ދުނިޔޭގެ އެންމެ ބޮޑު އިގްތިސޯދަކީ ޗައިނާ އެވެ. އަދި ދުނިޔޭގެ އެންމެ ކުޑަ އިގްތިސާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ އެވެ. މި ދެ ގައުމުގެ ހުރިހާ ކަމެއްގެ ތަފާތަށް ބަލާއިރު، އުޑާ ބިމާހާ ތަފާތެވެ. ނަމަވެސް މި ދެ ގައުމު މިވަނީ މިނިވަން ވިޔަފާރީގެ އެއްބަސްމެއް ހަދާފަ އެވެ. ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އާއެކު، ސުވާލެއް އުފައްދަން ޖެހެ އެވެ. އެފްޓީއޭގެ ފައިދާ ދިވެހިންނަށް ނެނގޭނެ ހެއްޔެވެ؟ އެކަމަށް އޮތީ ކިހާވަރެއްގެ ފުރުސަތެއް ހެއްޔެވެ؟
މި ސުވާލުތަކަށް ޖަވާބެއް ދެއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވސުވާލު އުފެއްދެވި އެވެ: "ދުނިޔޭގެ އެންމެ ބޮޑު ކޮންސިއުމާ މާކެޓަކީ ޗައިނާ ނޫންތޯ؟ ކުރީގެ ސަރުކާރަކުން ދެއްކީ ކަނޑު ގޮވާން ކުރުމާއި ފަޅު ގޮވާން ކުރުމުގެ ވާހަކަ އެއިން އުފެއްދޭ ތަކެތި އެކްސްޕޯޓް ކުރަނީ ކޮން ތަނަކަށްތޯ މާކެޓު ނުހޯދައި؟"
ޗައިނާ އާއި ރާއްޖެ ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވާގޮތުން، ރާއްޖެއިން ޗައިނާ އަށް 64 ދާއިރާއެއް އަދި ޗައިނާ އިން 98 ދާއިރާއެއް ހުޅުވާލާނެ އެވެ. މިއާއެކު މި ދާއިރާތަކުން ޑިއުޓީ އުނިވެގެންދާ އަދަދުތަކަށް ބަލާއިރު ރާއްޖެއިން ޑިއުޓީ އުނި ކުރާނީ ޗައިނާ އިން ރާއްޖެއަށް ގެންނަ 8،626 މުދަލުން އެވެ.
އަދި ރާއްޖެ އިން ޗައިނާ އަށް އެކްސްޕޯޓް ކުރާ މުދަލުގެ ތެރެއިން 8،277 ބާވަތަކުން ޑިއުޓީ އުނި ކުރާނެ އެވެ. މީގައި މައްސަލައެއް އަންނަނީ ޑިއުޓީ އުނިވެގެން ދިއުމަކުން ނޫނެވެ. މައްސަލަ ޖެހޭނީ އެއްބަސްވުމުގެ ބައެއް މާއްދާތަކުން އުފައްދާ ސުވާލުތަކާމެދުގަ އެވެ.
ހުރި ބޮޑެތި ކަންބޮޑުވުންތައް
ރާއްޖޭގެ އިގްތިސޯދުގައި ހުރި ބައެއް ފުރުސަތުތައް ޗައިނާއަށް ހުޅުވާލާނެ އެވެ. ދިވެހިން އާއްމު ގޮތެއްގައި ވިޔަފާރިކުރާ ހޮޓެލް އެންޑް ރެސްޓޯރެންޓް ދާއިރާ އާއި ލިވަބޯޑް ހިންގުމާއި އޮޕަރޭޓް ކުރުމުގެ ދާއިރާ އޭގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ޓޫރިޒަމް އެންޑް ޓްރެވަލް ރިލޭޝަން ސާވިސަސްގެ ދާއިރާ އާއި ޓްރެވަލް އެޖެންސީ ހިންގުން ވެސް ހިމެނެ އެވެ.
