ރިޕޯޓް

ރާއްޖޭގެ އިގްތިސާދު ދަށްވޭ ތަ؟

އަހަރު ފެށުނީ ޓޫރިޒަމަށް އާ ދިރުމެއް ގެނެސްދެމުންނެވެ. ޖެނުއަރީ މަހު ޓޫރިސްޓުން އައި އަދަދު 6.5 ޕަސެންޓް އިތުރުވި އެވެ. އަދި ފެބްރުއަރީ މަހު މި އަަދަދު 16.6 ޕަސެންޓަށް އިތުރުވެ، މާޗް މަހު 22 ޕަސެންޓު މަތިވި އެވެ. އަދި އެންމެ ފަހުން ޓޫރިސްޓުން އައި އެޕްރީލް މަހު މިވަނީ ޓޫރިޒަމަށް 36 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. ޓޫރިޒަމްގެ ކުރިއެރުން މި ގޮތުގައި ހުރުމަކީ ރާއްޖޭގެ އިގްތިސާދު ދުޅަހެޔޮކޮށް އޮންނާނެ ކަމުގެ އެއް ހެއްކެވެ. ބޭރުގެ މާލީ އިދާރާ ތަކުން ވެސް ރާއްޖޭގެ އިގްތިސާދާމެދު އިތުބާރު ދޭ އެއް ހެއްކަކީ މި އެވެ. ސުވާލަކީ ޓޫރިޒަމް ހެޔޮހާލުގައި އޮތްއިރު ރާއްޖޭގެ އިގްތިސާދުގައި ހުރީ ކޮން މައްސަލައެއް ހެއްޔެވެ؟ ރާއްޖޭގެ އިގްތިސާދު ހީނަރު ވަނީ ހެއްޔެވެ؟ މައްސަލައަކީ ކޮބައި ހެއްޔެވެ؟

"ރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކީ ޓޫރިޒަމް. މާތްﷲ ގެ އިރާދަފުޅުން ޓޫރިޒަމް މި ފެންނަނީ އުޖާލާކޮށް. ޓޫރިސްޓުން އަންނަ އަދަދު އިތުރުވުން އެކަންޏެއް ނޫން. ޓޫރިސްޓުންގެ ސްޕެންޑިން ވެސް މަތި. ރާއްޖޭގައި އެ މީހުން ތިބޭ މުއްދަތު ވެސް މި އަހަރު ދަނީ މަތިވަމުން. އެހެންވީމަ ރާއްޖޭގެ އިގްތިސާދު ކުރިއެރުން ދަށްވާނެ ކަމަށް ނުބެލެވޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި ޓޫރިޒަމް ސިނާއަތުގެ ވެރިއަކު ވިދާޅުވި އެވެ.

ގައުމު އިގްތިސާދުގެ ކުރިއެރުމުގެ "ސުރުހީތައް" އަބަދުވެސް އަޅަނީ ދުނިޔޭގެ އެންމެ ބޮޑު ދެ މާލީ އިރާދާ ކަމަށްވާ ވޯލްޑް ބޭންކް އާއި އައިއެމްއެފުންނެވެ. މި ދެ ފަރާތުން ލަފާކޮށް ނެރޭ ރިޕޯޓުތައް ގިނަ ފަހަރު ދިމާވެ އެވެ. މި ދެ ފަރާތުން ދާދިފަހުން ވަނީ ގާތް ގާތުގައި ރާއްޖޭގެ ރިވިއުތަކެއް ނެރެފަ އެވެ.

އައިއެމްއެފް/ ވޯލްޑް ބޭންކުން އެއް ވާހަކައެއް

އައިއެމްއެފުން ނެރެފައިވާ ރާއްޖޭގެ އިގްތިސާދުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓޫރިޒަމްގެ ކުރިއެރުމާއެކު، އިގްތިސާދުގެ ދުވެލި މި އަހަރު ހުންނާނެ ކަމަށް އަންދާޒާ ކުރަނީ 6.5 ޕަސެންޓުގަ އެވެ. މިއީ މި އަދަދަކީ މިދިޔަ އަހަރު ހުރި 7.5 ޕަސެންޓާ އަޅާބަލާނަމަ ދަށްވުމެކެވެ. އެކަމަކު މީގެ މާނައަކި ރާއްޖޭގެ އިގްތިސާދު ދަށް ވެގެން ދިއުމެއް ނޫނެވެ. އެކަން ވަނީ އައިއެމްއެފުން ފާހަގަ ވެސް ކޮށްފަ އެވެ. ނަމަވެސް ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ރާއްޖޭގެ އިގްތިސާދުގެ ކުރި އެރުން "މަޑު ޖެހޭނެ" ކަމަށް ބުނެފައިވެ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟

