އުއްތަމަ ފަނޑިޔާރު

ބޭއިންސާފު ނެތްކަން ކަށަވަރުވާ ވަރަށް ހުކުމުގެ ސަބަބު ކަނޑައަޅަންޖެހޭ: އުއްތަމަ ފަނޑިޔާރު

  • ހުކުމްކުރުން ބިނާވަނީ ވިސްނުމުގެ ނަޒާހަތްތެރިކަމަށް
  • އޯގާތެރިވުމަކީ ވެސް އަދުލު އިންސާފުގެ ސިފައެއް
  • ދެފުށް ފެންނަ ގޮތަށް ޝަރީއަތްތައް ހިންގުމަކީ ރުކުނެއް

ބޭއިންސާފުގެ އެއްވެސް އުޒުރެއް ނެތްކަން ކަށަވަރުވާ ވަރަށް ހުކުމްގެ ސަބަބުތައް ކަނޑައަޅަން ޖެހޭ ކަމަށާއި އަދުލް އިންސާފުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނީ ހުކުމް ތަންފީޒުކުރުން ބިނާވެގެން ވަނީ ވިސްނުމާ ފިކުރުގެ ނަޒާހާތްތެރި ކަމުގެ މައްޗަށް ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންގެ މަހާސިންތާ ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ވިސްނުމާ ފިކުރުގެ ނަޒާހަތްތެރިކަމުގެ މައްޗަށް ގާނޫނުގެ ހުކުމް ތަންފީޒުކުރުން ބިނާވެފައިވާއިރު އެ ނަޒާހަތްތެރިކަން ނެތި އަދުލުވެރި ހުކުމެއް ކަނޑަނޭޅޭނެ ކަމަށެވެ.

"ފަނޑިޔާރުންގެ ސުލޫކުތައް ނުވަތަ އަމަލުތައް ހުންނަންވާނީ އަމާނަތްތެރިކަމާ ތެދުވެރިކަމާއެކު ކަމަށްވެ، އިތުބާރަށް ބުރޫއަރާފަދަ ކަމެއް ކޮށްގެން ނުވާނެ، މި ނަޒާހަތްތެރިކަމުގެ ތެރެއިން އެންމެ މުހިންމު ބަޔަކީ ފިކުރީ ނަޒާހަތްތެރިކަން، ތެދުވެރިކަމާއެކު ހަގީގަތް ހޯދާ އޭގެ މައްޗަށް ހަމަހަމަ ވިސްނުންތެރިކަމާ ހިކުމަތްތެރި ކަމާއެކު ސަލާމަތް ބުއްދީގެ ހަމަތަކާ އެއްގޮތްވާ ގޮތަށް އަދި އަދުލު އިންސާފުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގާނޫނުގެ ހުކުމް ތަންފީޒުކުރުން ބިނާވެގެން ވަނީ ވިސްނުމާ ފިކުރުގެ ނަޒާހަތްތެރިކަމުގެ މައްޗަށް، މި ނަޒާހަތްތެރިކަން ނެތި ހުކުމް ބިނާކުރާ ސަބަބުތައް ރަނގަޅަށް ބަޔާންކޮށް އަދުލުވެރި ހުކުމެއް ކަނޑައެއް ނޭޅޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ބޭއިންސާފުގެ އެއްވެސް އުޒުރެއް ނެތްކަން ކަށަވަރުވާ ވަރަށް ހުކުމްގެ ސަބަބުތައް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އަދި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން މައްސަލާގައި ހިމެނޭ މީހުންގެ މަސްލަހަތުތައް ހިމާޔަތްކުރުމާއި ދެވޭ މިންވަރަކަށް ލުޔެއްދީ އޯގާތެރިވުމަކީ ވެސް އަދުލު އިންސާފުގެ ހާއްސަ ސިފައެއް ކަމަށެވެ.

"ދެފުށް ފެންނަ ގޮތަށް ޓްރާންސްޕޭރެންޓްކޮށް ޝަރީއަތްތައް ހިންގުމަކީ އެންމެ މުހިންމު އެއް ރުކުން، ގާނޫނީ ގޮތުން ގާއިމުކޮށްފައިވާ މުސްތަގިއްލު ކޯޓުތަކުގައި ހާމަކަމާއެކު އާންމުކޮށް ހުޅުވާލައިގެން ޝަރީއަތްކުރުމުގެ ހިޔާލުތަކާއި އުސޫލުތައް ބިނާވަނީ މިކަންކަމުގެ މައްޗަށް، މީގެ އިތުރުން ވެސް ޒަމާނީ ކޭސް މެނޭޖްމެންޓްގެ ގޮތްތަކާއި ވަސީލަތްތަކަށް ފަނޑިޔާރުން ތަމްރީނުވެ ގާބިލުވުމަކީ ވަރަށް މުހިންމު ކަމެއް،" އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އިތުރަށް ވިދާޅުވީ، މާތްވެގެން އިސްލާމްދީނުގެ އުސޫލުތަކަށް ތަބާވާ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ. އަދި ގާނޫނީ ހަރުދަނާ ތަރަހައިގެ މައްޗަށް ގާއިމުވެފައިވާ ދައުލަތެއްގެ ގޮތުގައި ދިވެހި ދައުލަތް އޮތުމެވެ.