މި ދާއިރާތައް ޗައިނާގެ އިންވެސްޓަރުންނަށް ހުޅުވައިލުމަކީ އޭގެ ބައެއް އިންޑަސްޓްރީތަކަށް ގެއްލުން ލިބޭނެ ނޫނީ ލިބިދާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާކާރުންނާއި އިކޮނޮމިސްޓުން ލަފައެއް ކުރައްވާތީ އެ ކަންބޮޑުވުން އެބައޮތެވެ. މީގެ އެއް ދާއިރާއަކީ ސަފާރީ އޮޕަރޭޓް ކުރުމަށްވާއިރު މިއަށް ގެސްޓްހައުސް ވިޔަފާރި ވަދެގެން ދިއުމުގެ ބިރުވެރިކަން ވެސް އެބައޮތެވެ.
ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ލޭމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު އިގްނާޒް އަލީ ވިދާޅުވި ގޮތުގައި އެފްޓީއޭ އިން މިހާރު ތިލަވެފައިވާ ކަންކަން އެގޮތަށް އޮވެއްޖެނަމަ، އެއީ މުޅި އިންޑަސްޓްރީއަށް އޮތް ނުރައްކަލެކެވެ.
އޭނާ އެގޮތަށް ފާހަގަ ކުރެއްވީ ލިވަބޯޑް ނޫނީ ސަފާރީ ހިންގުމާއި އެއާގުޅޭ ހިދުމަތްތައް ޗައިނާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ދެވޭނެ ގޮތަށް އެފްޓީއޭގައި ހިމަނާފައި އޮންނާތީ އެވެ.
"ޗައިނާ ބަޔަކު އޮޕަރޭޓް ކުރާ އެއްޗަކަށްތާ އަންނާނީ. އެހެވެއްޖެނަމަ އެ މާކެޓުގެ އެއްވެސް ބަޔަކު ނާންނާނެ. މިހާރު ގެސްޓްހައުސްތަކަށް މީހުން އަންނާތީ ސަފާރީތަކަށް އެޑްވާންޓޭޖް އޮވޭ. ނަމަވެސް ބޭރު ބަޔަކަށް ގެސްޓްހުސް ފަދަ ދާއިރާތަކުގައި އިންވެސްޓް ކުރެވޭނަމަ ތިން އިންޑަސްޓްރީއެއްކޮށް އަތް ދަށަށް ދާނެ. މިއީ ބޮޑު ބިރެއް،" އިގްނާޒް ވިދާޅުވި އެވެ.
ޗައިނާ ބަޔަކު އޮޕަރޭޓް ކުރާ އެއްޗަކަށްތާ އަންނާނީ. އެހެވެއްޖެނަމަ އެ މާކެޓުގެ އެއްވެސް ބަޔަކު ނާންނާނެ. މިހާރު ގެސްޓްހައުސްތަކަށް މީހުން އަންނާތީ ސަފާރީތަކަށް އެޑްވާންޓޭޖް އޮވޭ. ނަމަވެސް ބޭރު ބަޔަކަށް ގެސްޓްހުސް ފަދަ ދާއިރާތަކުގައި އިންވެސްޓް ކުރެވޭނަމަ ތިން އިންޑަސްޓްރީއެއްކޮށް އަތް ދަށަށް ދާނެ. މިއީ ބޮޑު ބިރެއްސަފާރީ ދާއިރާގެ ކަންބޮޑުވުން
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި އެފްޓީއޭގެ ސަބަބުން ޓޫރިޒަމްގެ އެއްވެސް ސިނާއަތަކަށް ގެއްލުމެއް ނުވާނެ އެވެ. އަދި އޭގެ ސަބަބުން ރާއްޖެ އަށް ފައިދާ ކުރާނެ އެވެ.
"ކުރިން ގަބޫލު ކުރަމުން އައި އިކޮނޮމިކް އިންޑިކޭޓާސް އިތުރު ވެގެންދާ ގޮތަށް ރައީސް ޔާމީންގެ އިގްތިސާދީ އެޖެންޑާ މިއޮތީ. ކުރިން 1.5 މިލިއަން ޓޫރިސްޓުންނަށް ޓާގެޓް ކުރީ. ނަމަވެސް ރައީސް ޔާމީންގެ ޓާގެޓް މި ކުރައްވަނީ ފަސް މިލިއަން ނޫނީ ހަ މިލިއަން ޓޫރިސްޓުންނަށް. އެހެންވީމަ ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެންދާނެ. ޓެކްސް އިތުރު ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.
