ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދިވެހި ރާއްޖެ އަލުން ހުޅުވާލުން

ބުކިން އިތުރުވާނެ ކަމަށް ލަފާކުރަނީ މަދު ރިސޯޓެއް

Aug 1, 2020

އަންނަ ކްއާޓަރުގައި ބުކިންތައް އިތުރު ވާނެ ކަމަށް ލަފާ ކުރެވެނީ މަދު ރިސޯޓަކުން ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ހެދި ދިރާސާ އިން ދައްކައިފި އެވެ.

އެމްއެމްއޭ އިން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ ކްއާޓަރެއް ނިމުމުން އާންމު ކުރާ "ބިޒްނަސް ސާވޭ" ގައިވާ ގޮތުން ކުރިއަށް އޮތް މި އަހަރުގެ ތިންވަނަ ކްއާޓަރުގައި ރިސޯޓްތަކުގެ ބުކިންގް އިތުރުވާނެ ކަމަށް ލަފާ ކުރަނީ އެ ސާވޭގައި ބައިވެރިވި ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކުގެ އެންމެ ޕަސެންޓެކެވެ.

ނަމަވެސް، ޖޫން މަހުން ފެށިގެން ލޮކްޑައުންގެ ފިޔަވަޅުތަކަށް ދޭން ލުއިތަކާއި، ޖުލައި މަހުގެ މެދުތެރޭގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން، މި އަހަރުގެ ދެވަނަ ކްއާޓަރާއި އަޅާބަލާއިރު، ތިންވަނަ ކްއާޓަރުގައި، ޓޫރިޒަމް ސިނާއަތާއި އިމާރާތް ކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މަސައްކަތްތައް އިތުރުވާނެ ކަމަށް މި ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރި ތަކުން ލަފާ ކުރެ އެވެ.

ނަމަވެސް، މި ސާވޭގައި ބައިވެރިވެފައިވާ ހޯލްސޭލް އަދި ރީޓެއިލް ސިނާއަތައް ނިސްބަތްވާ ވިޔަފާރިތަކުގެ ތެރެއިން ހަތަރުބައި ކުޅަ ތިންބައި ވިޔަފާރި ތަކުން ލަފާ ކުރާ ގޮތުގައި ތިން ވަނަ ކްއާޓަރުގައި ވެސް އާމްދަނީ ދަށްވާނެ އެވެ.

މުވައްޒަފުން އެންމެ މަދުވީ ޓޫރިޒަމް ސިނާއަތުން

އެމްއެމްއޭއިން ބުނި ގޮތުގައި ސިނާއަތްތަކުގެ ތެރެއިން ވަޒީފާ އަދާކުރާ މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް ދަށްވެފައި ވަނީ ޓޫރިޒަމް ސިނާއަތުގެ ވިޔަފާރިތަކުގަ އެވެ. އަދި ދަށްވުމުގެ މައިގަނޑު ސަބަބަކަށް ބެލެވެނީ، ޑިމާންޑް ދަށްވެ ވަގުތީ ގޮތުން ވިޔަފާރިތައް ބަންދުކުރަންޖެހުމާ ގުޅިގެން ވިޔަފާރިތަކުގެ އާމްދަނީ ވަރަށް ބޮޑަށް ހީނަރުވެ، ހަރަދު ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ކޮވިޑް-19 އިގެ ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ވަރަށް ދަތިކަމެކެވެ. އެ ސަބަބުތަކާއި ހެދި މި އަހަރުގެ ތިންވަނަ ކްއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަވާނެ ކަމުގައި ފާހަގަކުރެވޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. މިގޮތުން، އަހަރުގެ ތިންވަނަ ކްއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތައް ދަށް ވެގެންދާނެ އެވެ.

އެ ސާވޭގައި ބައިވެރިވި ހުރިހާ ސިނާއަތްތަކުން ވެސް ބުނެފައިވާ ގޮތުގައި ކުރި އަށް އޮތް ތިންވަނަ ކްއާޓަރުގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވާނެ އެވެ.

ރާއްޖޭގެ ބޯޑަރު މިދިޔަ މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލި ނަމަވެސް ޓޫރިސްޓުން އަންނަން ފަށާނެ ކަމަށް ބެލެވެނީ މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް ނޮވެމްބަރު ޑިސެމްބަރުގަ އެވެ. މި އަހަރު ޖުމްލަ 800،000 މީހުން އަންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެވެ އެވެ.