ވިޔަފާރި

ނައިފަރު އަންހެނުންގެ ދިވެހި އުފައްދުންތައް މިފްކޯއިން ވެލިއު އެޑްކޮށްގެން ވިއްކަނީ

ނައިފަރު އަންހެނުންގެ ދިވެހި އުފެއްދުންތައް މިފްކޯއިން ގަނެ، ވެލިއު އެޑްކޮށްގެން ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ފެލިވަރުގައި މިމަހުގެ އެއްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދްލީ އިސްމާއިލް އެވެ. އަދި ނައިފަރު އަންހެނުންގެ ކޮމެޓީގެ ފަރާތުން ސޮއިކުރެއްވީ ރައީސާ ހަމްދާ މުހައްމަދެވެ.

މިފްކޯގެ ސީއީއޯ އަދްލީ ވިދާޅުވީ މި އެއްބަސްވުމުގެ މަގުސަދަކީ ދިވެހި އުފައްދުންތަކަށް ރަނގަޅު އަގެއް ހޯދައި ދިނުން ކަމަށެވެ. އެގޮތުން މިހާރުވެސް "ރަސްއައިން" ގެ ނަމުގައި ދިވެހި އުފެއްދުންތައް ވިއްކުންދާ ކަމަށާއި ނަމަވެސް މި އެއްބަސްވުމުގެ ދަށުން އެ މަސައްކަތް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް ކޮންމެ ވެސް ވަރަކަށް އުފައްދައިގެން ވިއްކާ. އެކަމަކު މި އެއްބަސްވުމުގެ ބޭނުމަކީ ދިވެހި އުފެއްދުންތަކުގެ ވެލިއު އެޑިޝަން ވަރުގަދަ ކުރުން. މި ތަކެއްޗަށް ލިބޭ އަގު ރަނގަޅު ކުރުން،" އަދްލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތް އެ ކުންފުނިން ކުރަނީ ފައިދާއަށް ބަލައިގެން ނޫން ކަމަށެވެ.

"މިއީ އިޖުތިމާއީ ޒިންމާގެ ދަށުން ކުރާ ކަމެއް، އަޅުގަނޑުމެންގެ ވިސްނުން އެބަހުރި ކުރިއަށް އޮތްތަނުގައި ދިވެހި އުފެއްދުންތަކުގެ ޓޫރިސްޓު ބްރޭންޑެއް ނެރުމަށް،" އަދްލީ ވިދާޅުވި އެވެ.