ފޭކް ކިޔަން ތިބެންވީތަ؟
މިކަން ބާއްވާށެވެ. އެކަމަކު މި ހަގީގަތް ގަބޫލު ކުރަން އެބަ ޖެހެ އެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުގައި ދުނިޔޭގެ އިގްތިސޯދުގެ "ސުޕަ ޕަވާ" ގެ މަގާމު ޗައިނާ އަތުލުމުގެ ވަގުތު ގާތްވެއްޖެ އެވެ.
އާބާދީގެ ގޮތުން ދުނިޔޭގެ އެންމެ ބިޔަ ގައުމުގެ އިގްތިސޯދު ހުރީ ހަލުވި މިނުގައި މައްޗަށް ހިފާފަ އެވެ. އެއް ދާއިރާއަކުން ނޫނެވެ. ހުރިހާ ދާއިރާއަކުންނެވެ. ހިސާބު ކިތާބުތަކުން މި މަންޒަރު ފެނުނު ނަމަވެސް ޗައިނާގެ ވާހަކަ ދައްކަން ފަށާއިރަށް ފުރަތަމަ ވެސް ގިނަ މީހުންގެ ވިސްނުމަށް އަންނަނީ ހަމައެންމެ ލަފުޒެކެވެ. އެއީ "ފޭކް" އުފެއްދުމުގެ ވާހަކަ އެވެ.
އެކަމަކު، ޗައިނާއަކީ ހަމައެކަނި މި ބާވަތުގެ އުފެއްދުންތެރިކަން އޮތް ގައުމެއް ވެސް ނޫނެވެ. އެ ގައުމުގައި އެކި ރޭންޖުގެ އުފެއްދުންތައް ތައްޔާރު ކުރެ އެވެ. ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ކާރުހާނާތައް ހުރެ އެވެ. އަދި މީގެތެރޭގައި ގިނަ ބްރޭންޑްތަކުގެ ނުފޫޒު ދުނިޔޭގައި ވެސް އެހާ ގަދަ އެވެ. މި ފަދަ ގިނަ ތަކެއްޗަކީ ދިވެހިން ވެސް ދެކިފަރިތަ ބާވަތްތަކެވެ. އަދި ނުފެންނަ ކިތަންމެ އެއްޗެއް ޗައިނާގެ ކުންމިން ފެއާފަދަ ފެއާތަކަށް ދިޔަ މީހުންނަށް ފެންނާނެ އެވެ.
ޗައިނާ ބްރޭންޑުތަކުގެ ތެރެއިން ދިވެހިން އެންމެ ގާތް އެއް އުފެއްދުމަކީ "ވާވޭ" ފޯނެވެ. ދުނިޔޭގެ ސްމާޓް ފޯނުގެ ބާޒާރުގެ ރިޕޯޓްތަކަށް ބަލާއިރު މި އަހަރު ފުރަތަމަ ކްއާޓަރުގައި އެންމެ ގިނަ އިން ހަވަނަ އަށް ވިކިފައިވަނީ މި ފޯނެވެ. މީގެ އިތުރުން މަޝްހޫރު ޓީވީ ބްރޭންޑް "ހައިސެންސް" އާއި އެއާކޯން ބްރޭންޑް "ގްރީ" އަދި "މިޑްއިއާ" ފަދަ އެތައް މަރުކާއެއްގެ އުފައްދަތައް ހިމެނެ އެވެ. އަދި އަންނައުނުމުގެ ވާހަކަ އޮތީ އެވެ.
ޗައިނާއަކީ އަންނައުނު އެންމެ ވަރުގަދައަށް އުފައްދާ ފެޝަނުގެ އެއްމެ އުހުގައި މިހާރު އޮތް ގައުމެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ވެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން މި ފަދަ އެތައް ބްރޭންޑެއް ރާއްޖެ ގެނެސް ވިޔަފާރި ފުޅާ ކުރުމަށް ދޮރު އުޅުވިގެންދާނެ އެވެ.
