އުއްތަމަ ފަނޑިޔާރު

މީޑިޔާއާ ގުޅުން ބަދަހިކުރުމަށް ޝަރުއީ ދާއިރާއިން މަސައްކަތްތަކެއް ފަށަނީ

  • އަންނަ ޖުލައި މަހު މީޑިއާއަށް ހާއްސަ ހަފުތާއެއް
  • ޝަރުއީ ދާއިރާއިން ގިނަ ކަންތައްތަކެއް ކުރާނެ އަހަރެއް
  • ވަގުފާރިއާ ދެކޮޅަށް ކަންތައްތަކެއް ކުރުމަށް ވަނީ ރާވާފައި

މީޑިޔާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ޝަރުއީ ދާއިރާއިން ހާއްސަ ހަފުތާއެއް ފާހަގަކުރަން ނިންމާފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޖުޑިޝަލް އަހަރު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެންމެ ފަހުގެ ހަރަކާތް ކަމަށްވާ "ފަނޑިޔާރުންގެ މަހާސިންތާ" ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އަންނަ ޖުލައި މަހު "އޯޕަން ހައުސް މީޑިއާ ވީކް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މި ހަރަކާތުގެ ދަށުން ކުރިއަށް ގެންދާ ކަންތައްތައް ޝަރުއީ ދާއިރާގެ ވެރިން ކުރިއަށް އޮތް ދުވަސްތަކުގައި މީޑިއާތަކަށް ހާމަކުރަވަމުން ގެންދަވާނެ ކަމަށެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނޭނީ މީޑިއާޔާ އެކު ގުޅުން ބަދަހި ކުރުމަށް ކަންތައްތަކެއް ކުރުން ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

"އޯޕަން ހައުސް މީޑިއާ ވީކް"ގެ އިތުރުން ވެސް ޝަރުއީ ދާއިރާއިން މި އަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން ވިޔަފާރިތަކާ ގުޅޭ ގޮތުން "ޑުއިން ބިޒްނަސް އިން މޯލްޑިވްސް 2016"ގެ ނަމުގައި ހަރަކާތެއް އަންނަ އޯގަސްޓް މަހު ކުރިއަށް ގެންދާނެ އެވެ. މި ހަރަކާތަކީ ރާއްޖޭގައި އިންވެސްޓްކުރާ ފަރާތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މިއީ ވޯލްޑް ބޭންކްގެ ޑުއިން ބިޒްނަސް އިންޑަކްސްގައި ރާއްޖޭގެ ދަރަޖަ އެއް އަހަރުން އަނެއް އަހަރަށް ދަށަށްދާން ދިމާވާ ސަބަބުތައް ދެނެގަނެ އެ ކަންތައްތައް ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކުން ކުރަމުންދާ މަސައްކަތުގައި ޝަރުއީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޝަރުއީ ދާއިރާ އާއި މިނިސްޓްރީ އާ ގުޅުން ހުރި މުއައްސަސާތަކާއެކު ބާއްވާ ކޮލޯކިއަމެއް ކަމަށެވެ.

އިންސާނީ ވަގުފާރިއާ ގުޅޭ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލާލަން ވަނީ ނިންމާފަ އެވެ. މިއީ އިންސާނީ ވަގުފާރިއާގުޅޭ އެކްޝަން ޕްލޭން އެކުލަވާލައި، މިކަމުގައި އިސްކޮށް ހަރަކާތްތެރިވާނެ ވޯކިން ގުރޫޕެއް ކަނޑައަޅާ، ގުޅިގެން ގާތުން މަސައްކަތްކުރެވޭނެ މެކޭނިޒަމެއް އެކުލަވާލުމުގެ މަގުސަދުގައި އެކުލަވާލެވޭ ދުރުރާސްތާ ޕްލޭނެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މި އެކްޝަން ޕްލޭން އެކުލަވާލުމަށް ނިންމާފައިވަނީ އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް)އާ ގުޅިގެންނެވެ.

މީގެއިތުރުން އިންސާނީ ވަގުފާރީއާ ގުޅޭ ގޮތުން ޝަރުއީ ދާއިރާއިން ރިޕޯޓެއް ވެސް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ އިންސާނީ ވަގުފާރީގެ މައްސަތަކުގެ ޝަރީއަތްކުރެވޭ މިންވަރާއި އަދި ވަގުފާރީގެ މައްސަލަތަކަށް ޝަރުއީ ދާއިރާއިން ހޯދާ ކުރިއެރުންތަކާއި ގޮންޖެހުންތަކާބެހޭ ގޮތުން ހާމަކުރާ ޖުޑީޝަރީގެ ޓްރެފިކިންއިން ޕާސަންސް ރިޕޯޓް ހާމަކުރުން އަންނަ އަހަރު ފެބްރުއަރީ މަހު އޮންނާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުން ރާއްޖޭގެ ސްޕްރީމް ކޯޓުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކުވެރި ރަހުމަތްތެރި ގައުމުތަކުގެ ގަޟާއީ ނިޒާމާ ގުޅިގެން ރާއްޖޭގައި ފަނޑިޔާރުންގެ ރިޓްރީޓެއް ބާއްވަވައި އިންސާނީ ވަގުފާރިއާމެދު މަޝްވަރާކޮށް މާލޭ ޑެކްލެރޭޝަންގެ ނަމުގައި ގަރާރެއް ނެރުން ކަމަށެވެ. އަދި މިކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހާރު ފައްޓަވާފައިވާ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ސައީދު ވިދާޅުވި އެވެ.

އިންސާނީ ވަގުފާރީއާ ގުޅޭ ޑޭޓާ އެކުލަވާލުމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ނިންމަވާފަ އެވެ. ޝަރުއީ ދާއިރާގެ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި ނޭޝަނަލް ސްޓެޓިކްސްޓިކްސް ބިއުރޯއާ ގުޅިގެން ބޭއްވުމަށް ރޭވިފައިވާ މި މަސައްކަތު ބައްދަލުވުމުގެ މަގުސަދަކީ ދެ ފަރާތުން އެއްކުރާ ތަފާސް ހިސާބު އެއްގޮތްކުރުމާއި ހުނަރާއި ތަޖުރިބާ ބަދަލުކުރުމުގެ މަގުސަދުގައި ބާއްވާ މަސައްކަތު ބައްދަލުވުމެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

މީގެއިތުރުން ވެސް އިންސާނީ ވަގުފާރިއާ ގުޅޭ މަސައްކަތު ބައްދަލުވުމެއް ނޮވެމްބަރު މަހު ވެސް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މި ބައްދަލުވުމަކީ އިންސާނީ ވަގުފާރިއާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި ނިންމަންޖެހޭ ކަންތައްތައް ދެނެގަނެ އެކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ޝަރުއީ ކޯޓުތަކާއި އެޓާނީ ޖެނަރަލާއި ޕީޖީ އޮފީސް އަދި ފުލުހުންއާ އެކު ބާއްވާ ވޯކްޝޮޕެކެވެ.