މީހުން

ހުރިހާ މުނާސަބަތަކަށް ވެސް ހެޔޮވަރު، ކުޑަ އިއްބެ

ދިވެހިން ބުނާ ވާހަކައެއް އޮވެ އެވެ. ދިވެއްސެއްގެ ނަމެއް ނުވަތަ ވަނަމެއްގެ ކުރިއަށް "ކުޑަ"، މިހެން ކިޔައިފި ނަމަ ނިކަން ވަރުގަދަ ފަހުލަވާނަކަށް އެ މީހަކު ބަދަލުވެގެން ދެ އެވެ. ކުޑަ މޫސައަކީ ދިވެހި ފުޓްބޯޅައިގެ ރަން ޒަމާނުގެ އެންމެ މަޝްހޫރު ނަމެވެ. ކުޑަ ހީނާ އަކީ ވެސް ދިވެހި ފުޓްބޯޅައިގެ ނުލާހިކު މަޝްހޫރު ނަމެކެވެ.

ކުޑަ އިއްސެ އާއި ކުޑަ އައްޔައަކީ ރަން ވަން ހޯދަމުން އަންނަ މަޝްހޫރު ދެ ރާޅާއެޅުންތެރިންނެވެ. ވޮލީކުޅެން އެފަދަ ދެ ވަނައެއް ނެތް ކުޑަކާއްޓޭއެއް ވެސް އެބަ އުޅެ އެވެ. 

އަދި، އެއް އިރެއްގައި ކުޑަ ކަތީބޭ ކިޔުނު ނިކަން ބާރުގަދަ އޮފިޝަލުންތަކެއް ވެސް މި ރަށްތަކުގައި ދިރިއުޅުނެވެ. ކޮންމެއަކަސް މި އެންމެންގެ ވާހަކައެއް ނޫނެވެ. ކުޑަ އިއްބެގެ ވާހަކަ އެވެ.

މިއީ، މުނިފޫހިފިލުވުމުގެ ދާއިރާގެ ކޮންމެ ދިމާލަކަށް ބެލިޔަސް ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރާ ނޫން އެހެން ދިމާލަކަށް ބެލިޔަސް ފާހަގަކޮށްލެވޭ ހުނަރުވެރި އެކެވެ. އޭނާ އަކީ ހުރިހާ މުނާސަބަތަކަށް ވެސް ހެޔޮވަރު "ކުޑަ އިއްބެ" އެކެވެ.

މިހެން ބުނީމަ ބައެއް މީހުން ބުނެފާނެ އެވެ. "ތިޔަ ކުޑަ އިއްބެމެން މަޝްހޫރުވީ ކޮޕީ ލަވަކިޔައިގެނެއް ނޫން ހެއްޔެވެ". ފަހަރެއްގައި އެ ވާހަކަ ވެސް ރަނގަޅެވެ. ނަމަވެސް އޭނާގެ ހުނަރުވެރިކަމުގެ ވާހަކަ އެހާ ކުރު ޖުމްލައަކުން އަދި ނިންމާލެވޭކަށް ނެތެވެ.

ލަވަކިޔުންތެރިއެއް ނުވަތަ މިއުޒީޝަނެއްގެ ގޮތުގައި ކުޑަ އިއްބެ އަށް މި ރާއްޖެއިން ނުލިބޭ އުފަލެއް، ހިތްހަމަޖެހުމެއް މިހާރަކު ނެތެވެ. މިއުޒިކްގެ އިމުގައި އޭނާ ނުބީހޭ ދިމާލެއް އަދި ނުކުޅޭ ރާގެއް ވެސް ނެތެވެ. ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ހިންދީ ރާގުތަކުން ފެށިގެން އަމިއްލަ ރާގާއި މެޓަލިކާ އާއި އަޔަން މެއިޑެން ފަދަ މެޓަލް ބޭންޑްތަކުގެ ރާގުތަކާ ވެސް އޭނާ މި ވަނީ މިއުޒިކްގެ ދުނިޔޭގައި ލޯބި ފައްކާކޮށްފަ އެވެ.

