ހައުސިން މިނިސްޓްރީ

މާލޭ އެކި ތަންތަނުގައި ހަރުކޮށްފައި ހުރި އިސްތިހާރުތައް ނަގަނީ

މާލޭގެ އެކި ސަރަހައްދުތަކުގައ ހަރުކޮށްފައި ހުރި އިސްތިހާރުތައް ހައުސިން މިނިސްޓްރި އިން ނަގަން ފަށައިފި އެެވެ.

ހައުސިން މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް މާލޭ މަގުތަކާއި އާމުންނާއި ކުޑަކުދިން ދިރިއުޅޭ ތަންތަން ސާފުތާހިރުކޮށް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިނިސްޓްރީ އިން ބުނީ އެކަމާއި ގުޅޭގޮތުން "މާލޭ މަގުތަކާއި އާމުތަންތަނުގައި އިޝްތިހާރާއި އިއުލާން ހަރުކުރުމާ ބެހޭ ގަވައިދު" އަށް މިމަހު ހައަކުން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ.

އެގޮތުން މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ހަރުކޮށްފައި ހުރި އިޝްތިހާރުތައް މިނިސްޓްރީ ނަގަން ފަށައިފަވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެން ކަމުން މަގުމަތީގައި ހުންނަ ކަރަންޓު ފޮށިތަކާއި ހޮޅިދަނޑިތައް އަދި މަގުގައި ހުންނަ ސައިކަލުތަކަށް އިސްތިހާރު ގަނޑުތައް ނޭޅުމަށް ހައުސިން މިނިސްޓްރީ އިން ވަނީ އެދިފަ އެވެ. އަދި އެގޮތަށް ހުއްދަނެތި އިސްތިހާރު ހަރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

ބަޔާނުގައި ބުނެފައި ވަނި މަގުމަތީގައި އިސްތިހާރު ކުރަން ބޭނުންވާ ފަރާތްތަކުން ހައުސިން މިނިސްޓްރީ އަށް ފޯމު ހުށަހަޅައި އަދި ހާއްސަ ކޮމިޓީއަކުން ބެއްލެވުމަށް ފަހު ހުއްދަ ދޭނެ ކަމަށެވެ.