މިއަންމާ

މިޔަންމާގައި ކުރީ ބަޣާވާތެއް، ކުށްވެރިކުރަން: ރާއްޖެ

މިއަންމާގައި އަސްކަރިއްޔާއިން މިދިޔަ މަހުގެ ފުރަތަމަ ދުވަހު އެ ގައުމުގައި ކުރީ ބަޣާވާތެއް ކަމަށާ އެކަން ކުށްވެރިކުރާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ދިވެހި ސަރުކާރުން މިރޭ ވަނީ ރަސްމީކޮށް އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

ދިވެހި ސަރުކާރުގައި ބަޔާނުގައި ބުނެފައިވަނީ ފެބްރުއަރީ 1، 2021 ވަނަ ދުވަހު ބަޣާވާތަކުން މިޔަންމާގެ ސަރުކާރު ބަދަލުކުރުމާ ގުޅިގެން އެކަން ކުށްވެރިކުރުމުގައި ބައިނަލްއަގްވާމީ މުޖްތަމަ އާއި ދިވެހި ސަރުކާރު ބައިވެރިވާ ކަމަށެވެ. އަދި މިޔަންމާގެ އަސްކަރިއްޔާއިން އެ ގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނޭއްގާނީ އަމަލުތަކާއި، އެކަމުގެ ސަބަބުން ކުށެއް ނެތް އާއްމުންގެ އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާތީ ކަންބޮޑުވާ ކަމަށެވެ.

އަދި ގާނޫނާ ހިލާފަށް މިޔަންމާގެ މަދަނީ ސަރުކާރުގެ އޮފިޝަލުންނާއި ހަތިޔާރެއް ނެތި މުޒާހަރާ ކުރަމުން ދާ ފަރާތްތައް ހައްޔަރު ކުރުން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ. މިޔަންމާގެ ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް މިޔަންމާ ސަރުކާރަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އިންސާނީ ހައްގުތަކުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށްވެސް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.

ބަޣާވާތަށްފަހު އިއުލާންކޮށްފައިވާ ކުއްލި ހާލަތު އުވާލުމަށްވެސް މިޔަންމާގެ އަސްކަރިއްޔާއަށް ދިވެހި ސަރުކާރުން ގޮވާލާފައިވެއެވެ.

އަދި އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ވެރިކަމުގެ ބާރުތައް އިންތިހާބުކޮށްފައިވާ ނޭޝަނަލް އެސެމްބްލީއަށް ދޫކޮށްލުމަށާއި، މިޔަންމާގެ ސިޔާސީ އަދި އިޖްތިމާއީ ހަމަޖެހުން ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލާފައެވެ.

މިޔަންމާގެ ރައްޔިތުން ޑިމޮކްރަސީއަށް ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެއިން އޮތީ އެމީހުންނާ އެކުގައިކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.