ދެކުނު އޭޝިއާގެ އިގްތިސާދުތަކުގެ ކުރިއެރުމާ ބެހޭ ގޮތުން ވޯލްޑް ބޭންކުން އާއްމުކުރި ރިޕޯޓުގައިވާ ގޮތުން، 2021 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް މަޑުޖެހުމެއް އަންނާނެ އެވެ. މި ރިޕޯޓުގައި ވޯލްޑް ބޭންކުން "މަޑު ޖެހުން" މާނަކޮށްފައި އެ ވަނީ މިހާރު ރާއްޖޭގައި ކުރި އަށް ގެންދާ އިންވެސްޓްމަންޓްތައް އެ ވަގުތަށް ނިމޭނެތީ އެވެ. އަދި މިހާރު އެ ފަދަ ބޮޑެތި އާ އިންވެސްޓްމަންޓް ތަކެއް ފެންނަން ނެތުމުން އެ ޖަމިއްޔާ އިން އެގޮތަށް ފޯކާސްޓް ކޮށްފައިވަނީ އެވެ.

ވޯލްޑް ބޭންކުގެ އިގްތިސާދު "މަޑުޖެހޭނެ ކަމަށް" ބުނި ނަމަވެސް އައިއެމްއެފުން ރާއްޖެ އަށް ޒިޔާރަތް ކުރުމަށްފަހު، ޔަގީންކަން ދެނީ ރާއްޖޭގެ އިގްތިސާދާމެދު އޮތް އިތުބާރެވެ. އެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި އާ ސަރުކާރުން ފަށާ އުމްރާނީ ތަރައްގީގެ އާ މަޝްރޫއުތަކާއެކު، ކަރަންޓު އެކައުންޓުގެ ޑެފިސިޓް ކުޑަ ކުރެވޭނެ އެވެ. އަދި މި އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފުޅާވެ، އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރައި އިންވެސްޓްމަންޓްތައް އިތުރު ވެގެންދާނެ ކަމަށް ބުނެފައިވެ އެވެ. މިއީ ލިބޭ ޔަގީން ކަމެކެވެ.

ފިޗަށް ރާއްޖެއާ މެދު ޔަގީންކަން

ރާއްޖޭގެ އިގްތިސާދުގެ ދުޅަހެޔޮކަން ބަލާނެ އެންމެ ބޮޑު އެއް ދުރުމިއަކީ ބޭރުގެ ކްރެޑިޓް ރޭޓިން އެޖެންސީ ތަކެވެ. އެ މީހުންގެ މިނިވަން ދުރުމިން އަޅައި ނެރޭ ރޭޓިންއަކީ އިންވެސްޓަރުންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައި ގަންނާނެ އެއް އަދަދަށްވެ އެވެ. މިގޮތުން ރާއްޖޭ ރޭޓް ކުރަން ހޮންކޮންގްގެ ފިޗް އާއި މޫޑީސްއާ ވަނީ ހަވާލުކޮށްފަ އެވެ. މި ދެ ކުންފުނިން ދަނީ ބަރާބަރަށް ރޭޓިން އާއްމު ކުރަމުންނެވެ. މިގޮތުން މި އަހަރު އެންމެ ފަހުން ރޭޓިން ނެރެފައިވަނީ މެއި މަހު އެވެ. މި ރޭޓިން ނެރުނީ ފިޗުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ ކަމަށްވާ ފިޗުން ރާއްޖެއަށް ދީފައިވަނީ "ބީ ޕްލަސް" ރޭޓިން އެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އެ ކުންފުނިން ދެމުން ގެންދާ ރޭޓިން އެވެ. އެ ކުންފުނިން ވަނީ މި އަހަރުވެސް ރޭޓިން ދަމަހައްޓައިފަ އެވެ.

ފިޗުން ބުނެފައިވާ ގޮތުގައި "ބީ ޕްލަސް" ރޭޓިންގެއް ރާއްޖެ އަށް ދީފައިވަނީ އިތުރުވަމުން އަންނަ ދަރަންޏާއި ކުރާ ހަރަދުގެ ނިސްބަތުން ބޭރުގެ ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން އަރައިގަތުމުގެ ގާބިލުކަން ހުރިކަން ފާހަގަ ކުރެވޭތީ ކަމަށެވެ.

"ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީ އިތުރުވަމުންދާ މިންވަރާއި، ކުރިއަރަމުން އަންނަ ޓޫރިޒަމް ސިނާއަތުން ލިބެމުންދާ އާމްދަނީ އިތުރުވާނެކަމަށް ކުރެވޭ އަންދާޒާގެ އިތުރުން ސްޓްރަކްޗަރަލް އިންޑިކެޓަރުގެ ދުޅަހެޔޮކަން،" ފިޗުން ބުނެފައިވެ އެވެ.

