ދުނިޔެ

އައިއެސްއިން ހިސޯރުކޮށްގެން އުޅޭ ސީރިޔާގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި

އެމެރިކާ އަދި ތުރުކީއިން އައިއެސްއިން ހިސޯރުކޮށްގެން އުޅޭ ސީރިޔާގެ ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.

ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާ އަދި ތުރުކީގެ މިލިޓަރީ ކޯލިޝަނުން، ސީރިޔާގާއި އައި އެސްގެ އަތް ދޮށުގައި އޮތް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީ، 27 މީހުން މަރާލާފަ އެވެ.

މީޑިއާ ރިޕޯޓު ތަކުން ދައްކާގޮތުގައި، މި ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކުގައި އައިއެސްގެ 27 ހަނގުރާމަވެރިން މަރާލިއެވެ. ވައިގެ ހަމަލާތައް އަމާޒުކޮށް ދީފައިވަނީ ހަލަބުގެ އުތުރަށް އޮތް ސަރަހައްދުތަކަށެވެ.

ތުރުކީއިން ވަނީ އާޓިލެރީ އަދި ރޮކެޓު ލޯންޗަޒްތަކެއް ސީރިޔާއަށް ފޮނުވާލަފައެވެ. އަދި ތުރުކީއާއި އެމެރިކާގެ ކޯލިޝަނުން ވަނީ ތަފާތު ތިން ވައިގެ ހަމަލާގެ ކެމްޕެއިންތަކެއް ހިންގާފައެވެ. ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީ އިން ވަނީ މިލިޓަރީ އޮފިޝަލުންނާއި ހަވާލާދީ ހަމަލާތަކުގެ ތަފްސީލުތައް އާންމުކޮށްފައެވެ. ހަމަލާތަކުގެ ތަފްސީލްތައް އާންމުކުރަމުން، ސީރިޔާގެ ރަސްމީ ނޫސް އޭޖެންސީއިން ވަނީ އައިއެސްގެ ފަސް މިލިޓަރީ ސަރަހައްދަކަށް ހަމަލާތަކެއް ފޮނުވާލާ އެ ސަރަހައްދުގެ މިލިޓަރީ ޕޯސްޓްތަކަށް ގެއްލުންދީ ގާތްގަނޑަކަށް ބިމާ ހަމަކޮށްފައިވާ ކަމަށް ބުނެފައެވެ.

ތުރުކީ އަދި އެމެރިކާއިން ވަނީ އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ. މިއީ ސީރިޔާގެ ބޯޑަރު ކައިރީގައި އޮތް ކިލިސް އައި އެސްގެ އަތް ދަށަށް ވެއްޓުމުގެ ބިރު ބޮޑުވުމުންނެވެ.