ހަބަރު

ޖޭޕީއާއެކު ނަޝީދުގެ ވާހަކަފުޅު މުޅިން ތަފާތު ގޮތަކަށް!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ ހާއްސަ އެއް ސިފަ އަކީ ދޫފަރިތަކަމެވެ. ސިޔާސީ ރެލީތަކުގައި ފޯރިއާ އެކު އޯޑިއެންސް ކައްކުވާލެއްވުމެވެ. އާންމު ސިޔާސީ ޕޯޑިއަމްތަކުގައި ތަގުރީރު ކުރައްވާއިރު ރައީސް ނަޝީދު ލިޔުމެއް ބައްލަވައިގެން ވާހަކަފުޅު ދެއްކެވި ކަމެއް އެނގިފައެއް ނެތެވެ. ނަމަވެސް ޖޭޕީއެކު "ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް" އެއްބަސްވެ މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވާހަކަފުޅުދެއްކެވީ ލިޔުމެއް ބައްލަވައިގެންނެވެ.

ވާހަކަފުޅު ފެށުނީންސުރެ ނިމެންދެން ވެސް ކުރިއަށް ގެންދެވީ ލިޔުމެއް ބައްލަވައިގެންނެވެ. އެހެންވެ ނަޝީދު މީގެ ކުރިން ސިޔާސީ ރެލީތަކުގައި ފޯރިއާއެކު ވާހަކަ ދައްކަވާ ގޮތަކަށް ވާހަކަފުޅު ކުރިއަށް ނުގެންދެވުނުކަން ވަރަށް ބޮޑަށް ފާހަގަވި އެވެ. އޭގެ ނަތީޖާ ނޫން ކަމެެއް ވެސް ނޭނގެ އެވެ. ވާހަކަފުޅު ވެސް އާންމުކޮށް ދައްކަވާ ވަރަށް ވުރެ ކުރެވެ. އޯޑިއެންސް ކެކިގެން ދިޔަ ތަނެއް ވެސް ނުފެނުނެވެ.

ނަޝީދު މިރޭގެ ވާހަކަ އަމާޒުކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ނިކުންނަވައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ހަމަޔަކަށް އަޅުއްވާނެ ކަމަށް ވިދާޅުވުމަށެވެ. ހެޔޮ ވެރިކަމެއް ކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ވެރިކަމުގެ ސައްހަކަން ގެއްލި ގޮސްފި. ވެރިކަމުގެ ސައްހަކަން ގެއްލިދާ ހާލަތުގައި ރައީސުލް ޖުމްހޫރިއްޔާ އަށް އަދި ސަރުކާރަށް ވެސް ކުރިމަތިވާނީ ނުހަނު ބޮޑެތި ދަތިތައް. ގިނަ ރައްޔިތުންގެ ރުހުމާ ނުލައި އެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރެވޭނީ ހަމައެކަނި ހުދުމުހުތާރު ވެރިކަމުގެ ނިޒާމެއްގައި. އަޅުގަނޑުމެން މި ތިބީ އެ ފުރުސަތު ރައީސް ޔާމީނަކަށް ދޭކަށެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ގިނަ ބަޔަކާ އެކު ކާނިވާ ސަރަހައްދުގައި ނަޝީދު ވިދާޅުވީ ރާއްޖެ އޮތީ ބަދަލެއްގެ ތުންފަތްމަތީގައި ކަމަށާއި ގައުމެއްގެ ހާލަތު އެ އޮތް ގޮތުން އެހެން ގޮތަކަށް ބަދަލުކުރުމަށް މެދުވެރިވާ ހިނދުކޮޅުތަކެއް އަންނާނެ ކަމަށެވެ. އަދި މިއީ އެފަދަ ވަގުތެއް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮންމެ ހާލެއް ޖެހުނު ކަމުގައި ވިޔަސް ގާސިމް އިބްރާހިމް ދޫކޮށެއް ނުލައްވާނެ އެވެ. އަދި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ގުޅުން ދާނީ ވަރުގަދަވަމުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި އޮންނާނީ ވެރިކަމުގެ ކޮންކަހަލަ ނިޒާމެއްތޯ ބެލުމަށް ނެގި ވޯޓުގައި ރިޔާސީ ނިޒާމެއް ކަމަށް ވޯޓުން ދެއްކީ ވޯޓި އޮޅުވާލާފައި އޮތުުމުން ކަމަށެވެ. ރައްޔިތުން ބޭނުންވީ ރައްޔިތުންގެ މަޖިލިސް ތެރެއިން ހަރުދަނާކޮށް ވެރިކަން ހިންގޭ ބަރުލަމާނީ ނިޒާމެއް ކަމަށް ވިދާޅުވި އެވެ.