ހަބަރު

ކޯޓުން އެންގުމުން ވެސް މަންމައަކަށް އަޅާނުލައި އޮއްވާ އޭނާ މަރުވި މައްސަލައެއް ފުލުހުން ބަލަނީ

އުމުރުން ދުވަސްވެފައިވާ އަންހެނަކަށް އަޅާލުމަށް ފެމިލީ ކޯޓުން އެ މީހާގެ ދަރިންގެ މައްޗަށް އަމުރު ނެރުމުން ވެސް އަޅާނުލައި އޮއްވާ އެ މީހާ މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރަކާ ޚިލާފަށް ވެ، އަންހެނަކަށް އަޅާނުލި މައްސަލައެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން މިހާތަނަކަށް ނުދެ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވެފައިވާ އެ އަންހެން މީހާއަށް އަޅާލުމަށް ފެމިލީ ކޯޓުން އެ މީހާގެ ދަރިންގެ މައްޗަށް އަމުރެއް ނެރުނީ އެ މީހާއާ ބަލިވުމުން ވެސް ބައެއް ދަރިން އޭނާއަށް އަޅާނުލާ ކަމަށް ބުނެ އޭނާގެ ދަރިއަކު ކޯޓަށް މައްސަލައެއް ހުށަހެޅުމުންނެވެ. އެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނިމެންދެން އެ މީހާއަށް އަޅާލުމަށް ކޯޓުން ކުރިން ވަގުތީ އަމުރެއް ނެރެފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި އެގޮތަށް އަމުރު ނެރުމުން ވެސް އެ މީހާގެ ދަރިން އެ މީހާއަށް އަޅާލާފައެއް ނުވެއެވެ. އެގޮތަށް އަޅާނުލައި އޮއްވާ އޭނާ މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ވަނީ އެނގިފަ އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އެ މީހާއަށް އަޅާނުލާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް ދައުލަތުން ވެސް އޮތީ ނިންމައިފަ އެވެ.