ވިޔަފާރި

ރާއްޖޭގެ ހަޑަހާ ރިސޯޓް ހިންގާ ޕާކް ހަޔަޓުން ޗައިނާގައި ރިސޯޓެއް ހުޅުވައިފި

ރާއްޖޭގައި ހަޑަހާ ރިސޯޓް ހިންގަމުން އަންނަ ޕާކް ހަޔަޓް ކުންފުނިން ޗައިނާގައި ރިސޯޓެއް ހުޅުވައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ މަތީ ފަންތީގެ ރިސޯޓްތައް ހިންގަމުން ގެންދާ ޕާކް ހަޔަޓް ކުންފުނިން ޗައިނާގެ ހައިނާން އައިލެންޑުގައި ހުޅުވި މި ރިސޯޓަކީ އެންމެ މަތީ ފަންތީގެ ޓޫރިސްޓުންނަށް އަމާޒުކޮށްގެން އެ ކުންފުނިން ހުޅުވި ރިސޯޓެވެ.

"ޕާކް ހަޔަޓް ސަންޔާ ސަނީބޭ" ރިސޯޓުގެ ނަމުގައި ހުޅުވި މި ފުރިހަމަ ރިސޯޓަކީ ގިނަ އެވޯޑުތަކެއް ހޯދާފައިވާ މަޝްހޫރު ފަރުމާ ކުރުންތެރިޔާ ބެލްޖިއަމްގެ ޖޭން މައިކަލް ގަތޭގެ ހުނަރުވެރިކަން ދައްކުވައިދޭ ރިސޯޓެކެވެ. މި ރިސޯޓު ފަރުމާކޮށްފައި ވަނީ ޗައިނާގެ ގަދީމީ ކުލަތަކާއި އެ ގައުމުގެ ދުވަސްވީ އާސާރީ ގޮތްގަނޑު ފެންނަން ގޮތަށެވެ.

ޕާކް ހަޔަޓް ސަނީބޭ ރިސޯޓުގައި 207 ލަގްޒަރީ އެންމެ މަތީ ފަންތީގެ ކޮޓަރިތައް ހުރެ އެވެ. އަދި މި ތަނުގައި 26 ސުއިޓްސްގެ އިތުރުން 700 ސްކްއާ ފޫޓުގެ ބޮޑު 17 ވިލާ ވެސް ހުރެ އެވެ.

މި ރިސޯޓަށް އަންނަ ޓޫރިސްޓުންގެ ކެއިން ބުއިމުގެ ކަންތައްތަކުގެ ހާއްސަ ކަލިނަރީ ޓީމެއް ހަރަކާތްތެރިވެ އެވެ. މި ޓީމަކީ މިފަދަ މަތީ ފަންތީގެ ތަނަކަށް އަންނަ މެހުމާނުންނަށް ހިދުމަތް ދިނުމަށް ފުރިހަމައަށް ތަމްރީން ދީފައި ތިބި މީހުންނެވެ. މީގެ އިތުރުން މިތަނުގައި "ޗައިނީސް ސްޓައިލް" ގެ ޓީ ހައުސް އަކާއި ބައްދަލުވުންތައް ބޭއްވުމަށް ހާއްސަ މީޓިން ހޯލްތައް ވެސް ހުރެ އެވެ. އަދި ބިޔަ ސުވިމިން ޕޫލެއްވެސް އެތަނުގައި އޮވެ އެވެ.