ހަބަރު

އިތުރުވި ފްލައިޓްތަކާއެކު ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް

Sep 24, 2019

އެކި ގައުމުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓުތަކުގެ އަދަދު އިތުރުވެ، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.

މަރުކަޒީ ބޭންކުން އާއްމު ކޮށްފައިވާ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޓޫރިޒަމަށް އައިސްފައިވާ ހެޔޮ ބަދަލަށް އެންމެ ބޮޑަށް ހިއްސާއެއް އައީ ވަނީ ޔޫރަޕާއި އޭޝިއާ ޕެސިފިކުން އިތުރުވި ޑިމާންޑާއެކު އެ ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ބޮޑުތަނުން އިތުރުވެގެނެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، ރާއްޖެއަށް ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓުތައް ވަނީ 18 ޕަސަންޓް އިތުރުވެފަ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި މިދިޔަ އަހަރު ފަހު ކޮޅު ރާއްޖެއަށް ދަތުރުތައް ފެށި އިންޑިގޯ އަދި ގޯ އެއާ ފަދަ އެއާލައިންތަކާއެކު އެ މުއްދަތުގެ ތެރޭގައި 1،000 އަށް ވުރެ ގިނަ ފްލައިޓް ވަނީ އިތުރުވެފަ އެވެ.

އޭގެ އިތުރުން، ގަތަރު އެއާވޭސް އާއި އެތިހާދުގެ އިތުރުން އޮމާން އެއާގެ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފައި ވުމަކީ އެ އަދަދު އިތުރުވި ސަބަބެއްގެ ގޮތުގައި ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ.

އިތުރުވި ފްލައިޓްތަކާއެކު، މި އަހަރުގެ ޖޫން މަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 19 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 862،589 ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 726,515 ގަ އެވެ.

ޓޫރިސްޓުންގެ އަދަދު އެހާ ބޮޑުތަނުން މަތިވެފައި ވަނީ ޔޫރަޕުން އައި މީހުންގެ އަދަދު އިތުރު ވެގެން ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ. އެގޮތުން، ޔޫރަޕުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 17 ޕަސެންޓް އިތުރެވެ. އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ 34 ޕަސެންޓާއެކު އިޓަލީންނެވެ.

އޭޝިއާ އަދި ޕެސިފިކް ސަރަހައްދުން އައި ޓޫރިސްޓުންގެ އަދަދު ވެސް 20 ޕަސަންޓް އިތުރުވެފައިވާއިރު، އިންޑިއާ ފަތުރުވެރިންގެ އަދަދު ވަނީ 100 ޕަސަންޓް އިތުރުވެފަ އެވެ.

ޓޫރިސްޓުން އައި އަދަދު އިތުރުވި ނަމަވެސް، އެމީހުން ރާއްޖޭގައި އެވަރެޖުކޮށް ހޭދަކުރާ ރޭގެ އަދަދު ވަނީ ދަށްވެފަ އެވެ. ނަމަވެސް، ޓޫރިޒަމުން ލިބުނު އާމްދަނީ ހަތް ޕަސަންޓް އިތުރުވެ، މިއަހަރުގެ ޖޫން މަހާ ހަމައަށް 1.7 ބިލިއަން އެމެރިކާ ޑޮލަރު އެ ސިނާއަތަށް ލިބިފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.