ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕަށް އިސްލާމް ދީން ކިޔަވައިދޭން ލަންޑަންގެ މޭޔަރު ބޭނުންވޭ!

އެމެރިކާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޓިކެޓް ހޯދުމުގެ މަސައްކަތްކުރެއްވުމުގައި އިސްލާމް ދީނާއި މުސްލިމުންނާބެހޭ ގޮތުން ތަފާތު ވާހަކަތަކެއް ދައްކަވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަށް އިސްލާމް ދީން ކިޔަވައިދޭން ބޭނުންވާ ކަމަށް ލަންޑަނުގެ ފުރަތަމަ މުސްލިމް މޭޔަރު ސޯދިގު ހާން ވިދާޅުވެއްޖެ އެވެ.

ސޯދިގު ހާން ވިދާޅުވީ، ޓްރަމްޕަށް ލަންޑަނަށް ޒިޔާރަތްކުރުމަށް ދައުވަތު ދެއްވާ ކަމަށާއި ޓްރަމްޕް ލަންޑަނަށް ވަޑައިގެންނެވުމުން އިސްލާމްދީނުގެ ހަގީގަތްތައް އޮޅުން ފިލުވައިދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

"އަހަރެން ބޭނުން ޑޮނަލްޑް ޓްރަމްޕް ލަންޑަނަށް ގެންނަން، އަހަރެން ބޭނުން އޭނާއާ ބައްދަލުވެ ތައާރަފްވާން، އަދި މި ގައުމުގެ އެތައް މިލިޔަން މުސްލިމުންނާ ވެސް ތައާރަފްކުރުވަން ބޭނުންވޭ، އަހަރެމެން އިނގިރޭސީންނަށްވީމާ ފަހުރުވެރިވަން، ހުޅަނގު މީހަކަށްވުމުން ވެސް ފަހުރުވެރިވަން،" ސޯދިގު ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ އޭނާގެ ވެރިކަމުގައި މުސްލިމުންނަށް އެމެރިކާއަށް އެރުން މަނާ ވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމާ ގުޅުވައިން ސޯދިގު ވިދާޅުވީ އެމރިކާއަށް ޒިޔާރަތް ކުރަން އޭނަ ބޭނުންވާ ކަމަށާއި ޓްރަމްޕް ވެރިކަމަށް ވަޑައިގެންފިނަމަ އެފުރުސަތު ލިބިވަޑައި ނުގަންނަވާނެ ކަމަށެވެ.

ޓްރަމްޕް އެގޮތަށް ނިންމަވައިގެން ހުންނަވަނީ މިދިޔަ އަހަރު ޕެރިސްގައި ދިން ޓެރަރިސްޓު ހަމަލާގައި 130 މީހުން މަރާލުމާ ގުޅިގެންނެވެ.

ޓްރަމްޕް އިއްޔެ ވިދާޅުވެފައިވަނީ، އެމެރިކާއަށް މުސްލިމުން ވަނުން މަނާ ކުރުމަކީ ހަމައެކަނި ހިޔާލެއް ކަމަށެވެ. އަދި ލަންޑަނުގެ މޭޔަރު ކަމަށް ސޯދިގު ހާން އިންތިހާބުވުމުން އުފާކުރައްވާ ކަމަށެވެ.