ހަބަރު

މިއީ ރާއްޖެއިން ލޯނު ނަގަންވީ ވަގުތު: ރައީސް

  • މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓް ކުޑަ
  • ތަރައްގީގެ ރޭހުގައި ބައިވެރިވާނެ އަޒުމު އެބަހުރި
  • ތަރައްގީގެ ވަސީލަތްތައް ހޯދަންޖެހެނީ ދައުލަތްތަކުން އަމިއްލައަށް

ތަރައްގީގެ މަޝްރޫއުތަކަށް ލޯނު ނެގުމަކީ މުހިންމު ކަމެއް ކަމަށާއި، މިއީ ލޯނު ނަގައިގެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތު ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް 50 އަހަރުފުރުން ފާހަގަކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިހާރު ބޭރުގެ ގައުމުތަކުން ތަރައްގީގެ މަޝްރޫއުތަކަށް ބޮޑެތި އެހީތަކެއްނުވާ ކަމަށެވެ. އަދި ބައިވެރިވާ ޖަމިއްޔާތަކުން ވެސް އެފަދަ ބޮޑެތި އެހީތަކެއް ނުލިބޭ ކަމަށެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދުމަށް ރާއްޖެ ފަދަ ކުޑަ ގައުމަކުން ނަގަން ޖެހެނީ ލޯނު ކަމަށެވެ.

މި ދުވަސްކޮޅަކީ، ދުނިޔޭގައި ހަރަދުތައް ކުޑަ ދުވަސްކޮޅެއް ކަމަށާއި ލޯނުތަކުގެ އިންޓްރެސްޓް ވެސް މާލީ ބާޒާރުގައި ކުޑަ ދުވަސްކޮޅެއް ކަމަށް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެއީ އަބަދަށް ދެމިގެންދާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މިއީ ލޯނު ނަގަން އެންމެ ރަނގަޅު ވަގުތު ކަމަށާއި މި ފުރުސަތުގެ ބޭނުންހިފަން ޖެހޭ ކަމަށެވެ. ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ ތަރައްގީއިން މަހުރޫމްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ މިވަގުތު ހަރަދުކުޑަކަން، ކޯސްޓް ކުޑަކޮށް، އެކަމަކު މި ހާލަތަކީ އަބަދު މިގޮތަށް އޮންނާނެ ހާލަތެއް ނޫން، މި ފުރުސަތުގެ ބޭނުން އަޅުގަނޑުމެން ނުހިފާ ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ފެންނާނެ ޕިއްޒާ ޑެލިވަރީ ބަހެއް ގޭގެ ދޮރުމަތިން ހުއްޓަމުން ގޮސް އަޅުގަނޑުމެން އެ ޕިއްޒާ ކާން ބޭނުންތޯ ނޫނީ ނޫންތޯ ދޭތެރޭގައި ހިޔާލުކުރަނިކޮށް ބަސް ހުސްވާތަން ފެންނާނީ، އެހެންވީމަ އަޅުގަނޑުމެން ބޭނުމެއް ނޫން ތަރައްގީ މަހުރޫމްވެގެންދާތަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ވަސީލަތްތައް ހޯދަން ނިކުމެ މިހާރު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ކެޕިޓަލް މާކެޓް ފުޅާކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ހަމައެކަނި ބޭރުގެ ގައުމުތަކުން ދޭ ލޯނެއްގެ މައްޗަށް ބަރޯސާވެގެން ތިބުމަކީ މިހާރު ރާއްޖެއިން ބަލައިގަނެގެން ވާނެ ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްގީގެ ރޭހުގައި ރާއްޖެ ބައިވެރިވާން ބޭނުންވާ ކަމަށެވެ. ކުރިއަށް ދިޔުމުގެ އަޒުމު އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމް ކުރިއަށް ނުދާނެކަމަށް އިނގިރޭސި މާހިރަކު ވިދާޅުވި ނަމަވެސް ރާއްޖެއިން ޓޫރިޒަމް ފުޅާކޮށް ދުނިޔެއަށް ނަމޫނާ ދައްކަމުން ދަނީ ކުރިއަށް ދިޔުމުގެ އަޒުމް ދިވެހިންގެ މެދުގައި އޮތުމުން ކަމަށެވެ.

"މިހާރު ދުނިޔޭގެ އެއްވަނަ ދަރަޖައިގެ ގައުމުތަކުންނެއް ކުރިންދޭ ގޮތަށް އެހީތަކެއް ގައުމުތަކަށް އެއްގޮތަކަށް ވެސް ނުދޭ، ވަރަށް ކުޑަކުޑަ އެއްޗެއް މިދެނީ، އަދި އަޅުގަނޑުމެން ބައިވެރިވާ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ވެސް ވަރަށް ކުޑަކުޑަ އެއްޗެއް މި ލިބެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވޯލްޑް ބޭންކް ފަދަ ޖަމްއިއްޔާތަކުގެ އެހީތެރިކަން ރާއްޖެއަށް މުހިންމު ކަމަށާއި ރާއްޖެއަށް ބޭނުންވާ އެހީތައް ފޯރުކޮށް ދިނުމާ މެދު ދާދިފަހުން ވޯލްޑް ބޭންކާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ރާއްޖޭގެ އެހީތެރިއެއްގެ ގޮތުގައި ވޯލްޑް ބޭންކް އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ޖީޑީޕީ އިތުރު ކުރުމުގެ ބޭނުމަކީ މުއްސަދި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ރާއްޖެ ހެދުން ކަމަށެވެ. އަދި އެހެން ވެއްޖެ ނަމަ، ދުވަސްވީ މީހުންނަށް ދޭ އެލަވަންސް ވެސް 15،000 އަށް ނުޖެއްސެންވީ ސަބަބެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.