ހަބަރު

ލަބާންއަށް ހުކުމްކުރުން ލަސްކުރާތީ، ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި

މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މޭޑޭ މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ، ހައްޔަރުކޮށް ދައުވާކޮށްފައިވާ ކްލަބު އީގަލްސްގެ ކުރީގެ ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފުގެ މައްޗަށް ހުކުމް އިއްވުން ލަސްކުރަމުންދާ ކަމަށް ބުނެ މައްސަލައެއް ސިވިލް ކޯޓަށް ވައްދައިފި އެވެ.

މި މައްސަލާގައި ލަބާންގެ މައްޗަށް ކޮށްފައިވަނީ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހު 30 ވަނަ ދުވަހު ވަނީ ނިންމާލާފަ އެވެ.

ލަބާންގެ ފަރާތުން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލާގައި ސިވިލް ކޯޓުގައި އެދިފައިވަނީ، މި މައްސަލާގައި މިހާތަނަށް ވެސް ހުކުމް ކޮށްފައިނުވާތީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާ އާއި 43 އަދި 51 ވަނަ މާއްދާއާ ހިލާފުވާތީ، މި މައްސަލަ އެއް މަސް ދުވަހުގެ ތެރޭގައި ފައިސާލާކޮށް ނިންމުމަށް ކްރިމިނަލް ކޯޓަށް އަމުރުކޮށްދިނުމަށް އެދި އެވެ.

މި އަމުރު ނެރެދިނުމަށް އެދިފައިވަނީ، ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ނ)ގައި "އިދާރީ ގޮތުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ހައްގަކަށް ނުވަތަ އެއްވެސް ބައެއްގެ ހައްގަކަށް ނުވަތަ މުޖުތަމައުގެ ހައްގަކަށް އުނިކަމެއް ލިބިއްޖެ ކަމަށް އެ ކަމެއް ކޯޓަށް ހުށަހެޅުމުގެ ހައްގު އެ މީހަކަށް ނުވަތަ އެ ބަޔަކަށް ނުވަތަ އެ ކަމުން ސީދާ ގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާތީ އެ މާއްދާގެ ދަށުންނެވެ.