ހަބަރު

ހެލިފެލިވާން ދަތި މީހުންނަށް ގޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމް އަންނަ ހަފުތާގައި ހަމަޖެހޭނެ: ރައީސް

Feb 5, 2015

އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ހެލިފެލިވާން ދަތި މީހުންނަށް ގޭގައި ތިބެގެން ފަރުވާ ލިބޭނެ އިންތިޒާމް އަންނަ ހަފުތާއިން ފެށިގެން ލިބޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޔާމީން މިރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އުމުރުން ދުވަސްވުމުގެ ސަބަބުން ހެލިފެލިވެ އުޅުމަށް ދަތިވެފައި ތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި އެހެންވެ އެކަމަށް އިންތިޒާމްތަކެއް ސަރުކާރުން ހަމަޖައްސާނެ ކަމަށެވެ. އެގޮތުން އަންނަ ހަފުތާއިން ފެށިގެން އެފަދަ ފަރާތްތަކަށް ހޮސްޕިޓަލާ ހަމައަށް ނުގޮސް ފަރުވާ ދިނުމުގެ މަޝްރޫއެއް އަންނަ ހަފުތާގައި މާލޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާއިން ފެށިގެން މި މަޝްރޫއު މާލޭގައި ފެށޭނެ، އަދި އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒާ ގުޅިގެން އަތޮޅު ތެރޭގައި ވެސް މިގޮތަށް އެނދުމަތިވެފައިވާ ޕޭޝަންޓުންނަށް އަޅުގަނޑުމެން ހަމަޖައްސައިގެން މިގެންދަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންނަކީ މިހާރު އަރާމު ކުރަންޖެހޭ ބައެއް ކަމަށާއި އެހެންވެ އެފަރާތްތަކަށް މިހާރު އެންމެ ބޮޑަށް ބޭނުންވާނީ އެކަށީގެންވާ ސިއްހީ ފަރުވާގެ ނިޒާމެއް ކަމަށެވެ. އެގޮތުން ހުސްނުވާ އާސަންދަ ގެނައުމުގެ އެއް ބޮޑު އެއް މަގްސަދަކީ ވެސް އެއީ ކަމުގައި ވިދާޅުވި އެވެ. އަދި އެކަމަށް ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކުރަމުންދާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގެ 75 ރަށެއްގައި ސަރުކާރުގެ ބޭސް ފިހާރަ ހުންނާނެ ކަމަށާއި ސަރުކާރުގެ މިހާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭސް ފިހާރަ ހުޅުވުން ކަމަށެވެ. އަދި އެފަދަ ތަންތަނުގައި ހުރިހާ ކަމެއް ފުރިހަމަ ނުވެދާނެ ކަމަށާއި ނަމަވެސް އަސާސީ ހުރިހާ ބޭސްތަކެއް އެތަންތަނުން ލިބެން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އާބާދީގެ އުމުރުން ދުވަސްވީ މީހުންގެ އަދަދު މައްޗަށް ދާ މިންވަރު ބެލުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަން ދެނެގަނެވުމުން އުމުރުން ދުވަސްވީ މީހުންނަށް އެންމެ ބޭނުންވާ ކަންތައްތައް ދެނެގަނެ، ގާނޫނުތަކަށާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލު ގެނައުމަށް ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރެއްގައި މިފަދަ ކަރުދާހެއް ލިޔެވިފައި އަދި އެއީ އެ މައްޗަށް ހުރިހާ ފަރާތްތަކުން އަމަލުކުރުން ލާޒިމްވާ ފަދަ ކަރުދާހެއް އެބަ އޮންނަންޖެހޭ. އެ މަސައްކަތް މިހާރު ވަނީ ފެށިފައި، އެ މަސައްކަތުގެ ތަހްލީލު މަސައްކަތްތައް ވަނީ ފެށިފައި." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންނަށް ގިނަ ކަންތައްތަކެއް ހާސިލް ކުރުމުން ކަމަށާއި ނަމަވެސް އޭގެ މާނައަކީ އުމުރުން ދުވަސްވީ މީހުންނާ މެދު ފަރުވާ ކުޑަ ކުރުން ނޫން ކަމަށެވެ. އަދި ސަރުކާރުން ހިންގާ ކޮންމެ މަޝްރޫއެއްގައި ވެސް ޒުވާނުންނާ މެދު ވިސްނާ ގޮތަށް އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ކަންތައްތަކަށް ވެސް އިސްކަން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ޒުވާނުން ބޭނުންވާ ގިނަ ކަންތައްތަކެއް ސަރުކާރުން މިހާރު ކުރަމުންދަނީ ވެސް އުމުރުން ދުވަސްވީ މީހުންނަށް އިހްތިރާމް ކުރާ މުޖްތަމައެއް ބިނާކުރުމަށް ކަމަށެވެ.