ސަރުކާރުގެ ސިޔާސަތުތަކަކީ އެއަށް އެއް ބަޔަކު ފާޑުކިޔާ، އަނެއް ބައެއްގެ ތައުރީފް އޮހޭ އެއްެޗެކެވެ. ބިނާ ކުރުވަނިވި، އިލްމީ ފާޑުކިޔުމެއް އަންނާނީ މަދު ފަހަރެއްގަ އެވެ. މައުލޫމާތު ހޯދާނީ އަދި އެއަށްވުރެ މަދު މީހުންނެވެ. ގައުމެއްގެ އިގްތިސާދީ އަދި މާލީ ސިޔާސަތުތަކަށް އޭގެ އަސާސްތަކާއި އޭގެ އިލްމު ނޭނގި ފާޑުކިޔުމަކީ ވެސް އެއްޗެއް ބުނުމަކީވެސް އެއިން އެދެވޭ ނަތީޖާގެ ބަދަލުގައި ނޭދެވޭ ނަތީޖާ ނިކުންނާނެ ކަން ކަމެވެ.
ރާއްޖޭހެ އިގްތިސޯދާބެހޭ ގޮތުން ބައެއް ކަހަލަ ވާހަކަ ބައެއް ފަރާތްތަކުން ބުނާއިރު އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވަނީ އަބަދުވެސް ތަފާތު ވިސްނުންތައް އަންނާނެ ކަމށާއި ތަފާތު ވިސްނުން ހުރުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.
"އެއްވެސް ފަރާތަކުން ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތާއި ގައުމުގެ ކުރިމަގަށް ދެކެވަޑައިގަންނަވާ ސިޔާސަތު ދިރާސާ ކުރައްވަން ބޭނުންވާނަަމަ އެކަން ކުރަންވީ. އެހެން ނަމަވެސް، އަޑު އައްސަވައިފިންތޯ އެެއްވެސް ފަރާތަކުން އެއްވެސް ކޮންސެޕްޓެއް އެއްވެސް ސަބްޖެކްޓެއް ނެރު ވާހަކަ! ސަރުކާރަށް އެފަދަ ކަމެއް ހާމަކޮށްދިންކަން! މިހާތަނަށް އެކަހަލަ އެއްވެސް ވާހަކައެއް ދެކެވިފައެއް ނެތް. މިހާތަނަށް ކޮށްފައިވާހާ ކަމަކީ ބޭރުގެ ފަރާތްތަކާއެކު ގުޅިގެން، ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރުވުން،"
ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ދައުރަށް ބައްލަވާލައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ:
"އިދިކޮޅު ފަރާތްތައް ސިޔާސީ މައިދާނުގައި އަދާ ކުރާ ދައުރަކީ ސަރުކާރުގެ ކަންތައްތައް ބަލާ، ދިރާސާކޮށް، އަޅާކިޔާ ހަގީގަތުގެ މައްޗަށް ބިނާ ވެފައިވާ މައުލޫމާތު ގެނެސްދިނުން. އަދި، ސަރުކާރުގެ ސިސްޓަމްތަކާއި ޕޮލިސީތަކަށް ފާޑުކިޔުން. މިހާރު އެކަމެއް ނުހިނގާ. އަޅުގަނޑު ގޮވާލަން އިދިކޮޅު ފަރާތްތަކަށް މިއަށްވުރެ ތަސަރައްފު ފުދެން، ޒިންމާދާރުވާން،"
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ސިޔާސަތު ގޯސްނަމަ، އެއިން ނިކުންނަ ނޭދެވޭ ނަތީޖާ ފެނިގެންދާނެ އެވެ. އިންވެސްޓަރުންނަށް ފަހި، ހަމަ މާހައުލެއް ގާއިމްވެފައި ނެތް ނަމަ، އިންވެސްޓަރުންނެއް ނާންނާނެ އެވެ. ނުވަތަ މަދުވެގެންދާނެ އެވެ. ރާއްޖެއާއެކު ކުރިއަށް ގެންދާ ވިޔަފާރީގެ މުއާމަލާތްތައް މަދުވެގެންދާނެ އެވެ.
ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުޑަ އިގްތިސޯދުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ނަމަވެސް، މިނިސްޓަރު ވިދާޅުވީ ރާއްޖެއާއެކު ވިޔަފާރި ކުރަން ގިނަ ބަޔަކު، އަދި ގިނަ ގައުމުތަކެއްގެ ވިސްނުން ހުންނަނީ ސަބަބެެއް އޮވެގެނެވެ.
