ހަބަރު

އޭޓީއެމްތަކުން ފޯނުތަކަށް ރިޗާޖް ނުކުރެވޭ ގޮތް ބީއެމްއެލްއިން ހަދައިފި

އޭޓީއެމް މެދުވެރިކޮށް ފައިސާ ރީޗާޖު ކުރެވޭ އަދަދު ލިމިޓް ކުރަން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މުވާސަލާތީ ހިދުމަތްތައްދޭ ކުންފުނިތަކަށް އެންގުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްއިން އެކަމަށ އިޖާބަދީ، ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް މޮބައިލް ފޯނުތަކަށް ރިޗާޖް ނުކުރެވޭ ގޮތް ހަދައިފި އެވެ.

ބީއެމްއެލްއިން ބުނީ، އެ ކަމުގައި ބޭންކުގެ ދައުރަކީ އޭޓީއެމް މެދުވެރިކޮށް އެހެނިހެން އައުޓްލެޓްތަކާ އެއްގޮތަށް މުވާސަލާތީ ކުންފުނިތަކުގެ ޕްރިޕެއިޑް ރިޗާޖް ވައުޗާ ވިއްކުން ކަމަށާއި ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް ރިޗާޖް ވައުޗާ ގަންނަނީ އޭޓީއެމް އިން ފައިސާގެ މުއާމަލާތްކުރާގޮތަށް ކާޑާއި ޕިން ބޭނުންކޮށްގެން ނުހަނު ރައްކާތެރިކަމާއެކުގައި ކަމަށެވެ. ކަސްޓަމަރުން ވައުޗާ ގަތުމަށްފަހު ބޭނުންކުރާ ގޮތް ވައުޗާ ވިއްކާ ފަރާތްތަކަށް ބެލެން ނޯންނަ ފަދައިން ބޭންކަށްވެސް ބެލެން ނޯންނަ ކަމަށެވެ.

މި ޚިދުމަތް ބޭންކުން ދެމުން އައިސްފައިވަނީ ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަކޮށް މި ހިދުމަތްދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުންޏެވެ. އެހެންނަމަވެސް ބައެއް ކަސްޓަމަރުންނަށް އެކި ފަރާތްތަކުން ހިންގާ ޕްރޮމޯޝަންތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުން ލައްވައި ރިޗާޖް ވައުޗާ ގަނެ އެ ކޯލްކުރާ ފަރާތްތަކުން ބޭނުންވާ ނަންބަރުތަކަށް މި ވައުޗާ ފޮނުވަމުންދިޔަ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނީ، ފަހަކަށް އައިސް މި ގޮތަށް އަމަލުކުރަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވަމުން އަންނާތީވެ، މިކަން ހުއްޓުވުމަށް ބޭންކުން އަޅަން ޖެހޭ ފިޔަވަޅަކީ މި ހިދުމަތް ވަގުތީ ގޮތުން ހުއްޓާލުން ކަމަށް ބޭންކަށް ފެންނާތީވެ، މިވަގުތުން ފެށިގެން އޭޓީއެމް، އިންޓަނެޓް ބޭންކިން އަދި ބީއެމްއެލް އެޕް މެދުވެރިކޮށް މޮބައިލް ފޯން ރިޗާޖް ވައުޗާސް ލިބެން ނުހުންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ ކަަސްޓަމަރުން މިފަދަ ފޯންކޯލްތަކަށް އިތުރަށް ސަމާލުވެ، އެފަދަ ފޯންކޯލްތައް މެދުވެރިކޮށް އެދޭ އެއްވެސް މިފަދަ ކަމަކަށް އިޖާބަނުދިނުމަށާއި އަދި މުހިންމު އެއްވެސް މައުލޫމާތެއް ފޯންކުރާ ފަރާތާ ހިއްސާނުކުރުމެވެ. އަދި މި ފުރުސަތުގައި ބޭންކް އޮފް މޯލްޑިވްސް އިން އީމެއިލް، އެސްއެމްއެސް ނުވަތަ ފޯން ކޯލްމެދުވެރިކޮށް މިފަދަ މައުލޫމާތު އޮޅުން ފިލުވުމަށް އެއްވެސް ކަސްޓަމަރަކަށް ނުގުޅާނެ ވާހަކަވެސް މައުލޫމާތަށްޓަކައި ދަންނަވަމެވެ." ބީއެމްއެލްއިން ބުންޏެވެ.