މިވަރުން އަދި ނިމުނީކީއެއް ނޫނެވެ. އަމިއްލަ ރާގުގެ މަދަހަ އާއި ގައުމީ އެކި މުނާސަބުތަކާ ގުޅޭ ލަވަތަކާއި ބޮޑެތި ކާރިސާތަކަށް ހާއްސަ ރާގާއި ލަވަ ވެސް އޭނާ ވަނީ ރިކޯޑްކޮށްފަ އެވެ. ކުޑަކުދިންގެ ލަވަ މުބާރާތްތަކުގައި ވެސް ކުޑަ އިއްބެއަކީ މަޝްހޫރު ނަމެކެވެ. އަދި ޓީވީއަކުން ލަވައާއި މިއުޒިކާ ގުޅިފައިވާ ޝޯއެއް އުފެއްދިޔަސް ނުވަތަ ދިވެހި ސިނަމާއިން ފިލްމެއް ނުވަތަ ޑްރާމާއެއް ކުޅުނަސް އިއްބެ އަކީ މިއަދު ވަރަށް ވެސް މުހިންމު ނަމެކެވެ. 

އާ ވައްތަރެއްގެ ނޫޑްލްސްއެއް ނުވަތަ އެހެން ޕްރޮޑަކްޓެއް ގެނެސްގެން ޕްރޮމޯޝަނަލް އިޝްތިހާރެއް ހެދިޔަސް ކުޑަ އިއްބެ ނޫން އެހެން މީހަކު ލައްވައި އެއަށް ވެސް މިއުޒިކް ހައްދަން ގިނަ މީހުންގެ ހިތެއް ނުރުހެ އެވެ.

މި ކިޔައި ދެވުނީ ކުޑައިއްބެ ނުވަތަ އަސްލު ނަމުން ނަމަ، އިބްރާހިމް ޒައިދު އަލީގެ މިއުޒިކް ކެރިއަރުގެ ކުރު ހުލާސާއެކެވެ. އޭނާގެ ވާހަކަ ވަރަށް ވެސް ފޮންޏެވެ. އަދި އެންމެ ކުރިން ވެސް ފޮންޏެވެ. އެންމެ ކުރިއަކީ، އުފަން ރަށް ގދ. ތިނަދޫގައި އަމިއްލަ އަށް ގިޓާ ހަދައިގެން ޑްރަމް ސެޓް ހަދައިގެން ރަށުގެ ފުޓްބޯޅަ ދަނޑުގައި ސްޓޭޖު އަޅައިގެން ރަށު މީހުންނަށް ޝޯ ދޭން އުޅުނު ދުވަސްވަރެވެ.

"އޭރު ވާނީ ގާތްގަނޑަކަށް އަށް އަހަރު ނުވަތަ ނުވަ އަހަރު. ގިޓާ އެއް ނުވަތަ ބެރެއް ކުޅެލަން ނުލިބޭ ތާނގައި ލޮލަކަށް ވެސް އޭގެ އެއްޗެއް ފެންނަވަރެއް ނުވޭ އޭރަކު. ގިޓާ އޭރު ފެންނަނީ ފޮޓޯތަކުން،" ނިކަން ކުޑައިރުގެ ހަނދާންތަކުން ކުޑަ އިއްބެގެ ވާހަކަ ފެށީ މިހެންނެވެ.

"އެކަމަކު މިއުޒިކާއި ލަވަ އަށް އޭރު ވެސް ނިކަން ފޯރި ހުރޭ. އެހެންވީމަ ލަކުޑި އާއި ފްލައިވުޑާއި ބޯ ކަރުދާހުން ގިޓާ އަމިއްލަ އަށް ހަދައިގެން އޭގައި ކަންވާރު ފުރައިގެން އުޅުނީ. ޑްރަމް ސެޓްގައި ބޭނުންކުރީ އެކްސްރޭ."

ކުޑައިއްބެ ބުނީ އޭރު މި ފޯރީގައި އުޅުނަސް ގިޓާ ނުވަތަ އެހެން އިންސްޓްރުމެންޓެއް ވެސް ކުޅޭކަށް ނޭނގޭ ކަމަށެވެ.

"އޭރު ވެސް މޮޅަށް ގިޓާކުޅޭކަށް އެނގެނީކީއެއް ނޫން. ހަމަ އޭގައި ކަންވާރު ފުރައިގެން ތަޅަނީ."

