ވިޔަފާރި

ޗައިނީސް އާ އަހަރަށް ތައްޔާރު! ޓޫރިޒަމަށް ބާރު ބޮޑުވެއްޖެ

ޓޫރިސްޓުންނަށް ހިދުމަތްދޭ ގިނަ ތަންތަނަށް ޗައިނީސް އާ އަހަރާ ދިމާކޮށް ބާރު ބޮޑުވެ، ފުލްވާން ފަށައިފި އެވެ.

ޗައިނީސް އާ އަހަރު ފެށެނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ޗައިނާގައި އެންމެ ކުލަ ގަދަކޮށް ފާހަގަކުރާ އެއް މުނާސަބަތު ކަމަށްވާ ޗައިނީސް އާ އަހަރާ ދިމާކޮށް ޗައިނާގެ ގިނަ ރައްޔިތުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރެ އެވެ. މިގޮތުން ރާއްޖެއަކީ ޗައިނާ މީހުން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލެވެ.

ޓޫރިސްޓުންނަށް ހިދުމަތްދޭ ގެސްޓް ހައުސްތަކާއި ރިސޯޓުތަކުން ބުނާ ގޮތުގައި ޗައިނީސް އާ އަހަރު ފާހަގަ ކުރުމަށް ޗައިނާ ގިނަ ބަޔަކު ދަނީ ރާއްޖެއަށް އަންނަމުންނެވެ. މިހާރު ގިނަ ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ 70 ޕަސެންޓާއި 90 ޕަސެންޓާއި ދެމެދު އެވެ. އަދި ގިނަ ގެސްޓް ހައުސްތައް ދަނީ ފުލްވަމުންނެވެ.

މާފުށީ ގެސްޓް ހައުސްއެއް ކަމަށްވާ، އަރީނާ ގެސްޓް ހައުސް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ރަޝިޔާ ހަނގުރާމައިގެ ސަބަބުން އެ މާކެޓު ދަށްވި ނަމަވެސް ޗައިނީސް އާ އަހަރާ ދިމާކޮށް މާފުށި ވަނީ ފުރިފަ އެވެ. 

"ރަޝިޔާ ހަނގުރާމައިގެ ސަބަބުން ގިނަ ބަޔަކު ރަޝިޔާ ސަރަހައްދުން ނާދެ. އެހެންވެ މި މާކެޓު ވަރަށް ދަށް. އެކަމަކު ޗައިނީސް އާ އަހަރު ފެށޭތީ މުޅި ރަށް އޮތީ ގާތްގަނޑަކަށް ފުރިފައި. ޗައިނާ ގިނަ އަދަދެއްގެ ގެސްޓުން ދަނީ އަންނަމުން،" އޮފިޝަލަކު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓުކަމަށްވާ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި ރަޝިޔާ އިން އަންނަ ޓޫރިސްޓުން މަދުވުމުގެ ސަބަބުން ޓޫރިޒަމަށް "ކޮންމެވެސް ވަރެއް" ގެ ހީނަރުކަމެއް ލިބުނު ނަމަވެސް ޗައިނީސް އާ އަހަރަށް ރިސޯޓު ފުލްވާނެ ކަމަށް ބެލެވެ އެވެ.

"އަޅުގަނޑުމެން ލަފާ ކުރާ ގޮތުގައި މުޅި ރިސޯޓު ވެސް ޗައިނީސް އާ އަހަރަށް ފުލްވެގެން ދާނެ،" މައުސޫމް ވިދާޅުވި އެވެ.

ޗައިނީސް އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނާތީ ޓޫރިޒަމް އިންޑަސްޓްރީން ދަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ. އެގޮތުން މޫދަށް އެރި އުޅުމުގައި ހާއްސަ ކަމެއް ޗައިނާ ޓޫރިސްޓުންނަށް ދޭނެ އެވެ.

ސަން އައިލެންޑުން ވަނީ މިދިޔަ އަހަރު ވެސް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. 

ސަން އައިލެންޑުގެ ޖީއެމް މައުސޫމް ވިދާޅުވި ގޮތުގައި ޗައިނާ ޓޫރިސްޓުން މޫދަށް އެރި އުޅޭއިރު އެ މީހުންގެ ސަލާމަތަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.

"ރާއްޖެއަށް އަންނަ ހިސާބުން ފަތަން އެނގޭ މީހުންނާއި ނޭނގޭ މީހުން ފާހަގަ ކުރެވޭނެ. ފަތަން ނޭނގޭ މީހުން މޫދަށް އެރި އުޅުމުގައި ހާއްސަ އިސްކަމެއް ދޭނެ،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގައި ރިސޯޓް ހިންގަމުން ގެންދާ ސެންޓާރާ ކުންފުނިން ވަނީ ޗައިނީސް އާ އަހަރާ ދިމާކޮށް ޗައިނާ ޓޫރިސްޓުންނަށް ހިދުމަތް ހޯދޭނެ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގައި ސްޕާ އާއި ރޫމް ސާވިސްއިން ޑިސްކައުންޓް ލިބެ އެވެ.