ޕްރޮމޯޝަން

އަވަސް އިއުލާން ތައާރަފްކޮށްފި

May 18, 2016

ވަޒީފާގެ ފުރުސަތާއި އެނައުންސްމެންޓާއި އިއުލާން ޖެހުމަށް ހާއްސަ ޕްލެޓްފޯމެއް "އަވަސް އޮންލައިން" އިން މިއަދު ތައާރަފްކޮށް އާންމުކޮށް ދޫކޮށްލައިފި އެވެ.

"އަވަސް އިއުލާން" ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕްލެޓްފޯމާބެހޭ ގޮތުން އަވަސްގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފްޒަލް އާމިރު (އަޕޯ) ވިދާޅުވީ މިއީ އޮފީސްތަކަށާއި ކުންފުނިތަކަށް ވަރަށް ފަސޭހައިން ވަޒީފާތަކަށް މީހުން ހޯދުމަށާއި އެހެނިހެން ބޭނުންތަކުގެ އިއުލާންތަކާއި އެނައުންސްމެންޓްތައް ޖެހުމަށް ވަރަށް ފަސޭހެވާނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެއް ކަމަށެވެ.

މި ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެހެން ވެސް ގިނަ ފުރުސަތުތަކެއް އާންމުންނާ ހަމައަށް ގެނެސްދެވޭނެ އެވެ. އެގޮތުން ކޮލެޖްތަކުން އަލަށް ހުޅުވާލައި ކޯސްތަކާއި ޑޮކްޓަރުންގެ ޑިއުޓީ އާންމުންނާ ހަމަޔަށް ގެނެސް ދިނުމުގައި އަވަސް އިއުލާން އަކީ އެންމެ ވަރުގަދަ އެއް ޕްލެޓްފޯމަށް ވެގެން ދާނެ ކަމަށް ވެސް އަޕޯ ވިދާޅުވި އެވެ.

"މިއީ އަވަސް އިން އާންމުންނަށް ހުޅުވާލާ، ވަރަށް ރަނގަޅު ފުރުސަތެއް. މީގައި ބޭނުންވާ އިސްތިހާރެއް، އެނައުންސްމެންޓެއް ޖެހުމުގެ ފުރުސަތު އަޅުގަނޑުމެން އެބަ ހޯދައިދެން. އޮފީސްތަކާއި ކުންފުނިތަކުން ބޭނުންވާ ވަޒީފާގެ ފުރުސަތުތަކަށް މީހުން ހޯދުމަށް ވެސް އަވަސް އިއުލާނަކީ ވަރަށް ފަސޭހަ މަގަހަށް ވެގެންދާނެ، މި ވަގުތަށް މި ހިދުމަތް އަޅުގަނޑުމެން މިދެނީ ހިލޭ ދޭ ހިދުމަތެއްގެ ގޮތުގައި،" އަޕޯ ވިދާޅުވި އެވެ.

އަވަސް އިއުލާންގެ އައިއޯއެސް އެޕް ޑިވެލޮޕް ކުރި ޑިވެލޮޕަރު ޝާރިފް ހަލީލް ވިދާޅުވީ، "އަވަސް އިއުލާން" އަށް ހާއްސަކޮށްފައިވާ މޮބައިލް އެޕްގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންވާ އިއުލާނެއް ނޫނީ އެނައުސްމަންޓެއް ބަލައިލެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އަވަސް އިއުލާންގެ އެންޑްރޮއިޑް އެޕް ވެސް އަންނާނެ ކަމަށް ވެސް ޝާރިފް ވިދާޅުވި އެވެ. އަދި އެ އެޕްލިކޭޝަން އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަވަސް އިއުލާން އެޕެއްގެ ގޮތުގައި ތައާރަފްކުރަން ނިންމީ ފަސޭހައިން މި ހިދުމަތަށް އާންމުންނަށް ފޯރުކޮށްދޭން. އެޕަލް ސްޓޯރުން މިހާރު އެޕް ޑައުންލޯޑް ކުރެވޭނެ، އަދި، ބޭނުންވާ ލިސްޓިންތައް ވެސް ފަސޭހަ ކަމާއެކު މިހާރު ބަލައިލެވޭނެ،"

"އަވަސް އިއުލާން" ގައި ލިސްޓުުކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ([email protected]) އާއި އިއުލާންގެ ވެބްސައިޓް މެދުވެރިކޮށް ފޮނުވާލެވޭނެ އެވެ. "އަވަސް އިއުލާން" ގެ އެޕް އެޕްސްޓޯ އިން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.