އޭސީސީ

އޭސީސީގެ ސާވިސް ޗާޓަރު އިފްތިތާހްކޮށްފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސާވިސް ޗާޓަރު އިފްތިތާހްކޮށްފި އެވެ.

އޭސީސީ އިން މިފަދަ ޗާޓަރެއް އިފްތިތާހް ކުރީ އެ ކޮމިޝަނުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ހިދުމަތް ލިބިގަންނަ މީހުން ބޭނުންވާ ފެންވަރުގައި ފޯރުކޮށްދެވޭ ހިތްހަމަޖެހޭ ހިދުމަތްތަކެއް ދެވޭ މުއައްސަސާއަކަށް ހެދުމުގެ މަގުސަދުގައެވެ.

އޭސީސީ އިން ދޭ ހިދުމަތްތަކާއި، އެ ހިދުމަތްތައް ހޯދޭނެ ގޮތްތަކާއި، ހިދުމަތް ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ވަގުތުތައް އެއްތާކުން ފެންނާނެ ގޮތަށް އެކުލަވާލާފައިވާ މި ސާވިސް ޗާޓަރު އޭސީސީގެ ވެބްސައިޓްގައި މިހާރު ވަނީ އާންމުކޮށްފަ އެވެ.

އޭސީސީ އިން ބުނީ އަމާޒަކީ ކޮމިޝަނުން އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ އެކަށީގެންވާ އަވަސްމިނުގައި ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭ ހިދުމަތްތަކަށް ހެދުން ކަމަށެވެ. އަދި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ހިދުމަތްތައް ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ލިބޭނެ ގޮތް އިންތިޒާމް ކުރުމަކީވެސް އަމާޒެއް ކަމުގައި ބުނެފައިވެ އެވެ.