މުދާ "ޑަމްޕް" ކުރެވޭނެތަ؟
ރާއްޖެ އާއި ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހަދާފައިވާއިރު އެންމެ ބޮޑު އެއް ބިރަކީ މިއީ އެވެ. މީހުން އެ ކިޔާ ގޮތަށް ޗައިނާ މުދާ ގެނެސް ރާއްޖޭގެ ބާޒާރަށް ޑަމްޕް ކުރެވިދާނެ ހެއްޔެވެ؟ މީގެ ޖަވާބަށް ދިއުމުގެ ކުރިން އެހެންކަމެއް ބަލައިލަން އެބަ ޖެހެ އެވެ. ޗައިނާއިން އެފްޓީއޭ އެހެން ގައުމުތަކާއެކު ވެސް ހަދާފައިވެ އެވެ. އަދި ބައެއް ގައުމުތަކާއެކު ދަނީ ވާހަކަތައް ވެސް ދައްކަމުންނެވެ. މިހާތަނަށް އަށް ގައުމަކާާއެކު ޗައިނާއިން މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހަދާފައިވެ އެވެ. މީގެ ތެރޭގައި ދުނިޔޭގެ ވިޔަފާރީގެ އެއް ހަބު ކަމަށްވާ ސިންގަޕޫރު ވެސް ހިމެނެ އެވެ. މީގެ އެއްވެސް ގައުމެއްގައި މުދާ ޑަމްޕް ކުރުމުގެ މައްސަލަ ނުކުމެފައެއް ނުވެ އެވެ.
ރާއްޖެ-ޗައިނާ އެފްޓީއޭ އެއްބަސްވުމުގައިވާ ގޮތުން މުދާ ގެނެސް ޑަމްޕް ކުރުމަކީ މުޅީން މަނާ ކަމެކެވެ. މިކަން މަނާ ކޮށްފައި ވަނީ ދުނިޔޭގެ ވިޔަފާރީގެ ޖަމިއްޔާ، ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ގަވާއިދުގެ ދަށުންނެވެ. ދެ ގައުމަކީ ވެސް ޑަބްލިއުޓީއޯގެ މެންބަރު ދެ ގައުމެވެ. އެފްޓީއޭ އެއްބަސްވުމުގައި މިއީ މަނާ ކަމެއްގެ ގޮތުގައި ބުނެފައި ވެސް އެބައޮތެވެ.
މީގެ އިތުރުން ޗައިނާ އިން ރާއްޖެ ގެންނަން މުދަލުގެ ފެންވަރު ބަލަން ހާއްސަ ލެބެއް ވެސް މި އެއްބަސްވުން ގާއިމް ކުރުމަށްފަހު ހަދަން ޖެހެ އެވެ. "ސްޓޭންޑަޑްސް އެންޑް މެޓްރޮލޮޖީ" ލެބެއް ގާއިމް ކުރަން ވަނީ ދެ ގައުމުގެ އެއްބަސްވެފަ އެވެ.
މި ލެބްގެ ބޭނުމަކީ ޗައިނާއިން ރާއްޖެ ގެންނަ އުފެއްދުންތަކުގެ ކޮލިޓީ ބަލައި ހުއްދަ ދިނުމެވެ. މީގެ އިތުރުން ޗައިނާ ސަރުކާރުން ރާވައި ހިންގާ ތަޖުރިބާ އާއި ތަމްރީން ޕްރޮގްރާމްތަކުގައި ރާއްޖޭން ބައިވެރިވާން ފުރުސަތު ވެސް ހުޅުވިގެންދާނެ އެވެ.
ދިވެހިންނަށް ބައިވަރު ފުރުސަތުތައް
އެފްޓީއޭ އެއްބަސްވުމުގައި ދިވެހިންނަށް ގިނަ ފުރުސަތު ތަކެއް ތަނަވަސް ކޮށްދީފައި ވެއެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެއް ފުރުސަތެއް ދީފައިވަނީ ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމުގެ ސިނާއަތުގަ އެވެ.