އިއްބެ ބުނާ ގޮތުން ތިނަދޫ އަކީ މިއުޒިކްގެ ފޯރި އޭރު ނިކަން ގަދަ ރަށެކެވެ. މިއުޒިކް ބޭންޑްތައް އާންމުކޮށް އެ ރަށަށް ވެސް ދެ އެވެ. އޭނާ އަށް ގިޓާއެއް ލިބުނީ ވެސް އެގޮތަށް ރަށަށް ދިޔަ ބޭންޑަކުންނެވެ.

ނަމަވެސް ކުޑަ އިއްބެ، ކުޑަ އިއްބެއަކަށް ހަދައި ދިނުމުގައި އެންމެ މުހިންމު ރޯލެއް ކުޅުނު އެކަކަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާނެވެ. އިއްބެ ބުނާ ގޮތުން ގިޓާ އަކީ ކޯއްޗެއްކަން އެނގި ރަނގަޅަށް ކޯޑް އަޅައިގެން ލަވަކުޅެން ދަސްވީ ނިހާނުގެ "މިއުޒިކް އަދި ކުރެހުމުގެ" ދުނިޔެއިންނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ނިހާނަކީ އެއް އިރެއްގައި ނިކަން ގަދަ އަށް މިއުޒިކް ކުޅުއްވައި ލަވަ ވިދާޅުވެ ކުރައްސަވައި ވެސް ހެއްދެވި ފަރާތެކެވެ. ނިހާނުގެ މި ދިރިއުޅުއްވުމުގެ ތެރެއިން ކުޑަ އިއްބެ އަށް ފިލާވަޅުތަކެއް ލިބުނީ އޭނާގެ އާއިލާގެ މެމްބަރަކަށް ވެފައި، 1997 ވަނަ އަހަރު މާލޭގައި ހޭދަކުރި ކުރު ޗުއްޓީއެއްގަ އެވެ.

މި ޗުއްޓީ ނިންމާލާފައި އޭނާ އެނބުރި ރަށަށް ދިޔައީ ބީޓްލްސް އާއި ސީސީއާރު އަދި އަޔަން މެއިޑެން އާއި މެޓާލިކާގެ އިތުރުން ގަންސް އެންޑް ރޯސަސް އާއި ސްކޯޕިއަންސްގެ ލަވަތައް ކުޅެމުން އުފަލުން ނަށަމުންނެވެ.

ނަމަވެސް މިއުޒީޝަނެއްގެ ގޮތުގައި ސްޓޭޖުމަތިން މަޝްހޫރުވުމުގެ ކުރިން އޭނާ އުޅުނީ ކުރަހާ މީހަކަށެވެ. އެވެސް ނިހާނުއާ އެކުގަ އެވެ.

ޓީޝާޓާއި ތަށިފަދަ ތަކެއްޗާއި މަގުމަތީގެ ބެނާތަކާއި ގިޑިގެތަކުގައި ކުރެހުމަކީ އޭނާ އެންމެ ފުރަތަމަ ކުރި މަސައްކަތެވެ. ކުޑަ އިއްބެ މިއީ ކުރަހަން ވެސް ނިކަން މޮޅު މީހެއްކަން ފާހަގަކޮށްލެ އެވެ.

ކޮންމެއަކަސް މިގޮތަށް އުޅުނު ކުޑައިއްބެ އަށް ދިވެހި މިއުޒިކްގެ ދުނިޔެ އަށް ވަދެވުނީ އޭރުގެ މަޝްހޫރު "ހަފުތާ ނިންމާ" ޝޯތަކުގެ ހަވާސާ އިން ތަންކޮޅެއް އެތެރެއަށް ޖެހިލައިގެން އުޅެނިކޮށެވެ.

"ހަފުތާ ނިންމާ" ޝޯތަކުގައި އޭރުގެ އެންމެ މަޝްހޫރު މޫނަކީ އަލީ ރަމީޒެވެ. އަދި އެއީ މެޒޯ މޯޑް އާއި އޭނާގެ ބޭންޑްގެ ވެސް ރަން ޒަމާނެވެ. މިފަދަ މަޝްހޫރު ފަންނާނުންނާ އެކު ކުރިއަށް ގެންދިޔަ "ހަފުތާ ބަންދު" ޝޯތަކުގައި ކުޑަ އިއްބެ އަކީ އެންމެ ފުރަތަމަ އެއްވެސް މީހެއް ނޫނެވެ.

