ހަބަރު

ޕީޖީގެ މިނިވަންކަމެއް ނެތް، އޭނާ އިމްޕީޗް ކުރާނަން: ޖޭޕީ

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒް މުހުސިންގެ މިނިވަންކަމާ މެދު މިހާރު ސުވާލުއުފެދިފައިވާ ކަމަށާއި އެމަގާމުން އޭނާ އިމްޕީޖް ކުރަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައިވާ އަނބުރާ ގެންދިޔުމަށް ގާސިމް ގޮވާލެއްވުމުން އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ރޭ ވިދާޅުވެފައި ވާތީ އެކަމާ ގުޅޭ ގޮތުން ޖޭޕީގެ ނައިބު ލީޑަރު، އަމީން އިބްރާހިމް ވިދާޅުވީ ޕީޖީ ހުންނެވީ ސިޔާސީ ވަކި ބައެއްގެ ނުފޫޒު ތަކުގެ ތެރޭގައި ފިތފައި ކަމަށެވެ. އަދި ރާއްޖޭގައި ސިޔާސީ މައިދާނުގައި ހިނގާ ކޮންމެ ކަމަކަށް ޕީޖީ ރަނގަބީލު ޖެއްސެވުމަކީ ޕީޖީގެ މިނިވަންކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ރާއްޖޭގައި މހާރު ހުންނެވީ، މިނިވަން އިންސާފުވެރި ޕީޖީއެއް ނޫނެވެ.

"ގާނޫނު އަސާސީގައި މި ބުނަނީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ހުންނަ ޕީޖީ އެކޭ ރާއްޖޭގައި ހުންނަވާނީ. އެކަމަކު ކަންކަން ވެފައި ހުރި ގޮތަށް ބަލާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ ވަކި މީހަކު ބުނާ އެއްޗެއް ބުނާ ގޮތަކަށް ބުނަން ހުންނަ ބޭފުޅެއްހެން ޕީޖީ އަކީ. އެހެން ވީމާ، އެބޭފުޅާ އެ ހުންނަވަނީ ބައެއްގެ ނުފޫޒުގައި ފިތިފައި. ރައްޔިތުން ނިކުމެ އެބަ ޖެހޭ ޕީޖީއަށް ޖަވާބު ދޭން. އެބޭފުޅާ އިމްޕީޗް ކުރަން އެބަ ޖެހޭ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެވަނަ ފުރުސަތުގެ ދަށުން ކަމަށް ބުނެ އުސޫލެއް ހަދައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި ފަރާތްތަކަށް ވެސް ދައުވާ ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މައްޗަށް ދައުވާއެއް ނުކޮށް ފިޔަވަޅެއް ނާޅާއިރު ގާސިމް އިބްރާހިމް ހިޔާލެއް ފާޅުކޮށްލުމުން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރެއްވުމަކީ ސިޔާސީ ބިރުދެއްކުމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ. އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޕީޖީ މިހާ ހިސާބުން މި ވަނީ މައިތިވާން ޖެހިފަ އެވެ. ނޫން ނަމަ ރައްޔިތުން ނުކުމެ މައިތިރި ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

"ސުވާލު އުފެދޭ ގޮތަށް ޕީޖީގެ އަމަލުތައް މި ހުންނަނީ. އެހެން ވީމާ އަޅުގަނޑުމެން ރައްޔިތުން ނިކުމެ ނަމަވެސް އެބަ ޖެހޭ މައިތިކުރަން. އެހެން، ނޫނީ ރައްޔިތުން އޭނާ އިމްޕީޖް ކުރާނެ،" އަމީން ވިދާޅުވި އެވެ.

އެ ޕްރެސްގައި އެމްޑީޕީގެ ފަރާތުން ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ، ޕީޖީ ރޭ މީޑިއާތަކަށް މައުލޫމާތު ދެއްވުމުގައި ގާސިމާ މެދު ޒާތީ ގޮތުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އެގޮތުން އެބޭފުޅާ އަކީ ތައުލީމެއް ނެތް ވަރަށް ދަށު ދަރަޖައިގެ ބޭފުޅެއް ކަމަށް ޕީޖީ ވިދާޅުވެފައިވާ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. މިއީ ޕީޖީ ފަދަ މަގާމެއްގައި ހުންނަވ ބޭފުޅަކު ދައްކަވަން ޖެހޭ ފަދަ ވާހަކަތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޕީޖީ ރޭ ކަންބޮޑުވުން ފާޅު ކުރެއްވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ދައުވާ ކުރަން ނުޖެހޭ ކަމަށް ވިދާޅުވެ އެއީ ސިޔާސީ ދައުވާއެއް ކަމަށް ޕީޖީ އަށް ރައްދު ކުރައްވާ ގާސިމް ވިދާޅުވުމުންނެވެ. ޕީޖީ މުހުތާޒް އެވާހަކަޔާ ގުޅިގެން ވިދާޅުވީ ޕީޖީ އޮފީހުން ސިޔާސީ ދައުވާއެއް ނުކުރާ ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފަށް ގާސިމް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.