ހަބަރު

ތަހުގީގު ކުރާ ފުލުހުން ފެންވަރު ބަލާ އިމްތިހާނެއް ހަދައިފި

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގައި (ސީއައިސީ) ގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންގެ ފެންވަރު ދެނެގަތުމަށް އިމްތިހާނެއް ބާއްވައިފިއެވެ.

މި އިމްތިހާނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން، ސީއައިސީގެ ހެޑް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، މި އިމްތިހާނަކީ ތަހުގީގު ކުރާ ފުލުހުންގެ ފެންވަރު ރަނގަޅުކޮށް، ގާބިލު ބަޔަކަށް ހެދުމަށްޓަކައި އަލަށް ފަށައިގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.

"ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ގަބޫލުކުރާ މިންގަނޑަށްވުރެ ދަށް ނަތީޖާއެއް މި އިމްތިހާނުން ލިބޭ އިންވެސްޓިގޭޝަން އޮފިސަރުންނަށް ވަކި މުއްދަތެއްގެ ތެރޭގަ އެ މިންގަނޑަށް އައުމަށް އިތުރު ފުރުޞަތެއް ދެވޭނެ. އޭގެ އިތުރުން، އެ ފުލުހުންނަށް ތަމްރީންތައް ދޭންޖެހޭ ދާއިރާތައް ދެނެގަނެ، އެ ދާއިރާތަކުން ތަމްރީންތައް ދެވޭނެ. އެއަށްފަހު އިތުރު އިމްތިހާނެއް އެ ފުލުހުންނަށް ދެވިގެންދާނެ" ނަވާޒް ވިދާޅުވިއެވެ.

ނަވާޒް އިތުރަށް ވިދާޅުވީ އެ އިމްތިހާނުގެ ސަބަބުން ސީއައިސީގައި މަސައްކަތްކުރާ ހުރިހާ ތަހުގީގު ކުރާ ފުލުހުން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން ގަބޫލުކުރާ ވަކި ފެންވަރެއް ހުރެގެން، މިހާރަށްވުރެ ފެންވަރު ރަނގަޅު މަސައްކަތްތަކެއް ކުރާ ބައެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.

"ފުލުހުންނަށް ހުށަހަޅާ މައްސަލަތައް ބަލައި ރައްޔިތުންގެ ހައްގު ހޯދައި ދެވޭ މިންވަރު މި ބިނާވަނީ ތަހުގީގުގައި ކުރެވޭ މަސައްކަތެއްގެ މައްޗަށް. އެހެންވީމަ، ތަހުގީގު ތަކުގައި ކުރެވޭ މަސައްކަތަކީ އެ މައްސަލައާ ގުޅިގެން ކުރެވޭނެ އެންމެ ފުރިހަމަ މަސައްކަތްތޯ ކަށަވަރު ކުރަން އެބަޖެހޭ. މީގެ ކުރިންވެސް މި ކަން ކަށަވަރު ކުރުމަށް ދިޔައީ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް، މިހާރު މި ފެށިގެންދިޔަ މައްސައްކަތުގެ ސަބަބުން ތަހުގީގުތަކަށް އިތުރު ކުރިއެރުން ތަކެއް އަންނާނެކަމަށް ދެކެން،" އޭސީޕީ ވިދާޅުވިއެވެ.