ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރި ކަމަށް ވަޑައިގަތުމަށް ފަހު، 2018 ނޮވެންބަރު، 17 ވަނަ ދުވަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ ފޮރިން ޕޮލިސީގައި ކާމިޔާބު އަދި ވަރުގަދަ ނިންމުންތައް ނިންމާ ގައުމެއްގެ ކަމުގައި ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.
ގައުމުތަކާއި އޮންނަ ގުޅުންތައް ވަރުގަދަކޮށް، އަނިޔާ ލިބެމުންދާ މުސްލިމުންގެ ދިފާއުގައި މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ. މުޅި ދުނިޔޭގެ ސުލްހައާ ހަމަޖެހުމަށްޓަކައި ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް ކުރައްވުމުގައި ނަމޫނާ ދައްކަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސަރުކާރަށް އަހަރު ދުވަސްވީއިރު ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެއިން ވަނީ ފަހުރުވެރިި މަގާމެއް ހޯދާފަ އެވެ. އަވައްޓެރި ގައުމުތަކާއި އޮތް ގުޅުން ވަރުގަދަ އެވެ. އެހެން ގައުމުތަކާ ވެސް އޮތީ ކުރިން ނެތް ހަރުދަނާ ގުޅުންތަކެއް ގާއިމްކޮށްފަ އެވެ. މީގެ އިތުރުން މުސްލިމު ގައުމުތަކަށް ދިމާވެފައިވާ ހާލަތާމެދު ރާއްޖެއިން ވަނީ އަޑު އުފުލާފަ އެވެ.
ހާއްސަކޮށް ދިވެހިންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް ފަލަސްތީނުގެ ހައްގުގައި އެތައް ފޯރަމެއްގައި ރާއްޖެއިން އަޑު އުފުލައިފިއެވެ. އެތައް އަހަރެއްގެ ފަހުން ރާއްޖޭގެ ރައީސަކު އދ. ގެ މަޖިލީހުގައި މިދިޔަ އަހަރު ތަގުރީރު ކުރެއްވިއިރު ރައީސް ސޯލިހް ވަނީ ވަރަށް ސާފު ބަހުން ރާއްޖެ އޮތީ ފަލަސްތީނާއެކު ކަމަށް ވިދާޅުވެފަ އެވެ.
އަދި ފަލަސްތީން-އިސްރާއީލް މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތުގެ ހައްލެއް ކަމަށް ވިދާޅުވިއެވެ. މި މޭރުމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ އެތައް ފަހަރަކު ވާހަކަ ދައްކަވާފައެވެ. މިއިން މުސްލިމުން ދިފާއުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތް މުޅި ދުނިޔެއަށް ވަނީ ހާމަކޮށްދީފަ އެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާގެ މުސްލިމުން ހިމާޔަތްކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ރާއްޖެއިން ތަދުއްހުލު ވާނެ ކަމަށް ދިވެހި ސަރުކާރުން މިހާރު ވަނީ ހާމަކޮށްފަ އެވެ. އެކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.
ދަ ގެމްބިއާއިން އިސްލާމީ ޤައުމުތަކުގެ ފަރާތުން މިދިޔަ އަހަރު އދ. އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެއިން ވަންނާނެކަން ޝާހިދު އިއުލާން ކުރެއްވީ ސްވިޓްޒަލެންޑްގެ ޖެނީވާގައި ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ރޮހިންޔާ މުސްލިމުންގެ ދިފާޢުގައި ބައިނަލްއަޤްވާމީ ކޯޓުން ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށެވެ. އަދި ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ނުކުންނަން ޖެހޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ފެންނަ ކަމަށާއި އަވަސް މުސްތަގުބަލެއްގައި ރާއްޖެއިން ރޮހިންޔާ މުސްލިމުންގެ ދިފާއުގައި އެ ކޯޓަށް ލިޔުން ހުށަހަޅާނެކަމަށެވެ.