ފަށަންވީ ބޮޑު އެއް މަޝްރޫއު ؟

މިހާރު ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމެވެ. އެ މަޝްރޫއުގެ އަގު އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ. ޗައިނާ ކުންފުންޏަކުން މި މަޝްރޫއުގެ މަސައްކަތް ހިންގިނަމަވެސް މިފަދަ މަޝްރޫއުތަކުން ދައުރުވާ ފައިސާ އިގްތިސާދުގެ ތެރޭގަ ހުރެ އެވެ. މީގެ އެއް މިސާލަކީ އެނބޫދޫ ފަޅު މަޝްރޫއެވެ. މިވެސް އެއް ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެކެވެ. ތައިލެންޑުގެ ކުންފުންޏަކުން ހިންގާ މި މަަސައްކަތުގެ މައިގަނޑު ބައިތައް ތަރައްގީ ކުރަނީ ދިވެހި ކުންފުނިތަކުންނެވެ. ދިވެހި ކުންފުނިތަކުން މި ފަދަ މަސައްކަތްތައް ކުރުމުގެ ނަތީޖާއަކީ އިގްތިސާދުގައި ދަތުރުވާ ފައިސާ އިތުރުވެ ދެވަނަ ސިނާއަތް ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުން ލިބުމެވެ. އެހެންވެ މިފަދަ މަޝްރޫއުތައް ރާއްޖެއަށް ބޭނުންވަނީ އެހެންވެ އެވެ.

އިގްތިސާދީ މާހިރުންގެ ނަޒަރުގައި މިހާރު ރާއްޖެ އަށް ބޭނުންވާ އެންމެ ބޮޑު އެއް މަސައްކަތަކީ މާލެ ވިޔަފާރި ބަނދަރު ތަރައްގީކުރުމެވެ. މި ވަގުތަށް ކުރިއަށް ގެންދަން ޖެހޭ ބިޔަ މަޝްރޫއަކީ މި އެވެ. ފިނޭންސް މިނިސްޓްރީން ވަނީ މި މަޝްރޫއު ފަށަން ތައްޔާރު ވެސް ވެފަ އެވެ. އަދި ސަރުކާރުން ބުނެފައިވަނީ މަޝްރޫއު މި އަހަރު ފަށާނެ ކަމަށެވެ. އެހެންވެ، މިވަގުތު އަވަސް ކުރަން ޖެހޭ އެއް މަޝްރޫއަކީ މިއީ ކަމަށް މާހިރުން އެއްބަސްވެ އެވެ.

"މި ކިޔަނީ ބޮޑު ބަނދަރެއް ތަނަކަށް ބަދަލު ކުރާ ވާހަކަ. އާ ބަނދަރެއް ހަދާ ވާހަކަ. މި ފަދަ މަސައްކަތެއް ކުރާނަމަ ގިނަ އަދަދެއްގެ މުދަލާއި މެޝިނަރީ އިމްޕޯޓް ކުރާނެ. މިފަދަ ކަންކަމުން އިގްތިސާދު ވަރުގަދަ ވާނީ. މިކަން ފަށަން ވީ އެންމެ އަވަހަށް،" އިގްތިސާދީ މާހިރެއް ވިދާޅުވި އެވެ.

ސުވާލަކީ މި ފަދަ ބިޔަ މަޝްރޫއުތައް ނުފެށި ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ އުންމީދާއިއެކު ގެނައި ސަރުކާރުގެ ބުރަފަތި ބާރަށް އަނބުރައި ނުލެވިގެން އުޅެނީ މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ނެތީ ހެއްޔެވެ؟ ނުވަތަ އެކަން ކުރާން ނޭނގެނީ ހެއްޔެވެ؟

ސަރުކާރުން ތަކުރާރުކޮށް ބުނަނީ މަޝްރޫއުތައް ލަސްނު ވާނެ ކަމަށެވެ. މަޝްރޫއުތައް ކަނޑައަޅާ ގޮތަށް ކުރިއަށްދާނެ ކަމަށެވެ. ނަމަވެސް ފާޑު ކިޔާ ފަރާތްތަކާއި އިނދިކޮޅުން ތަކުރާރުކޮށް ބުނަނީ ސަރުކާރުން އޮތީ ފަހަތުފަޔަށް މާބޮޑަށް ބުރަވެފައި ކަމަށެވެ. ހަމަ ނުވަނީ އެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި "ރާއްޖޭގެ އިގްތިސާދު ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޮޑު އަނދިރި ކްރެޑިޓް ލައިންތަކާއި ހިލޭ އެހީ އިން ގައުމު ހިންގުމުގެ ސަގާފަތެއް އިއާދަ ކުރުމެވެ"

ކޮންމެއަކަސް ރާއްޖޭގެ އިގްތިސާދުގައި މައްސަލައެއް ނެތެވެ. ބޭރުން ވެސް ދެނީ އެ ޔަގީންކަމެވެ. ނަމަވެސް މިކަން މިގޮތުގައި ބޭއްވޭނީ ރާއްޖޭގައި އިގްތިސާދީ ހަރަކާތްތައް އިތުރު ކޮށްގެންނެވެ.