ދުނިޔެ

ތިން މަސް ތެރޭ ފަލަސްތީނުގެ 25 ކުދިން އިސްރާއީލުން މަރާލާފައިވޭ: ޔުނިސެފް

ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހު ތިން މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ފަލަސްތީނުގެ 25 ކުޑަކުދިން މަރާލާފައިވާ ކަމަށް ބައިނަލް އަގްވާމީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާ ޔުނިސެފުން ބުނެފި އެވެ.

ޔުނިސެފުން ބުނީ ފާއިތުވެދިޔަ ހަތް އަހަރުގެ ތެރޭގައިވެސް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެހާ ގިނަ ކުޑަކުދިން އެ މުއްދަތުގެ ތެރޭގައި މަރުނުވާ ކަމަށެވެ. ޔުނިސެފުން ބުނީ ކަންބޮޑުވާންޖެހޭ މައްސަލަތަކެއް ކަމަށާއި ގިނަ ކުދިން މަރާލާފައިވަނީ ތޫނު ހަތިޔާރު ފަދަ ތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކޮށްގެން ކަމަށެވެ.

ޔުނިސެފްގެ ރިޕޯޓު ބުނާ ގޮތުގައި މި ހަމަލާތަކުގައި 1،300 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޒަހަމްވެފަ އެވެ. އޭގެ ތެރޭގައި އިސްރާއީލުގެ ތިން ކުދިންވެސް ވަނީ ޒަހަމްވެފަ އެވެ.

އިސްރާއީލުން ހަމަލާދީފައިވާ ފަލަސްތީނު ކުދިންގެ ތެރޭގައި ގިނައީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން ކަމަށްވެ އެވެ. އަދި 422 ކުދިން ޖަލުގައި ބަންދުކޮށްފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެ އެވެ. އިސްރާއީލުގެ ގާނޫނުގައި ބުނާ ގޮތުން 12 އަހަރު ވެފައިވާ ފަލަސްތީނުގެ ކޮންމެ ކުއްޖަކުވެސް ޖަލަަށް ލެވޭނެ އެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި މިދިޔަ އޮކްޓޯބަރު މަސް ނިމުނުއިރު ފަލަސްތީނުގެ 204 މީހުން އަދި އިސްރާއީލުގެ 28 މީހުން މަރުވެފައިވެ އެވެ. އިސްރާއީލުން ބުނީ ފަލަސްތީނުގެ ގިނަ މީހުން މަރާލާފައިވަނީ ތޫނު ހަތިރާޔު ބޭނުންކޮށްގެން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ.