ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި އިސްލާމިކް މިނިސްޓްރީގެ ހުރިހާ މުވައްޒަފުން ސޮއިކޮށްފި އެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު އާ އެ މިނިސްޓްރީގެ އިސްވެރިން ވަނީ ނަޒާހަތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރައްވާފަ އެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ ވަޒީފާ ލިބުމަށްފަހު އެއްބަސްވާ އިގުރާރާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާއި ވަޒީފާ އަދާކުރުމުގައިވެސް ނަޒާހަތްތެރިވާން ޖެހޭ ކަމަށެވެ. ނަޒާހަތްތެރިކަމެއް ނެތް ނަމަ އެމީހެކޭ ތިޖޫރީން ވައްކަން ކުރާ މީހާ އެކޭ ތަފާތެއް ނުހުންނާނެ ކަމަށެވެ.
"ނަޒާހާތްތެރި ވުމެއް ވަޒީފާއަށް ހިޔާނާތްތެރިވުމަށްފަހު ލިބޭ މުސާރައިން ގެއަށް ގޮސް އަނބިދަރިންނަށް ކާން ދިނުމުން ތިޖޫރީން ވައްކަން ކުރުމެކޭ ތަފާތެއް ނެތް" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ހިތުގައި އިހުލާސްތެރިކަމެއް ނެތިއްޔާ އެމީހަކުގެ ކިބައިގައި ނަޒާހާތްތެރިކަމެއް ނުހުންނާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ނަޒާހާތްތެރިކަމުގެ ގައުމީ ޕްލޭން މިއަހަރު އެކުލަވާލާ ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އަދި މިހާރު ދައުލަތުގެ 40 އަށްވުރެ ގިނަ މުއައްސަސާ އާ ބައެއް އާންމު ރައްޔިތުންނާއެކު މި ޕްލޭން ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މި ޕްލޭނަށް ހާއްސަ ވެބްސައިޓެއްވެސް މިހާރު ތައާރަފްކޮށްފައިވާނެ ކަމަށެވެ.
އެކޮމިޝަނުން ކުރާ ހަމައެކަނި މަސައްކަތްތަކަކީ މައްސަލަތައް ބެލުން ނޫން ކަމަށާއި ހަމައެކަނި ނަޒާހާތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރުން ނޫން ކަމަށެވެ. އަދި އެކޮމިޝަނުގެ މަސައްކަތަކީ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުން ކަމަށް ލުތުފީ ވިދާޅުވި އެވެ.
ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ހިންގާ ނަޒާހާތްތެރިކަމުގެ ގައުމީ ވައުދުގައި ސޮއިކުރުމުގެ ހަރަކާތް އޭސީސީން ކުރިއަށް ގެންދާތާ ފަސް އހަަރަށްވުރެ ގިނަ ދުވަސް ވެއްޖެކަމަށެވެ. އަދި މިހާރުވެސް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރަންވެސް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ލުތުފީ ވިދާޅުވި އެވެ.