އެމްއެމްއޭ

ރިސޯޓު ހަދަން ދޫކޮށްގެން އަންދާޒާކުރާ އާމްދަނީ ނުލިބިދާނެ: އެމްއެމްއޭ

އަންނަ އަހަރު އަލަށް ރިސޯޓު ހަދަން ދޫކުރާ ރަށްތަކުން ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ ނުލިބިދާނެކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ބަޖެޓު ކޮމިޓީ އަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އަދި ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަނީ ހާޒިރުކޮށްފަ އެވެ.

ރިސޯޓު ހަދަން ދޫކޮށްފައިވާ 100 އަށްވުރެ ގިނަ ރަށް ނުހެދި އޮއްވާ އަނެއްކާވެސް އިތުރު 15 ރަށެއް ރިސޯޓު ހަދަން ދޫކުރަން ނިންމިކަން ބަޖެޓު ކޮމިޓީގެ މެމްބަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ވިއްކާލާ ރަށްރަށުގެ ތެރެއިން ކޮންމެ ރަށަކުން އެއް މިލިއަން ޑޮލަރު ލިބޭނެކަމަށް އަންދާޒާކުރި ނަމަވެސް އެ އަދަދަށް ލިބޭނެކާމެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން މި ސަރުކާރުން ވިއްކާފައި ހުރި ރަށްތަކަށް ބަލާއިރު ވެސް ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރު އެވްރެޖުކޮށް ނުޖެހޭ ކަމަށެވެ. އެހެންކަމުން އަނެއްކާވެސް ޓޫރިޒަމަށް ބަރޯސާވުން ރަނގަޅުތޯ ސުވާލު އުފެއްދެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި ޑެޕިއުޓީ ގަވަރުނަރު އިމާދު ވިދާޅުވީ ރަށްތައް ވިއްކުމުގައި ގޮން ޖެހުންތައް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

""އަޅުގަނޑުމެންގެ ލަފާގައި ވެސް އާ ރިސޯޓު އައިލެންޑްސްގައި ޗެލެންޖަންސް ހުރިކަން ހުންނާނީ ފާހަގަކޮށްފައި. ކުރީ އަހަރުތަކުގައި ވެސް މާކެޓަށް ނެރުނު ރަށްތައް ވެސް ވިއްކުމުގައި ޗެލެންޖަސްތައް އެއީ ބީލަށް ލުމުގައި ޗެލެންޖަސްތައް ހުރި. ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ ލަފާގައި އެކަންކަން ފާހަގަކުރިން" އިމާދު ވިދާޅުވި އެވެ.