްތަކަށްވަނީ ހޫނު ފެތުރިފަ އެވެ. ބޯ ދުންތައް ފެތުރެމުންދާތީ ގޭގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބަހައްޓަން އަލްބާޓާ ޕްރޮވިންސުގެ ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެއަވަށުގައި ހިންގަމުންދާ ތެޔޮ ކުންފުނިތަކުން ވަނީ ސަލާމަތީ ކަންކަމަށްޓަކައި ބައެއް ޕައިޕްލައިންތައް ބަންދުކޮށް މަސައްކަތް ހުއްޓާލާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި އަލިފާންގަނޑު ދަނީ މެކްމުރޭގެ އިރު އުތުރަށް ފެތުރެމުންނެވެ. އަދި ވައިޖެހެމުންދާ ގޮތަށް ބަލާނަމަ އަލިފާންގަނޑު އެއާޕޯޓާ ކައިރި ސަރަހައްދުތަކަށް ފެތުރޭނެ ކަމަށެވެ.