އެމްއެމްއޭ

އިގުތިސާދު 12.3 ޕަސެންޓަށް ކުރި އަރާނެ: އެމްއެމްއޭ

ރާއްޖޭގެ އިގުތިސާދު މިއަހަރުގެ ނިޔަލަށް 12.3 ޕަސެންޓަށް ކުރި އަރާނެ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ އިގުތިސާދު ހުރި މިންވަރަށް މިއަހަރު ނިމުމުގެ ކުރިން ވާސިލުވާނެ އެވެ.

އިގުތިސާދު ކުރިއަރާ ސަބަބުތަކުގެ ތެރޭގައި ފަތުރުވެރިކަން ރަނގަޅުވެގެން ދިޔުން ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ފަތުރުވެރިކަމުގެ ބެޑް ނައިޓްސް 33 އިންސައްތަ ކުރިއަރާފައިވެ އެވެ.

ފަތުރުވެރިކަން އަންނަ އަހަރު އިތުރަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ އަންނަ އަހަރު އިގުތިސާދު 7.6 އިންސައްތަ ކުރި އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ފަތުރުވެރިކަން ރަނގަޅުވި ނަމަވެސް ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 ޕަސެންޓަށް މިއަހަރު އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި މުދަލުގެ އަގު އުފުލިފައިވާއިރު ރާއްޖެއަށް މިއަހަރު މުދާ އިމްޕޯޓްކުރާ މިންވަރު އިތުރުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއަހަރު 3.2 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އިމްޕޯޓްކުރާނެ ކަމަށް ލަފާކޮށްފައިވާއިރު މިދިޔަ އަހަރު ރާއްޖެއަށް އިމްޕޯޓްކުރީ 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ މުދަލެވެ.

ރާއްޖޭގެ އިންފްލޭޝަން މިއަހަރުގެ ދެވަނަ ކުއާޓަރުގައި 2.9 އިންސައްތައިގައި ހުރިއިރު އެ އަދަދު ތިންވަނަ ކުއާޓަރުގައި ވަނީ 2.7 އިންސައްތައަށް ދަށަށް ގޮސްފަ އެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލާއި ޑޮމެސްޓިކް އިންފްލޭޝަންގެ ސަބަބުން މިއަހަރު އިންފްލޭޝަން ހުންނާނީ 2.2 އިންސައްތައިގައި ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.