ހައްޖުގެ އަޅުކަން

ހައްޖު ކޯޓާގެ މައްސަލަ އޭސީސީއަށް ހުށައަޅައިފި

ރާއްޖެއިން ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމުގައި އަމަލު ކުރަމުން ދަނީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމަށް ބުނެ އެކަންކަން ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށައަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށައެޅި މައްސަލާގައި ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމުގައި މިދިޔަ އަަހަރު އިސްލާމިކް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތާއި، އަދި މިއަހަރު ކުންފުނިތައް ހޮވުމުގައި އަމަލު ކުރަން ނިންމާފައިވާ އުސޫލުތަކާމެދު ކަންބޮޑުވުން ފާޅު ކޮށްފައި ވެއެވެ.

އެގޮތުން މިދިޔަ އަހަރު ހައްޖުގެ އަޅު ކަމަށް އަމިއްލަ ޖަމާއަތްތަކުން ހުށަހެޅި ޕްރޮޕޯސަލާ އެއްގޮތަށް އެ ފަރާތްތަކުން ހިދްމަތް ފޯރުކޮށްދީފައި ނުވާ ކަމަށާއި ނަމަވެސް ހައްޖުގެ ކަންކަން ރެގިއުލޭޓް ކުރުމުގެ މަގްސަދާއި އެއްގޮތަށް އެކަންކަން ބަލައި ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

ހޮޓަލާއި ހަރަމުގެ ދުރުމިނަށާއި ހޮޓަލުގެ ފެންވަރަށް މާކްސް ދީފައިވާއިރު، ބިޑް ހުށަހެޅިއިރު ހައްޖުވެރިން ބައިތިއްބާނެ ކަމަށް ޖަހާފައިވާ ހޮޓާ ނޫން، ހަރަމާ މާދުރު އަދި ފެންވަރުދަށް ހޮޓާތަކުގައި ހައްޖުވެރިން ބައިތިއްބާފައިވާ ކަމަށްވެސް ވަނީ ބުނެފައި ވެއެވެ.

"... ބިޑް ހުށަހެޅިއިރު ކައިރި ހޮޓާތައް ޖަހާ ގިނަ މާކްސް ހޯދާ ބިޑް ކާމިޔާބު ކުރުމަށްފަހު އަގު ހެޔޮ އަދި ދުރު ހޮޓާތަކުގައި ބައިތިއްބައިފައި ވުމުން މީ ކަނޑައެޅިގެން އޮޅުވާލާފައިވާ ބޮޑު އޮޅުވާލުމެއް ކަމާއި އަދި ރަނގަޅު ނިޔަތުގައި ބިޑް ހުށަހެޅި އެހެން ކުންފުނިތަކަށް ވެވޭ ބޭއިންސާފެއްކަން ހާމަވޭ."

އަދި މިދިޔަ އަހަރުގެ ހައްޖު ބިޑްގައި، ޖަމާއަތުގައި ހިމެނޭ އެހީތެރިންގެ އަދަދަށާއި ލިބިފައިވާ ތަޖުރިބާއަށް މާކްސް ދިނުމަށް ކަނޑައަޅާފައިވާއިރު، މާކްސް ދޭނެ ގޮތުގެ ތަފްސީލު ބަޔާންކޮށްފައި ނެތުމުން ބައިވަރު އެހީތެރިންތަކެއް ލިސްޓްކޮށް ގިނަ މާކްސް ހޯދުމުގެ ފުރުސަތު އޮތް ކަމަށާ އެގޮތަށް ބައެއް ކުންފުނިތަކުން އަމަލުވެސް ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ކޮންމެ ކުންފުންޏަކަށް ވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލް ކަމަށް ބުނެފައިވީނަމަވެސް ބައެއް ކުންފުނިތަކަށް ބިޑް ހުށަހެޅި އަގަށްވުރެ އިތުރަށް ޕެކޭޖްތައް ހެދުމަށް މިނިސްޓްރީން ފަހުން ފުރުސަތު ދީފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އިއުލާނާ ގުޅިގެން ބިޑް ކާމިޔަބުކުރި ފަރާތްތަކުން ހުށަހެޅި އަގަށްވުރެ އިތުރަށް އިތުރު ފައިސާ ނަގާފައިވާ ކަމަށާ ބިޑް ހުށަހެޅިިއިރު، ދަތުރުގައި ހޭދަވާނެ ކަމަށް ބަޔާންކޮށްފައިވާ މުއްދަތަށްވުރެ ކުރު މުއްދަތަކަށް ބައެއް ގްރޫޕްތަކުން ހައްޖު ދަތުރުތައް އިންތިޒާމްކުރިއިރު މިކަމާ ގުޅިގެންވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެ ގްރޫޕްތަކަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.