"ވިދާޅުވެބައްލަވާ، ކިހިނެއްތޯ ކޮންސްޓްރަކްޝަން ދާއިރާއިން މިދިޔަ އަހަރު 40 ޕަސެންޓްގެ ކުރިއެރުމެއް ލިބުނީ؟ އިންފްލޭޝަން ހުރީ ދެ ޕަސެންޓްގައި ހިފެހެއްޓިފަ. އެންމެ ގިނަ ވަޒީފާގެ ފުރުސަތު ވާނީ ފަހި ކޮށްދީފަ. ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދާ އެއްވެސް ރަށެއް ނެތް. ސަރުކާރުގެ އަމާޒަކީ ގައުމުގެ ޖީޑީޕީ މިންވަރު 6،500 ޑޮލަރުން 12،000 ޑޮލަރަށް އިތުރުކުރުން،"
ސަރުކާރުގެ އަމާޒު، ވިޝަން، މިނިސްޓަރު ވިދާޅުވި ގޮތުގައި ނަމަ، ވަރަށް ސާފެވެ. އެއީ ކިތަންމެ ބޮޑު އިގްތިސާދަކާއެކު ވިޔަފާރިކުރި ނަމަވެސް އިގްތިސާދާއި ވިޔަފާރިތަކަށް ހިމާޔަތް ދިނުމެވެ. ފަހި މާހައުލެއް ބޭއްވުމެވެ. ރައްޔިތުންނަށް ތަރައްގީ ގެނެސްދީ، ގައުމުގެ މޫނުމަތި އެއްކޮށް ބަދަލުކޮށްލާ ތަރައްގީއެއް ގެނެސް ދިނުމަށް ސަރުކާރުން މެކުހަށް ޖެހުމެވެ.
މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި އެކަން ހަގީގަތަކަށް ހަދަން ރައީސް ޔާމީން އާއި ސަރުކާރުގެ ހިތްވަރު އެބަހުއްޓެވެ. އަދި މި ސަރުކާރުގެ ވަރު ދައްކާނީ ވާހަކައިންނެއް ނޫނެވެ. މިހާރުގެ ސަރުކާރަކީ ނަތީޖާއިން ވަރުދައްކާ އެކަމުގެ ހިތްވަރު ހުރި ސަރުކާރެކެވެ.
"ސަރުކާރާއި އެންގޭޖްވުމަށް މިއަށްވުރެ ރަނގަޅު ވަގުތެއް ނެތް. މިހާރު ދުނިޔޭގެ ހާލަތަށް ބަލާފަ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގާބިލިއްޔަތު، ކެރުން، ހިތްވަރު ރައީސް ޔާމީނަށް ލިބިވަޑައިގެންފައިވޭ. އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ އެއްވެސް ޝަރުތެއްނެތި ރައީސް ޔާމީނަށް އިތުބާރު ކުރެއްވުން. މިއަދު، އެކަންކުރާއިރު، އަމިއްލަ ނަފްސަށް ވެސް އިތުބާރު ކުރަންޖެހޭ. އަޅުގަނޑުމެންގެ ކާބަފައިން މިހާތަނަށް ގައުމު ގެނެސްދީފައިވަނީ ވަރަށް ގިނަ ގުރުބާނީތަކެއް ވެގެން، މިއަދު ގައުމު ކުރިއަށް ގެންދިޔުމަކީ އަޅުގަނޑުމެންނަށް އޮތް ވާޖިބެއް."
ސަައީދު ވިދާޅުވި ސަރުކާރުން ކުރާ ކަންތައްތަކުގެ ތެރެއަށް ރައްޔިތުން ވަދެގަންނަށް ޖެހެ އެވެ. ސަރުކާރުގެ ފަރާތުން މައުލޫމާތު ހޯދާ ސަރުކާރާއި ކަންކަން ހިއްސާކުރަން ޖެހެ އެވެ. މިހާތަނަށް ރައްޔިތުންނާއި މައުލޫމާތު ހިއްސާކުރުމަށް ދެ ބައްދަލުވުމެއް ބޭއްވިފައިވެސް ވެއެވެ. ޔުނިވާސިޓީގެ ދަރިވަރުންނާއެކު ބޭއްވި ބައްދަލުވުމުން އޭގެ ތެރޭގައި ހިމެނެ އެވެ.
"ސަރުކާރުން ކޮންފިޑެންސާއެކު ކުރިއަށް ގެންދާ މަޝްރޫއުތަކުން ނިކުންނަ ނަތީޖާތައް ހިއްސާކުރުމަށް ނޫންތޯ ގުޑް ގަވަނަންސް ކިޔަނީ؟ އެއަށް ނޫންތޯ މޯރަލް ހައި ގްރައުންޑަކީ ދަރިވަރުން އަމިއްލައަށް ސުވާލުކުުރުމުން އަޅުގަނޑުމެން އިންސްޕަޔާވޭ، އިތުރު ހިތްވަރެއް ލިބޭ،"
ގައުމުގެ ވެރިކަން، ހިންގުން ރައީސް ޔާމީނާއި ހަވާލުވެގެން ދެ އަހަރު ވެފައިވާ އިރު، ވިޔަފާރި އައި އިގްތިސޯދުގައި ދެބަސްނުވެވޭނެ ގިނަ ކަންތައްތަކެއް ފެނިގެން ހިނގައްޖެ އެވެ. ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ އިރު، އޭގެން ނަތީޖާ ފެނުމަށް ވަގުތު ނެގުމަކީ ވެސް ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެ ނަތީޖާ ދެއްކުމަށް ސަަރުކާރަށް ފުރުސަތު ވެސް އޮންނާންވާނެ އެވެ.