ރާއްޖޭގެ ހާލަތު ގޯހުން ގޯހަށްދާއިރު، ޗައިނާގެ އެހީތެރިކަން ހޯއްދެއްވުމަށް އެ ގައުމުގެ ރައީސް ޝީޖިންޕިންއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނުގުޅުއްވަނީ ކޮން ހުއްދައެއް ނުލިބިގެންތޯ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސުވާލު ކުރައްވައިފި އެވެ.
ކޮވިޑް-19ގެ ނުރައްކާ ރާއްޖެއަށްވެސް ވަނީ ބޮޑުވެފައެވެ. އެކަމުގެ ސަބަބުން ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް ވަނީ އިތުރުކުރަން ޖެހިފައެވެ. އަދި ރާއްޖެ ހުއްޓިފައިވާތީ އިގްތިސާދީ މައްސަލަތަކެއްގެ ތެރެއަށްވެސް ރާއްޖެ ވެއްޓިދާނެ ކަމުގެ ބިރުވަަނީ ހީވެފައެވެ.
ރާއްޖޭގެ ހާލަތު ބަޔާންކޮށްދީ އަދި ރާއްޖެއަށް އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން ގައުމުތަކުގެ އިސްވެރިންނާ ރައީސް ސޯލިހް ގެންދަވަނީ ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވަމުންނެވެ. އެގޮތުން އިންޑިއާގެ ބޮޑުވަޒީރާ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވާފައިވެއެވެ.
އަދި ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލްގެ އިތުރުން ބަންގްލަދޭޝްގެ ރައީސާވެސް އިއްޔެ ފޯނުން ގުޅުއްވާ މަޝްވަރާކުރައްވާފައިވެއެވެ.
ކުރީގެ މިނިސްޓަރު ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހާލަތު ގޯސްވެ، ފައިސާ ޗާޕްކުރަންޖެހޭ ހާލަތަށްގޮސް، ޓެސްޓް ކިޓްތަކާއި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ތަކެތި ހުސްވިއިރުވެސް ގައުމުތަކަށް އެހީވުމުގައި އެންމެ ކުރީގައި އުޅޭ ޗައިނާގެ ރައީސަށް، ރައީސް ސޯލިހް ނުގުޅުއްވާ ކަމަށެވެ.
އަދި އެކަން ނުކުރައްވަނީ ކޮން ހުއްދައެއް ނުލިބިގެންތޯ ސައީދު ސުވާލުކުރެއްވިއެވެ.
ކޮވިޑް-19ގެ ނުރައްކާ އެންމެ ފުރަތަމަ ފެށުނީ ޗައިނާއިންނެވެ. ނަމަވެސް ޗައިނާއިން ވަނީ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާ އެ ބަލި ކޮންޓްރޯލްކޮށްފައެވެ. އަދި މިއަދު އެ ގައުމުގައި ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ ހާހަކަށްވުރެ މަދުކޮށްފައެވެ.
އެެކަމާއި ގުޅިގެން ދުނިޔޭގެ ބާރުގަދަ އެތައް ގައުމަކުންވެސް ވަނީ ޗައިނާގެ އެހީތެރިކަން ހޯދާފައެވެ. އަދި ޗައިނާއިން ގެންދަނީ ބޭހާ، ސިއްހީ ސާމާނު އަދި ޑޮކްޓަރުންގެ ޓީމްތައްވެސް ގައުމުތަކަށް ފޮނުވަމުންނެވެ.
ޗައިނާއިން ވަނީ ރާއްޖެއަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. ރައީސް ސޯލިހް ޗައިނާގެ ރައީސާ ނުގުޅުއްވިނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޗައިނާގެ އެކި ފެންވަރުގެ ބޭފުޅުންނާ ގުޅުއްވާ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ-ޗައިނާ ގުޅުން ވަރަށް ބޮޑަށް ބަދަހިވީނަމަވެސް މި ސަރުކާރު އައުމާއެކު އެ ގުޅުން ވަނީ ހީނަރުވެފައެވެ. ނަަމަވެސް ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރާނެ ކަމަށް ސަރުކާރުން ބުނެއެވެ. ޗައިނާ-ރާއްޖެ ގުޅުން ގޯސްވުމުގެ އެންމެ ބޮޑު އަސްލަކީ ޗައިނާއާ ގުޅޭގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ތަފާތު ވާހަކަފުޅުތަކެވެ.