ޕާޓްނާޝިޕް ފޯރަމް

ޕާޓްނާޝިޕް ފޯރަމް: ގައުމުތަކާ ގުޅުން ބަދަހިކުރުމުގެ ބޮޑު ހަރަކާތް

Jun 16, 2019
13

ފޮރިން މިނިސްޓްރީން އިންތިޒާމްކޮށްގެން ފަށާ މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަކީ މިހާތަނަށް މިފަދަ ގޮތަކަށް ބޭއްވޭ އެންމެ ބޮޑު ހަރަކާތެކެވެ. އެންމެ ގިނަ ބޭރުގެ މީހުން ބައިވެރިވާނެ ފޯރަމެވެ. ގިނަ ގައުމުތަކުންނާއި ޖަމިއްޔާތަކަކުން ބާއްވާ މި ފޯރަމާއެކު، ކުރީން ހީނަރުވެފައިވާ ގުޅުންތައް ބަދަހިކޮށް، ރާއްޖެއަށް ތަފާތު އާ ފުރުސަތުތައް ފަހިވާނެ އެވެ.

ރާއްޖޭގައި ބާއްވާނެ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުން، މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާ ކުރުނބާ މޯލްޑިވްސްގަ އެވެ. އެކަމަށް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު އެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަފުޅު ދައްކަވާނެ އެވެ.

ފޯރަމާ ގުޅޭ ގޮތުން އެމްބެސެޑާ އެޓް ލާޖް ޑރ. އާސިމް އަހުމަދު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއާ ގިނަ ގައުމުތަކަކާ ދެމެދު އޮތް ގުޅުން ހީނަރުވެ ދުރުވެގެން ގޮސްފައިވާ ކަމާއި އެހެންވެ އެ ގުޅުންތައް އަލުން އިއާދަކޮށް ބަދަހިކުރުމަކީ މި ފޯރަމްގެ މަގުސަދެވެ. މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ވަރަށް ހާމަކަން ބޮޑު، ގުޅިގެން ކުރިއަށް ގެންދާނެ ސިޔާސަތެއްކަން ވެސް ފާހަގަ ކުރެއްވި އެވެ.

ޕާޓްނަޝިޕް ފޯރަމްގެ މައުލޫމާތުދީ ފޯރަމް ޕްރޮމޯޓް ކުރުމަށް އެމްބެސެޑާ ވަނީ ކޮލަންބޯ އާއި ދިއްލީގައި ތިއްބަވާ ސަފީރުންނާއި ބޭރުގެ ޖަމިއްޔާތަކާ ބައްދަލު ކުރައްވާފަ އެވެ. އެ ފަރާތްތަކަށް ފޯރަމަށް ދައުވަތު ދީފައިވާއިރު އޭގެ ތެރެއިން ގިނަ ބޭފުޅުން ފޯރަމް ބައިވެރިވެ އެވެ. ގިނަ ބޭފުޅުން މިހާރު ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

އާސިމް ވިދާޅުވި ގޮތުގައި ފޯރަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތުތައްދީ، އެކަމުގައި ވެދެވޭނެ އެހީތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ރާއްޖޭގެ ހާރިޖީ ސިޔާސަތު ހުޅުވާލާފައިވާ ގޮތާމެދު ވެސް މައުލޫމާތު ދޭނެ އެވެ. މީގެއިތުރުން ޝަރުއީ ދާއިރާއަށް ގެންނަން ގަސްދުކުރާ އިސްލާހުތަކުގެ މައުލޫމާތު ވެސް ފޯރަމްގައި އަރުވާނެ އެވެ.

މައިގަނޑު ގޮތެއްގައި ކުރިއަށްދާނެ ސެޝަންތައް

  • މާލީ އަދި އިގުތިސޯދީ ދާއިރާ: ރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގްތިސޯދީ ހާލަތުގެ މައުލޫމާތު
  • ނޫ އިގްތިސޯދު: ދެމެހެއްޓެނިވި އަދި އެންމެންގެ ބައިވެރިވުން ހިމެނިގެން އިގްތިސޯދީ ދާއިރާ ތަރައްގީކުރުން
  • އިޖްތިމާއީ ދާއިރާ: ސިއްހީ، ތައުލީމީ ދާއިރާ ތަރައްގީކުރުމާއި، ސަގާފީ އަދި ޒުވާނުންނާ ގުޅޭ ކަންކަމާއި ބޯހިޔާވަހިކަން
  • އިދާރާތައް ހަރުދަނާކުރުން: ހިންގުމާއި އަދުލުއިންސާފުގެ ނިޒާމް ހަރުދަނާކުރުން
  • ޕްރައިވެޓް ސެކްޓާ އާއި ގުޅިގެން ތަރައްގީކުރުން: ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓާއަށް އަދާކުރެވިދާނެ ދައުރު

ފޯރަމްގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ފޮރިން މިނިސްޓްރީން ވަމުންދާއިރު މިރޭ ފޯރަމަށް ވަޑައިގެންނެވި ބޭފުޅުންނަށް ހާއްސަ ރިސެޕްޝަނެއް ވެސް އޮންނާނެ އެވެ. އަދި މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯރަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ފޯރަމަށް ސަރުކާރުން ކަނޑައަޅާފައިވާ ޝިއާރަކީ "އިންވެސްޓިން އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.