ކޮންމެވެސް ބޭންޑަކާ އެކު ގިޓާކުޅެން އުޅުނު "ކުއްޖެކެވެ." އެންމެ ފުރަތަމަ ސްޓޭޖުމަތީގައި ލަވަ ވެސް ނުކިޔަ އެވެ. ހަމައެކަނި ގިޓާކުޅެލަކުޅެލަ ހުރީ އެވެ.

މިހެން އުޅެފައި އޭނާ އެއް ރެއަކު ސޯނޫ ނިގާމުގެ ލަވައެއް ކިޔާލީމަ ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން އޭނާ އަށް ލިބުނީ އެވެ. މި ސަމާލުކަން އޭނާ އަށް ލިބުނުއިރު ދިވެހި ރާއްޖޭގެ އަޑުން އުޅެނީ އާ ބޭންޑެއް އުފެއްދުމުގެ މަސައްކަތުގަ އެވެ.

އެމީހުން "ވޭވްސް ބޭންޑް" އުފައްދައި ކުޑައިއްބެ އަށް އެ ބޭންޑްގެ ދޮރު ހުޅުވާލީ 2001 ވަނަ އަހަރު އެވެ. މި ބޭންޑްގެ މަޝްހޫރު އަލްބަމް "ހިތުކޫރު" އަށް އޭނާ ރިކޯޑްކުރި "އެދެމޭ ކަލާޔާ" އާއެކު ރޮކެޓެއްހެން އަރައިގެން ގޮސް ތަރިއެއްހެން ފިޔަޖަހަން ފެށީ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ "އެދެމޭ ކަލާޔާ" އަކީ އެންމެ ފުރަތަމަ ކުޑައިއްބެ ކިޔަން ހަމަޖެހިފައި އޮތް ލަވައެއް ވެސް ނޫނެވެ. އެ ލަވަ ކިޔުއްވަން އެންމެ ފުރަތަމަ އުޅުނީ، ކުޑައިއްބެ މިއުޒިކް ކެރިއަރުގެ އެންމެ ބޮޑު އެއް އެކުވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ ލައްވަ އެވެ.

ކޮންމެއަކަސް "އެދެމޭ ކަލާޔާ" ގެ ކާމިޔާބީ އާއި އެކު "އެދެމޭ ކަލާޔާ" ގެ ވަނަން ވެސް ކުޑައިއްބެ އަށް އެ ދުވަސްކޮޅު ހަރުވެ އޭނާ މުޅި ރާއްޖެ އަށް މަޝްހޫރުވީ އެވެ.

މިއަދު އޭނާ އަކީ މިއުޒިކް ކުޅެ ލަވަކިޔައިގެން އާމްދަނީއެއް ހޯދަން އުނދަގޫ މި މާލޭގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް މިއުޒީޝަނެވެ. ކޮންމެ ވައްތަރެއްގެ މިއުޒިކަކަށް ވިޔަސް އަދި ކޮންމެ ކަހަލަ ހަފުލާއަކަށް ވިޔަސް މައްސަލައެއް ނެތެވެ. ކުޑައިއްބެ އަކީ އެ ރާގަކަށް، ލަވައަކަށް ނުވަތަ ހަފުލާއަކަށް ވެސް ފައްތާލެވޭ ފެންވަރުގެ ފަންނުވެރިއެކެވެ.

ލައިވް މިއުޒިކާއި ޕްރޮގްރާމް މިއުޒިކާއި އަމިއްލަ ރާގާއި ކޮޕީ ރާގާއި އިޖުތިމާއީ ލަވަ އާއި ލޯބީގެ ލަވަ އާއި މަދަހަ އާއި ބެކްމިއުޒިކް، މިހެން ގޮސް ކިޔާނެ ކަމެއް ނެތެވެ. އިއްބެ ވަރެއް ހަމަ ނެތެވެ.