މަސްތުވާތަކެތި

74 މައްސަލައެއްގައި އަތުލި މަސްތުވާތަކެއްޗާއި ސާމާނު ނައްތާލައިފި

ދެހާސް އަށްވަނަ އަހަރު ފުލުހުން ބެލި މައްސަލަތަކުގެ ތެރެއިން ވަކި ފަރާތަތަކަށް ދައުވާއެއް އުފުލެން ނެތް 74 މައްސަލައެއްގައި އަތުލާފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ކުށްތަކުގައި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނައްތާލައިފި އެވެ.

މިއަދު ދޫނިދޫގައި ގިނަ އަދަދެއްގެ މަސްތުވާ ހިކި ތަކެއްޗާއި ސާމާނު ނައްތާލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގެ ހާޒިރުގަ އެވެ. ތިން ބޭފުޅުން ހިމެނޭ އެ ކޮމިޓީގެ ބޭފުޅުން ވަނީ އެތަކެތި ޗެކުކޮށް، އެތަކެއްޗާބެހޭ މައުލޫމާތު އެއްކުރުމަށްފަހު އެތަކެތި ނައްތާލާފަ އެވެ.

މިއަދު ނައްތާލި ބައެއް ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ހިމެނޭ 623 ރަބަރު ޕެކެޓާއި، 224 ސެލޯފިން ކޮޅާއި، ހަ ޕައިޕް އާއި، ހަތަރު ފޮއިލްކޮޅާއި 16 ސިރިންޖެވެ. އެހެނިހެން ސާމާނުގެ ގޮތުގައި ބެލެވޭ 47 ބާވަތެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި މިނި ކަށި ވެސް ހިމެނެ އެވެ. ހިކި މަސްތުވާތަކެތީގެ ގޮތުގައި 54.55 ގްރާމްގެ ގެ ކެނަބިސް ހިމެނެ އެވެ.

ފުލުހުން ބުނީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެއްޗާ ގުޅޭ އެކި ސާމާނު މިއަދު ނައްތާލާފައިވާއިރު، މި ތަކެއްޗަކީ އެކި މައްސަލަތަކުގައި 2008 ވަނަ އަހަރު ފުލުުން އަތުލި ތަކެތީގެ ތެރެއިން ވަކި ފަރާތަކަށް ދައުވާ ކުރެވެން ނެތް މައްސަލަތަކުގައި އަތުލައިގަތް ތަކެތި ކަމަށެވެ. ފުލުހުން މިއަދު އެތަކެތި ނައްތާލާފައިވަނީ އެފަދަ އެއްޗެހި އެންދުމަށް ބޭނުންކުރާ ހާއްސަ މެޝިނެއްގެ އެހީގައެވެ.