ދުނިޔެ

އައިއެސްގެ ލީޑަރަކު މަރާލެވިފައިވާ ކަމަށް ޕެންޓަގަންއިން ބުނެފި

އިރާގުގެ އަންބަރްގައި އައިއެސްގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އައި އަބޫ ވަހީބް، ވައިގެ ހަމަލާއެއްގައި މަރާލާފައިވާ ކަމަށް އެމެރިކާ ޕެންޓަގަން އިން ހާމަކޮށްފިއެވެ.

އަބޫ ވަހީބްއަކީ ކުރީގައި އަލްގައިދާގައި ހަރަކާތްތެރިވި މީހެއް ކަމަށް ޕެންޓަގަން އިން ބުނެ އެވެ. އަދި އަބޫ ވަހީބް މަރުވީ، އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނުން ހުކުރު ދުވަހު ދިން ވައިގެ ހަމަލާއެއްގައެވެ.

ޕެންޓަގޮންގެ ތަރުޖަމާނު ޕީޓާ ކުކް ވިދާޅުވީ އިރާގް އަދި ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުންނަށް މިހާރު ނުރައްކާ ބޮޑުވެފައިވާ ކަމަށެވެ. އެއީ ކޯލިޝަނުގެ ހަމަލާތައް މިފަދަ ލީޑަރުންނަށް އަމާޒު ކުރާތީ ކަމަށެވެ.

މީގެ ކުރިންވެސް ވަހީބް މަރުވި ކަމަށް އެކި ފަހަރު މަތިން ވަނީ އިއުލާންކޮށްފައެވެ. ޕީޓާ ކުކް ވިދާޅުވީ ވަހީބް މަރާލީ ރުތުބާ އަވަށް ކައިރި އޮތް ވެހިކަލް އެއްގައި އިންދަ ކަމަށެވެ. ޕެންޓަގޮން އިން ހާމަކުރި ގޮތުގައި ވަހީބްއާއެކު އިތުރު ތިން ޖިހާދީން ވަނީ މަރާލެވިފަ އެވެ.

ވަހީބް އަކީ 2012ގައި އިރާގުން އެމެރިކާގެ ސިފައިން ހައްޔަރު ކުރި މީހެކެވެ. ވަހީބް މަރަށް ހުކުމް ކުރި ނަމަވެސް އޭނާ ވަނީ ޖަލުން ފިލާ އަލް ގައިދާއާއި ގުޅިފައެވެ.