އޭސީސީ

އެޕްރީލް ނިމުނު އިރު 10 މީހަކަށް ދައުވާކޮށްދޭން އެދުނިން: އޭސީސީ

ކޮރަޕްޝަނާ ގުޅޭ އެކި މައްސަލަތަކުގައި، މި އަހަރުގެ އޭޕްރިލް މަހާ ހަމަޔަށް 10 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސް ހިސާބުތައް ބަޔާންކޮށް އޭސީސީން ނެރުނު ރިޕޯޓެއްގައި ބުނީ، މި އަަހަރުގެ މިހާތަނަށް އެ ކޮމިޝަނަށް 430 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅިއިރު އޭގެ ތެރެއިން 212 މައްސަލައެއް ބަލަން ނިންމައި 18 މައްސަލައެއް އެ މައްސަލަތަކާބެހޭ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނުން ބަލަން ނިންމި މައްސަލަތަކުގެ ތެރެއިން 10 މައްސަލައެއް ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުރަތަމަ ކްއާޓާގައި ޕީޖީ އޮފީހަށް ހުށަހެޅީ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ނާޖާއިޒް ފައިދާ ހޯދައިދޭން މަސައްކަތްކުރުމުގެ މައްސަލަތަކެވެ. ނާޖާއިޒް ފައިދާ ހޯދައިދޭން މަސައްކަތްކުރިކަމުގެ ދައުވާ ފަސް މީހެއްގެ މައްޗަށް ކުރުމަށް އެދިފައިވެ އެވެ. ދައުލަތަށް ލިބެން އޮތް ފައިދާއެއް އަމިއްލަޔަށް ނަގަން އުޅުނުކަމުގެ ދައުވާ ތިން މީހެއްގެ މައްޗަށް ކުރުމަށް އެދިފައިވާއިރު، ނާޖާއިޒް ފައިދާ ހޯދައިގެން ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވި ކަމަށް އޭސީސީގެ ރިޕޯޓުގައި ބުންޏެވެ.

އޭސީސީން ބުނީ ކޮމިޝަނަށް މިއަހަރު ހުށަހެޅި ބައެއް މައްސަލަތަކުގެ ތެރެއިން 43 މައްސަލައެއް ނުބަލައި ދޫކޮށްލި ކަމަށެވެ. މިއަހަރު އޭސީސީއަށް ހުށަހެޅުނު ގިނަ މައްސަލަތަކެއް ބަލައި ނިންމި ކަމަށް ކޮމިޝަނުން ބުނެފައިވާއިރު އޭގެ ތެރެއިން ވެސް އިދާރީ ހިންގުމުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް 45 އިދާރާއަކަށް މިއަހަރު އަންގި ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.