ދުނިޔެ

ބީބީސީގެ ނޫސްވެރިންގެ ޓީމެއް އުތުރު ކޮރިޔާއިން ބޭރު ކޮށްލައިފި

އުތުރު ކޮރެއާގައި ހަރަކާތްތެރިވަމުން ދިޔަ ބީބީސީ ނޫސްވެރިންގެ ޓީމެއް، ހައްޔަރުކޮށް ސުވާލު ކުރުމަށް ފަހު، އެ ގައުމުން ބޭރުކޮށްލައިފި އެވެ.

ބީބީސީގެ ކޮރެސްޕޮންޑެންޓް ރޫޕަޓް ވިންގްފީލްޑް، ޕްރޮޑިއުސަރު މަރައިޔާ ބަންގެ އިތުރުން، ކެމަރާމެން މެތިއު ގޮޑާޑް ވެސް ހައްޔަރު ކުރިއެވެ. މި ތިން ނޫސްވެރިން ވެސް ހުއްޓުވާފައިވަނީ މަސައްކަތް ނިންމާފައި އުތުރު ކޮރެއިން ފުރަން އުޅެނިކޮށެވެ.

އުތުރު ކޮރެއާ އޮފިޝަލަކު ވިދާޅުވީ ބީބީސީގެ ޓިމް ހުއްޓުވައި ވަނީ ސުވާލުކޮށްފައިވާ ކަމަށާއި ކޮރެސްޕޮންޑެންޓް ރޫޕަޓް ވިންގްފީލްޑްއާއި އަށް ގަޑިއިރު ވަންދެން ސުވާލު ކުރި ކަމަށެވެ. އަދި އަށް ގަޑިއިރު ވަންދެން ސުވާލު ކޮށްފައި ސްޓޭޓްމެންޓެއްގައި ސޮއެ ކުރަން ޖެހުނު ކަމަށް ބީބީސީން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ކުރި ސުވާލު ތަކުގެ ތަފްސީލެއް ބީބީސީއިން ހާމަކޮށްފައެއް ނުވެ އެވެ. އަދި މީގެ އިތުރުން، ސޮއި ކުރުވި ސްޓޭޓްމެންޓްގެ ތަފްސީލެއްވެސް އަދިއެއް ހާމައެއް ނުކުރެ އެވެ.

ބީބީސީ ޓީމްގެ ނޫސްވެރިންވެސް ވަނީ ހޮނިހިރު އަދި އާދިއްތަ ދުވަހު ބަންދުގައި ބައިތިއްބާފަ އެވެ. ނަމަވެސް މިހާރު ތިން ނޫސްވެރިންވެސް ވަނީ ދޫކޮށްލާފައެވެ.

ބީބީސީ ޓީމް އުތުރު ކޮރެއާއަށް ދަތުރު ކުރީ ޕާޓީ ކޮންގްރެސް ކަވަ ކުރަން ކަމަށް ބީބީސީއިން ވަނީ ހާމަކޮށްފަ އެވެ. ބީބީސީގެ ޓިީމް ދިޔައީ ނޯބެލް ޕްރައިޒް ހޯދާފައިވާ ޓީމްއަކާއި އެކީގަ އެވެ.