މީގެ އިތުރުން ސަރުކާރުން ވަނީ އެ މައްސަލާގައި ރާއްޖެ ތަމްސީލްކުރައްވާ ވަކީލެއްގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ގާނޫނީ ވަކީލް އާމާލް ކްލޫނީ ކަމަށް ހަމަޖައްސާފަ އެވެ. މިއީވެސް ސަރުކާރުން މުސްލިމުންގެ ދިފާއުގައި އެޅި ވަރުގަދަ ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންގެ އެތައް ހާސް ބަޔަކު ވަޒަނުން އަނިޔާވެރި ކަމުގައި ނެރެލުމުން އަވައްޓެރި ބަންގްލަދޭޝްގައި ނިކަމެތި ހާލުގައި ދަނީ އުޅެމުންނެވެ. އަދި އަނިޔާއިން ސަލާމަތްވުމަށް ފިލަން ނިކުތް އެތައް މުސްލިމުންނެއް ވަނީ ކަނޑަށް ޢަރަގުވެފައެވެ. މުޅި ދުނިޔެ އެ މައްސަލައަށް ސަމާލުކަން ނުދީ، ނިދާފައި އޮތުމުން މިޔަންމާގެ ހަރުކަށި ސިފައިންގެ އަމަލުތައް ހައްދުން ވަނީ ނައްޓާފަ އެވެ. މުސްލިން ގެތަކުގައި ބަންދުކޮށް ވަށައިގެން ހުޅުޖަހާ އަންދާލުން ފަދަ ބޮޑެތި އެތައް ޖަރީމާތަކެއް ވަނީ ހިންގާފައެވެ. ކުޑަކުދިންނާއި، އަންހެނުންގެ އިއްފަތް ފޭރި އަދި ބޮޑެތި އަވަށްތައް އެއްކޮށް އަންދާލާ ވަނީ އަޅިއަށް ހަދާލާފަ އެވެ.
މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވައި، ރޮހިންޔާގެ މުސްލިމުން ހިމާޔަތްކުރަން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށައަޅާފައިވާ މައްސަލައިގައި އެކޯޓުން މިދިޔަ ޖެނުއަރީ މަހު ވަނީ ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގާ "ގަތުލުއާއްމު" ން ސަލާމަތްކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން އެ ގައުމަށް އަމުރު ކޮށްފަ އެވެ. އަދި 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނަށް ފެތޭ، އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ރޮހިންޔާ ދަރިކޮޅުގެ މީހުންނަށް މިޔަންމާއިން ދީފައިވާކަމަށް މިމައްސަލަ ބެއްލެވި 17 ފަނޑިޔާރުންގެ ޕެނަލުން ވަނީ ނިންމާފަ އެވެ.
ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމުގައިވާ ގޮތުން ރޮހިންޔާ މުސްލިމުން ހިމާޔަތްކުރުމަށް މިޔަންމާއިން އަޅާ ފިޔަވަޅުތަކުގެ ރިޕޯޓެއް ހަތަރު މަސްދުވަހުގެ ތެރޭގައި އެކޯޓަށް ހުށަހަޅަން ޖެހެއެވެ. އަދި އޭގެ ފަހުން މައްސަލަ އެއްކޮށް ކޯޓުގައި ނިމެންދެން ކޮންމެ ހަ މަހަކުން އެފަދަ ރިޕޯޓެއް ކޯޓަށް ހުށަހަޅަން ޖެހެއެވެ.
މުސްލިމުންނާ ގުޅުންހުރި މިފަދަ މުހިންމު މައްސަލައެއްގައި މުޅި ދުނިޔެ ކުރިމަތީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމަކުން މި ދެއްކީ ހިތްވަރު ގަދަކަމުގެ މިސާލެކެވެ. އަދި މިއީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ބައިނަލްއަގްވާމީ މުޖްތަމައުގައި މުސްލިމުންގެ ހައްގުގައި އެޅުއްވި ވަރުގަދަ ފިޔަވަޅެކެވެ. ދުނިޔެ ބަލައިގަންނަ ވަކީލަކާއެކު ރާއްޖެއިން މިޔަންމާގެ މުސްލިމުންނަށް ހައްގު މިންވަރު ހޯދާދިނުމަށް ތެދުވި ތެދުވުމަކީ ސައްތައިންސައްތަ އިސްލާމީ މި ގައުމަށް ލިބުނު ޝަރަފެކެވެ. އުފަލެކެވެ. އަދި އެއީ ހިތްވަރު ގަދަ ފިޔަވަޅެކެވެ.