މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިހަށް ހާޒިރުވާން އޮއިއްޓޭއަށް 14 ދުވަސްދީފި

May 18, 2016

ޓެރެރިޒަމާއި، ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅުމާއި، މަނީލޯންޑްރިން މައްސަލަތަކަކާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރޭ ހިމެނޭ ގ. އޮއިވާލި މުޙައްމަދު ޙުސައިން (އޮއިއްޓޭ) 36، އަށް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް 14 ދުވަހުގެ ނޯޓިހެއް ދީ އެކަން ފުލުހުން އިއުލާންކޮށްފި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ކަމެއް އޮތް އަދި ރިޔާސީ ލޯންޗުކޮޅުގައި ބޮން ގޮއްވި ހާދިސާއަށް ފަހު ފެށި ތަހުގީގުތަކުގައި ތުހުމަތުވާ އެކި މައްސަލަތަކުގެ ތަހުގީގަށް އޮއިއްޓޭ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

ފުލުހުން ބުނީ އޮއިއްޓޭ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެމުންދާތީ ފުލުހަށް ހާޒިރުވާން އާންމުކޮށް އަންގައި އިއުލާންކޮށްފައިވީ ނަމަވެސް މިހާތަނަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ދެވޭ ފަހު ފުރުޞަތެއްގެ ގޮތުގައި މިއަދުން ފެށިގެން 14 ދުވަސްދީ އެ މުއްދަތުގައި ހާޒިރުވާން އަންގާ ކަމަށެވެ.

އޮއިއްޓޭ މިއަދުން ފެށިގެން ދެވޭ 14 ދުވަހުގެ ތެރޭގައި ހާޒިރު ނުވެއްޖެ ނަމަ ތުހުމަތު ކުރެވޭ މައްސަލަތަކާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ޣައިރު ހާޒިރުގައި ތުހުމަތު ކުރެވޭ މައްސަލަތަކުގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.