"ދައުލަތުން ބޮޑު ހަރަދެއްކޮށްގެން ހައްޖު މިޝަންގެ ނަމުގައި ޓީމެއް ސައުދީ އަރަބިއާއަށް ދާއިރު، އެ ޓީމުގެ ފަރާތުން ހައްޖު ބިޑް ކާމިޔާބުކުރި ކުންފުނިތަކުން ބިޑްގައިވާ ހިދުމަތްތައް ފޯރުކޮށްދެނީ ކިހައި މިންވަރަކަށްތޯ ބަލާފައިނުވާކަމާއި އަދި މި ހިނގާ 1441 ވަނަ އަހަރުވެސް ހަމަ އެ ކުންފުނިތަކަށް އިތުރު މާކްސް ލިބޭގޮތަށް ހައްޖު ބިޑްގެ ޕްރޮޕޯސަލް ހުށައަޅަން ހުޅުވާލާފައިވޭ."

އޭސީސީއަށް ހުށައެޅި މައްސަލާގައި އިތުރަށް ބުނެފައިވަނީ ގޯސް ހެދި ކުންފުނިތަކުން މިއަހަރުގެ ބިޑްގައި ރަޖިސްޓްރީވެފައިވާ ކަމަށާ އަދި ބިޑަށް މާކްސްދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުު ވަކި ބަޔަކަށް ފައިދާވާގޮތަށް އެކުލަވާލާފައިވާ ތުހުމަތު ކުރެވޭ ކަމަށެވެ.

"....'ކުންފުނީގެ ތަޖުރިބާ'ގެ ބަޔަށް މާކްސް ދޭއިރު ވޭތުވެދިޔަ 10 އަހަރުގެ ތަޖުރިބާއަށް ބަލާނެކަމަށް ޖަހާފައިވުމުން ވަކި ބަޔަކަށް މިކަމުގެ ސަބަބުން ފައިދާތަކެއްވޭ. އެއީ ފާއިތުވެދިޔަ 10 އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންގޮއްސައިވަނީ މައިގަނޑު ފަސް ކުންފުންޏަކުން. އޭގެ އިތުރުން، 'ހިދުމަތުގެ ބަޔަށް' މާކްސްދޭއިރު ކުންފުނީގެ އިސްވެރިޔާ އިސްވެރިޔާގެ ނައިބު އަދި އެހެނިހެން އެހީތެރިންގެ ގޮތުގައިވާ ފަރާތްތަކަށް ވަކިން މާކްސްދޭއިރު 'ކުންފުނީގެ ތަޖުރިބާ'ގެ ބަޔަށް ވަކިން މާކްސްދިނުމަށް ކަނޑައަޅާފައިވަނީ ވަކި ގްރޫޕްތަކަކަށް އިތުރަށް މާކްސް ހޯދައިދީގެން ބިޑް ކާމިޔާބުކޮށްދިނުމަށް. އެހެނީ ކުންފުންޏެއްގެ ނަމުގައި ވޭތުވެދިޔަ 10 އަހަރު ހައްޖަށް ގެންގޮސްފައިވީނަމަވެސް، އެ 10 އަހަރު ކުންފުނީގައި މަސައްކަތްކުރި ޓީމު ކުންފުނީގައި ނެތްކަމަަަށްވާނަަމަ، ކުންފުނީގެ ނަމަށް ބަަލައި ތަޖުރިބާގެ ބަޔަށް މާކްސްދިނުމުން ވާނެ ފައިދާއެއް އޮންނާނެކަމަކަށް ނުބެލެެވޭ. އެހެންކަމުން، ކުންފުނީގެ ތަޖުރިބާއަށް އިތުރަށް މާކްސްދިނުމަށް ކަނޑައަޅާފައިވަނީ ވަކި ބަޔަކަށް ބިޑް ކާމިޔާބުކޮށްދިނުމަށް އެހީތެރިވެދިނުމަށް ކަމަށް ބެލެވޭ."

އޭސީސީއަށް ހުށައެޅި އެ މައްސަލާގައި މައްސަލަ ހުށައެޅި ފަރާތުން ވަނީ އެކަންކަން އަވަހަށް ބަލައިދީ، އުސޫލާއި ހިލާފުވި ކުންފުނިތަކުގެ ހުއްދަަތައް ބާތިލްކޮށް ދިނުމަށް އެދިފައެވެ.