ޗައިނާ އެފްޓީއޭ

ސައީދުގެ ރައްދު: އެފްޓީއޭ "މަރެއް" ނުވޭ

ޗައިނާއާއެކު ރާއްޖޭން ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު އޮތީ "މަރުވެފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ނަޝީދަށް ރައްދު ދެއްވައިފި އެވެ.

އަވައްޓެރި އިންޑިއާއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ނޫހެއް ކަމުގައިވާ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި ޗައިނާގެ އެއްބަސްވުމާ ގުޅޭ ގޮތުން ކުރި ސުވާލެއްގެ ޖަވާބަށް ނަޝީދު ވިދާޅުވީ އެއީ ކުރިއަށްދާ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އޭގެ އެއްވެސް ކަމެއް ތަންފީޒު ކުރެވިގެން ވެސް ނުދާ ކަމަށެވެ.

"ޗައިނާއާއެކު ވެފައިވާ އެފްޓީއޭ އޮތީ މަރުވެފައި. އެ އެއްބަސްވުމެއް ކުރިއަކަށް ނުދޭ. އެ އެއްބަސްވުން ތަންފީޒު ކުރެވޭނީ ވެސް މަޖިލީހުން. އަޅުގަނޑަކަށް ނުފެނޭ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންނެއް އެ އެއްބަސްވުމައިގެން ކުރިއަށް ދާން ތާއީދު ކުރައްވާ ތަނެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަަތަކަށް ރައްދު ދެމުން މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ކުރީގެ މިނިސްޓަރު ސައީދު ވިދާޅުވީ ނަޝީދުގެ ވާހަކަތައް ސަރުކާރުގެ އިސްވެރިން ކުށްވެރި ކުރަން ޖެހޭ ކަމަށެވެ. ނަޝީދު ދައްކަވަމުން ގެންދަވަނީ ތާކުންތާކު ނުޖެހޭ ސިޔާސީ ބޭނުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ. ސައީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް، ނަޝީދުގެ އެ ދެކޮޅު ނުޖެހޭ ވާހަކަތައް ކުށްވެރި ކުރެއްވުމަށް ގޮވާލައްވާފައެވެ.

ނަޝީދަށް ރައްދު ދެއްވަމުން ސައީދު ވިދާޅުވީ އެފްޓީއޭ "މަރު" ނުވާ ކަމަށެވެ.

މީގެ ކުރިން ވެސް ނަޝީދު ވަނީ ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ ފަހަރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ނަޝީދުގެ ވާހަކަ ދޮގު ކުރައްވައި އެ އެއްބަސްވުން އުވާލަން ސަރުކާރުން މިހާތަނަށް ނިންމާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އުވާލާނަމަ އެ ކަން ކުރާނީ ދިރާސާ ކުރުމަށް ފަހުގައި މިނިސްޓަރު ޝާހިދު އޭރު ވިދާޅުވެފައިވެ އެވެ.

ކުރީ ސަރުކާރުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމް ކުރުމަށް ގިނަ މަޝްވަރާތަކަށް ފަހު އެއްބަސްވުމެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ވަރަށް އަވަސް އަރުވާލައިގެން ފާސް ކުރި އެވެ. އޭރު އިދިކޮޅު ފަރާތްތަކުން ވަނީ ކޮމިޓީން އެ އެއްބަސްވުން އެކަށީގެންވާ މިންވަރަށް ދިރާސާ ނުކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެން ނަމަވެސް 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ކުއްލި ޖަލްސާއެއް ބާއްވާ ވަނީ އެ އެއްބަސްވުމަށް ރުހުން ދީފަ އެވެ.

އޭގެ ފަހުން 2017 ވަަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ރާއްޖޭގެ އިސްވެރިންގެ ވަފުދެ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފަ އެވެ. ބެއިޖިންގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި ހަފްލާގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާން އެވެ.