މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީން ބަލަހައްޓަނީ އިންސާނީ ހައްގުތައް ނުގެއްލޭ ގޮތަށް: ކަރެކްޝަންސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ ޖަލުތަކުގަ އާއި ރިމާންޑް ސެންޓަރުތަކުގައި ގައިދީން ބަލަހައްޓަމުން ގެންދަނީ އެ ފަރާތްތަކުގެ އިންސާނީ ހައްގުތައް ނުގެއްލޭގޮތަށް ކަމަށް ކަރެކްޝަނަލް އިން ބުނެފި އެވެ.

ކަރެކްޝަނަލް އިން މިއަދު ބުނީ ރާއްޖެއިން ތަސްދީގުކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމަށްވާ “އަނިޔާކުރުމާއި، އެހެނިހެން އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލު ހިންގުމާއި އަދަބުދިނުމާއި ދެކޮޅު މުއާހަދާ”ގެ ދަށުން އަދި ގާނޫނު ނަމްބަރު 2013/14 ގެ ދަށުން ސަރުކާރަށް ގައިދީންނަށް އެކަށީގެންވާ ސަލާމަތްތެރިކަމާއި ރައްކާތެރިކަމުގެ ވެއްޓެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ގައިދީން ބެލެހެއްޓުމުގެ އުސޫލުތައް އެކުލަވާލާފައިވަނީ ގާނޫނު ނަންބަރު 2013/14 ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި އެންޓި-ޓޯޗާ ގާނޫނާއި އަދި ގުޅުން ހުރި ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގައިދީންގެ އިންސާނީ ހައްގުތައް ރައްކާތެރިވާ ގޮތަށް ކަމަށްވެސް ކަރެކްޝަނަލް އިން ބުނެ އެވެ.

މީގެއިތުރުން މި ކަންކަމަށް އަމަލު ކުރޭތޯ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، ޖަލުތަކާއި ޖަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަން ބަލައި ފާސްކޮށް، އެ ތަންތަނުގައި ކަންތައް ހިނގަނީ ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންތޯ ބަލައި ޗެކްކުރާ ކަމަށް އެ ސާވިސްއިން ބުންޏެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ބައިނަލްއަގުވާމީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކުން ޖަލުތަކަށް ޒިޔާރަތްކޮށް ޖަލުތަކުގައި ކަންތައްތައް ކުރިއަށްދާގޮތް ޗެކްކުރާ ކަމަށެވެ.