ޑޮނަލްޑް ޓްރަމްޕް

މުސްލިމުންނާ ދޭތެރޭ ޓްރަމްޕްގެ ވިސްނުން ބަދަލުވަނީ؟

ރިޕަބްލިކަން ޕާޓިގެ ހަމައެކަނި ކެނޑިޑޭޓް ޑޮނާލްޑް ޓްރަމްޕްގެ ވެރިކަމެއްގައި މުސްލިމުންނަށް އެމެރިކާއަށް އެރުން މަނާވާނެ ކަމަށް ދެއްކި ވާހަކަތައް ބަދަލުކުރަން އުޅޭ ކަހަލަ ވާހަކަތަކެއް ޓްރަމްޕް ދައްކަވައިފި އެވެ.

ޓްރަމްޕްގެ މި ވާހަކަތަކަށް ކަންބޮޑުވުން ފާޅުކޮށް ލަންޑަނުގެ އާ މޭޔަރު ސޯދިގު ހާން ވަނީ ޓްރަމްޕަށް ވެރިކަން ލިބެން ބޭނުން ނޫން ކަމަށް ވިދާޅުވެފަ އެވެ. ހާން ވިދާޅުވީ އެމެރިކާގެ މޭޔަރުންނާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ޓްރަމްޕްގެ ވެރިކަމެއްގައި ނުލިބޭނެ ކަމަށެވެ. މިވާހަކަތައް ރައްދު ދެއްވަމުން ޓްރަމްޕް ވިދާޅުވީ އެވާހަކަތަކަކީ ހަމައެކަނި " ސަޖެސްޝަން" އެއް ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވީ ފޮކްސް ނިއުސް ރޭޑިއޯގައި ވާހަކަ ދައްކަވަމުންނެވެ.

" އެއީ ވަގުތީ ނިންމުމެއް. އެކަމަށް އަދި އަމަލުކުރަން ފެށީކީވެސް ނޫން، އެއީ ހަމައެކަނި ސަޖެސްޝަން އެއް. ހަގީގަތުގައި މި ވާނުވާ އޮޅުންފިލީމަ މުސްލިމުންނަށް އެމެރިކާއަށް އެރުން ދާއިމީކޮށް މަނާކުރާނީ" ޓްރަމްޕް ވިދާޅުވި އެވެ.

ހާންގެ ކަންބޮޑުވުންތަކާއި ގުޅިގެން ޓްރަމްޕްވަނީ ހާން އަށް އެއުސޫލުން އިސްތިސްނާ ވާނެ ކަމަށް ބުނެ ހާއްސަ އޮފާއެއް ނުވަތަ ހުށަހެޅުމެއް ދީފަ އެވެ. ނަމަވެސް ހާން ވަނީ އެ ހުށަހެޅުމުން ގަބޫލުނުކޮށްފަ އެވެ. ހާން ވިދާޅުވީ ޓްރަމްޕްގެ ހުށަހެޅުމަކީ ޒިންމާދާރުކަމެއް ހުށަހެޅުމެއް ކަމަށެވެ. އެމެރިކާއަށް މުސްލިމުން އެރުން މަނާ ކުރަން ޓްރަމްޕް ނިންމީ މިދިޔަ އަހަރު ޕެރިސްގައި ދިން ޓެރަރިސްޓު ހަމަލާގައި 130 މީހުން މަރާލުމާ ގުޅިގެންނެވެ.

މި ފަހަކަށް އައިސް ޓްރަމްޕް ދަނީ އޭނާގެ ބައެއް ވާހަކަތައް ވަރަށް ބޮޑަށް ބަދަލުކުރައްވަމުންނެވެ.