ހަބަރު

އިސްލާމުން ހިމާޔަތް ކުރުމަށް ރާއްޖެއާ އެކު 32 ގައުމެއް އެއްބަސްވެއްޖެ

އިސްލާމީ އުންމަތަށް ދިމާވެފައިވާ ޒަމާނީ ގޮންޖެހުންތަކުން އަރައިގަނެ، އިސްލާމުން ހިމާޔަތްކުރުމަށް މަސައްކަތް ކުރުމަށް އިސްލާމީ 32 ގައުމު އެކުގައި މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާކޮށްފައިވަނީ 26 ވަނަ އަރަބި އިސްލާމީ ކޮންފަރެންސްގަ އެވެ. މަޝްވަރާކޮށްފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ މުސްލިމް ޖަމާއަތްތަކުގެ އިސްލާމީ ވަހުދަތު ރައްކާތެރިކޮށް ހިމާޔަތްކުރުމަށް، އިސްލާމީ ގައުމުތަކަށް ފަރުދީ ގޮތުންނާއި ގުޅިގެން ކުރެވިދާނެ ތަފާތު ކަންތައްތަކަކާއި ގުޅޭގޮތުންނެވެ.

މިމަހުގެ 14 އަދި 15 އަށް މިސްރުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުންވެސް ވަނީ ބައިވެރިވެފައެވެ. ރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް އަލީ ވަހީދު އަބްދުއްރަހްމާނެވެ.

ތަފާތު 32 ގައުމަކުން ބައިވެރިވި މި ބައްދަލުވުމުގައި މި ރޮނގުން ކުރެވިދާނެ 15 ކަމަކާއި ގުޅޭ ގޮތުން މަޝްވަރާކޮށް އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. މިހުރިހާ ކަންކަމަކީވެސް އިސްލާމް ދީނަށް ކުރިމަތި ވެފައިވާ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކެވެ.