ރިޕޯޓް

އިރާނާ ގުޅުން ކަނޑާލުން: ކޮންކަހަލަ ނިންމުމެއް؟

May 18, 2016
11

ރާއްޖެ އިން އިރާނާއެކު ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލިކަން އިއުލާންކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. ކުއްލި ގޮތަކަށް އިއުލާންކުރި ނިންމުން ހާމަކޮށް، ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ "އަރަބި ގަލްފު ސަރަޙައްދުގެ ހަމަޖެހުމާއި ސުލްހަ ދެމެހެއްޓުމަކީ، ރާއްޖޭގެ ސަލާމަތާއި ހަމަޖެހުމާވެސް ގުޅިފައިވާ ކަމަކަށްވާތީ އާއި ނަމަވެސް، އެސަރަހައްދުގެ ސުލްހައަށް އިރާނުން ހުރަސް އަޅަމުންގެންދާ ދިއުމަކީ ރާއްޖެއިން އެކަން ކުށްވެރިކުރާ ކަމެއްކަމަށްވާތީ" ކަމަށެވެ.

ސަރުކާރުން މި ފިޔަވަޅު އެޅި އިރު މީގެ 24 ދުވަސް ކުރިން އީރާނުގެ އާ ސަފީރު މުހައްމަދު ޒައޭރީ އަމިރާނީ ވަނީ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރައްވާ އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ވެސް އަރުވާފަ އެވެ.

މިއީ ރާއްޖެ އިން ގައުމަކާއެކު ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލި ދެވަނަ ފަހަރެވެ. ރާއްޖެ އިން އެންމެ ފުރަތަމަ ގުޅުން ކަނޑާލީ ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި އަަލަށް އެކުލަވާލި ޓްރާޒިޝަނަލް ނެޝަނަލް ކައުންސިލާއި ދެކޮޅަށް އެގައުމުގެ ކުރީގެ ރައީސް ކާނަލް މުއައްމަރުލް ގައްޒާފީ އަށް ތާއީދުކުރި ފަރާތްތަކުން އެކުލަވާލި ވަކި ސަރުކާރާ އެވެ. ރާއްޖެއިން ގުޅުން ކަނޑާލި ކަން އިއުލާންކުރީ އެޕްރިލް 22، 2011 ގައެވެ.

އިރާނާއި ރާއްޖޭގެ ޚާރިޖީ ގުޅުމަށް 40 އަހަރުވެފައިވާ އިރު، މިފަދަ ނިންމުމެއް ސަރުކާރުން ނިންމުމަކީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ކަމެކެވެ. އެކި ސޯޝަލް މީޑިޔާ ފޯރަމްތަކުގައި ސަރުކާރުގެ ނިންމުންތަކަށް ފާޑުކިޔުން އަމާޒުވި އެވެ. ސަރުކާރުގެ ސިޔާސަތަކީ "ސައުދީ ފަސްޓް" ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

"ވެއިޓް އެންޑް ސީ"

ރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެފައިވާ ބޭފުޅެއް ކަމަށްވާ އަބްދުލް ޣަފޫރު މުހައްމަދު "އަވަސް" އަށް ދެެއްވި އިންޓަވިއުގައި ވިދާޅުވީ މިއީ ރާއްޖެއާއި އަދި މިހާލަތާއި ނުބައްދަލު ކުއްލި ނިންމުމެކެވެ.

"ގަބޫލުކުރަން ދަތި ނިންމުމެއް" ކަމަށް ސިފަކުރައްވާ ޣަފޫރު ވިދާޅުވީ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާނީ ދެ ގައުމުގެ މެދުގައި ބޮޑު ހަމަނުޖެހުންތައް ހިނގާ މަޝްވަރާކޮށްގެން ހައްލުކުރެވޭވަރަށް ވުރެ ބޮޑަށް ގުޅުންތައް ނިކަމެތިވުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އޯއަސީގެ ބަޔާނާއި ގުޅިގެން އެންމެ ފުރަތަމަ ޑިޕްލޮމަސީ އިސްކުރަންޖެހޭ ކަމަށާއި ރާއްޖެއިން މިފަދަ ފިޔަވަޅެއް އަޅަންޖެހޭނީ އެކަމަށް އިރާނުން އަމަލުކުރުމަށް ދެކޮޅު ހަދާ ހާލަތުގަ އެވެ. މި މައްސަލައާއި ގުޅިގެން އޯއައިސީގެ އެއްވެސް ގައުމެއް ނާޅާ ފިޔަވަޅެއް ރާއްޖެ އެޅުމަކީ "ޅަ ނިންމުމެއް" ކަމަށް ޣަފޫރު ދެކެ ވަޑައިގަންނަވަ އެވެ. ދުނިޔޭގެ ސަލާމަތަށް މިއަށް ވުރެ ބޮޑު ގޮންޖެހުންތައް ކުރިމަތިކުރުވާ ގައުމުތައް ކަމަށްވާ ސައުތު ކޮރެއާ ފަދަ ގައުމުތަކާއެކު އޮތް ގުޅުންތައް އަދިވެސް ކުރިއަށް ގެންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިފަދަ ނިންމުންތަކުގެ ސަބަބުން، ރާއްޖެ އަށް ލިބޭނެ ގެއްލުމަކާއި ފައިދާއެއް ދިރާސާކުރަން އަދި އަވަހެވެ.

ސައުދީ އަަރަބިއްޔާ އާއި އިރާނު: ޒަމާންވީ ހަތުރުވެރިން

ސައުދީ އަރަބިއްޔާ އާއި އިރާނުން ސިޔާސީ ގުޅުންތައް ގާއިމްކޮށްފައި ވަނީ 1929 ވަނަ އަހަރު އެވެ. އޭރު މެދުއިރުމަތީގެ ގިނަ ސަރަހައްދުތަކަކީ އިގިރޭސިވިލާތުގެ އިސްތިއުމާުރުގެ ދަށުގައި އޮތް ސަރަހައްދުތަކެެވެ. ދެވަނަ ބޮޑު ހަނގުރާމައަަށްފަހު، އިގިރޭސިން އެސަރަހައްދުތައް ދޫކުރަން ފެށުމާއި ގުޅިގެން، މެދު އިރުމަތީގެ އަމަން ދެމެހެއްޓުމުގެ ޒިންމާ އެޅިގެންދިޔައީ އެ ދެގައުމުގަ އެވެ. އިރާނުގެ ޝާހް މުހައްމަދު ރިޒާ ޕަހެލްވީގެ ރަސްކަމާއި އަލް ސައޫދް އަާއިލާގެ ރަސްކަން ދެގައުމުގައި ހިނގަމުންދިޔަ އިރު، އިރާނު އޭރު ވަނީ ސައުދީ އަށް ވުރެ ތަރައްގީގެ ރޭހުގައި ކުރިއަށް ޖައްސާލާފަ އެވެ.

ޝާހުގެ ވެރިކަން 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބުގައި ވެއްޓި ދެން ވެރިކަމަށް އައި އާޔަތުﷲ ޚުމައިނީ އަކީ އަލް ސައޫދް އާއިލާގެ ރަސްކަމާއި އެމީހުން އަމަލުކުރަމުންދިޔައ އުސޫލުތަކަށް ފާޑުކީ ބޭފުޅެކެވެ. އޭގެ ރައްދު ސައުދީން ދިނީ ފުރަތަމަ ގަލްފު ހަނގުރާމައިގައި އިރާނާއި ދެކޮޅަށް އިރާގަށް އޮއްސާލި ފައިސާ އިންނެވެ. އެއަށްފަހު، މެދުއިރުމަތީގައި އިރާނާއި ސައުދީ އަރަބިއްޔާއަކީ ހަތުރުން ކަމުގައިވެފައިވެ އެވެ.

މިއަހަރު ކުރީކޮޅު ސައުދީ އަރަބިއްޔާ އާއި އިތުރު އަރަބި ގައުމުތަކުން އިރާނާއެކު ގުޅުން ކަނޑާލާފައި ވަނީ މިފަދަ ގިނަ ހާދިސާތަކެއް ހިނގުމަށްފަހު އެވެ. ސައުދީ އަރަބިއްޔާ އިން ޝީއީ ދީނީ އިލްމުވެރިއެއް ދަންޖެއްސުމާއި ގުޅިގެން އިރާނުންވަނީ އެގައުމުގައި ހުންނަ ސައުދީ އެމްބަސީ ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ. މި މުޒާހަރާތަކުގެ ތެރޭގައި އިރާނުގެ ގިނަ ބަޔަކު ވަނީ ސައުދީ އެމްބަސީއަށް ގަދަކަމުން އެތެރެވެފަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން އަދި ރާއްޖެ ވެސް ވަނީ މިކަން ކުށްވެރި ކޮށްފަ އެވެ. އަދި، އަރަބި ބައެއް ގައުމުތަކުން ވަނީ އިރާނާއެކު ގުޅުން ކަނޑާލާފަ އެވެ.

ބަހުގެ ހަމަލާތަކާއި ހަތިޔާރު ހަަމަލާތަކުގެ ތެރެއިން ދެގައުމު ވަނީ ސަރަހައްދުގައި ވަކި ހިއްޕާލުމަށް އެތަަށް މަސައްކަތެެއް ކުރަމުންނެވެ. މިފަދަ ހާލަތެއްގައި ރާއްޖެ ފަދަ ކުޑަ ގައުމަކުން މިފަދަ ހަރުކަށި ނިންމުމެއް ނިންމުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމާއިމެދު ސުވާލު އުފެދެ އެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު

ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަސްވަރަކީ ދުނިޔޭގައި ދެވަނަ ބޮޑު ހަނގުރާމަ ނިމި، އޭގެ އަޅިތަކުން ފިނި ހަނގުރާމަ ފާވި ދުވަސްވަރެވެ. މިނިވަންކަމުގެ ފައިދާ އެންމެ ހަރުދަނާކޮށް ރަާއްޖެއަށް ނެގެންއޮތީ އެއްވެސް ފަރާތަކަށް ނުޖެހޭ ސިޔާސަތެއްގެ ދަށުން ކަމަށް ނިންމާ ރާޢްޖެވަނީ ނޮން އެލައިޑް މޫވްމަންޓްގެ މެންބަރެއްގެ ގޮތުގައި ސޮއިކޮށްފަ އެވެ. އެއަށްފަހު، ރާއްޖެވެގެން ދިޔައީ ބައިނަލްއަގްވާމީ މައިދާނުގައި ތިމާވެށީގެ މައްސަލަތައް ޗެމްޕިއަންކުރާ ގައުމަކަށެވެ. ދޭދޭ ގައުމުތަކުގެ މެދުގައި ހިނގާ ކޯޅުންތަކުން ރާއްޖެ ވަނީ ފޭވެފަ އެވެ.

ގައުމީ އަދި އިގްތިސާދީ ތަރައްގީގެ ވިސްނުމުގައި ރާއްޖެ ކުރިއަށް ދަތުރުކުރަމުންދާ އިރު، އެކަމުގައި ރާއްޖެއަށް އެހީތެރިވެދޭ ގައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ ރާއްޖެ އިން އަމަލުކުރަމުންދާ ސިޔާސަތެވެ. އެ ސިޔާސަތުގެ ދަށުން ޗައިނާ، އިންޑިޔާ، ޕާކިސްތާނު، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކާއެކު ޚާރިޖީ ގުޅުންތައް ހިނގަމުންދެ އެވެ. ރާއްޖެ އާއި މިގައުމުތަކާއި މެދު އޮތް ގުޅުމަކީ އިހްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށްވާއިރު، މީގެ ސަަބަަބުން ރާއްޖެއަށް ބޭނުންވެފައިވާ ތަރަައްގީގެ ވިޝަން ހަގީގަތަކަށް ވެގެންދާ ކަމަކީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެގައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމަކާއި ނުބެހެ އެވެ. ރާއްޖެއިންވެސް އެގައުމުތަކުގެ ދާޚިލީ ކަންކަމާއި ނުބެހެއެވެ. އެހެންކަމުން މިއީ ރާއްޖެ އިން އަމަލުކުރަމުންދާ ނޮން އެލައިޑް ސިޔާސަތާއި ތައާރުޒުވާ ސިޔާސަތެއް ނޫނެވެ.

ނަމަވެސް، އިރާނާއެކު އެއްވެސް ހަމަނުޖެހުމެއް ހިނގުމެއް ނެތި، ހަމަ ކުއްލިއަކަށް ގުޅުން ކަނޑާލުމަކީ މި ސިޔާސަތާއި ތައާރުޒުވާ ކަމެއް ކަމަށް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ފޮރިން މިނިސްޓްރީގެ އިތުރު ވާހަކައެއް ނެތް!

ރޭ ނެރުނު ބަަޔާނަށްފަހު، ފޮރިން މިނިސްޓްރީ އިން އިތުރު ބަޔާނެއް ނެރެފައެއް ނުވެ އެވެ. މައުލޫމާތުގެ "ވެކިއުމެއް" ގައި ސިޔާސީ އެކި ފަރާތްތަކުން ދަނީ "ސްޕެކިއުލޭޝަން" އޮއްސަމުންނެވެ. ސަރުކާރުގެ ނިންމުމަށް ފާޑުކިޔަމުންނެވެ. އާންމުކޮށް ކެކި އަރާ ޕީޕީއެމްގެ ސޯޝަލް މީޑިޔާ ވަނީ އަދި ވަރަށް މައިތިރިކޮށެވެ. ކިޔަސް އޮއްޓަރު ހުރި އެއްޗެއް އަދި ބުނެފައެއް ނުވެ އެވެ.

އާންމު ފަރުދެއްގެ ހައިސިއްޔަތުން ވިސްނާލަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެެވެ. ރާއްޖެއަށް އެއްވެސް ގެއްލުމެއްވާނެތަ؟ ސިޔާސަތުތަަަކަށް އެއްވެސް ބަދަލެއް އަންނާނެތަ؟ ވަކި އެއްޗެއް ބުނަން އަދި މާ އަވަހެވެ.