އެއްބަސްވުމުގައިވާ ގޮތުން އެފްޓީއޭއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި އެކްސްޕޯޓް ކުރާ މަހާއި މަހުގެ ބާވަތްތައް ހުރިހާ ސީފުޑް ބާވަތް ތަކެއް ހިމެނޭ ގޮތަށް ޑިއުޓީ ނުނަގައި ޗައިނާ އަށް އެތެރެ ކުރަން ރާއްޖެއަށް ވަނީ ހުއްދަ ވީއެވެ.
އަދި ފަސް އަހަރުގެ ތެރޭގައި ޗައިނާ ޓެރިފް ޝެޑިއުލްގައި ހިމެނޭ މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގައި ހިމެނޭ 27 ބާވަތެއްގެ ޑިއުޓީ ކަނޑާލައި ޗައިނާއަށް އެތެރެ ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން ޖުމުލަ 296 މަހާއި މަހުގެ އުފެއްދުންތަކާއި ސީފުޑްގެ ބާވަތްތައް ޑިއުޓީ ނުނަގައި ޗައިނާއަށް އެތެރެ ކުރުމުގެ ފުރުސަތު ރާއްޖެއަށް ފަހިވާނެ އިރު، ރީ-ޕެކްކޮށްގެން ޗައިނާ އަށް ބޭރު ކުރުމުގެ ފުރުސަތު ވެސް ލިބުނީ އެވެ.
ޗައިނާއިން ހުޅުވައިލާ ބައެއް ދާއިރާތައް
- ފޮޓޯގްރަފީ
- ޗައިނާގައި ޓްރެވަލް އެޖެންސީ ހިންގުން
- ޕެކޭޖިން ދާއިރާ
- ރިއަލްއެސްޓޭޓް
- ފްރެންޗައިޒިން
- އޮޑިޓިން އެންޑް ފައިނޭންސް
މި ދާއިރާތަކުގެ ތެރެއިން އެންމެ ހާއްސަކަމެއް ދީފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހި ކުންފުނިތައް ޗައިނާގައި ހިންގުމުގެ ހުއްދަ ލިބޭނެ އިރު ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓްއާ އޮޕަރޭޓަރުން ޗައިނާގެ ތިން ސިޓީއެއްގައި ގާއިމްވެ ތިބެން ހުއްދަ ލިބޭނެ އެވެ. މި ހުއްދަތައް ލިބޭ ސިޓީތަކުގެ ތެރޭގައި ބެއިޖިން އާއި ޝެންހާއީ އަދި ޓިއެންޖިން ހިމެނެ އެވެ. މި ތިން ސިޓީއަކީ ވިޔަފާރީގައި ދެވަނައެއް ނެތް ތަންތަނެވެ.
ޗައިނާއިން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި ގޮތުގައި ގޮތުގައި ދިވެހި ޓްރެވަލް ކުންފުނިތައް ޗައިނާގައި އޮޕަރޭޓް ކުރަން ހުޅުވާލައިދޭ މި ފުރުސަތަކީ ޗައިނާ ސަރުކާރުން އެއްވެސް ގައުމަކަށް މިހާތަނަށް ދިން ފުރުސަތެއް ނޫނެވެ. އެކަމާ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
"އެއީ ޗައިނާއިން ދޭ ވަރަށް ބޮޑު ފުރުސަތެއް. ޗައިނާގައި އޮފީސް ހަދައިގެން ހިންގުމަކީ ދޭ ފުރުސަތެއް ނޫން. މިއީ ރާއްޖެއަށް ހާއްސަ ހުއްދައެއްގެ ދަށުން ލިބޭ އިނާޔަތެއް. ވަރަށް ބޮޑު ފައިދާއެއް ވާނެ،" ޒަމީރު ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ ކުޑަ ގައުމާއި އެންމެ ބޮޑު ގައުމު މިވަނީ އެފްޓީއޭ އެއް ހަދާފަ އެވެ. މިއާއެކު ދެން އޮތީ މިކަމުގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ނަގަން މަސައްކަތް ކުރުމެވެ. ގައިމުވެސް މި އެއްބަސްވުމުން ދިވެހިންނަށް ނެގޭނެ ފައިދާއެއް އޮންނަންވާނެ އެވެ.