ހިޔާނާތް

ހައްޖާގުޅޭ ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް އެބަހުރި: ރިޕޯޓް

އިސްލާމިކް މިނިސްޓްރީއިން ދޫކުރާ ހައްޖު ކޯޓާ ދޫކުރުމުގައި ކޮރަޕްޝަނަަށް މަގު ފަހިވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދިރާސާ ރިޕޯޓުން ދައްކައިފި އެވެ.

އޭސީސީއިން މިއަދު އާއްމުކުރި ހައްޖު ކޯޕަރޭޝަންގެ ދިރާސާ ރިޕޯޓުގައިވާ ގޮތުން، ހައްޖު ކޯޓާގެ ތެރެއިން ޔަގީންވެފައިވާ 1000 ކޯޓާގެ ތެރެއިން ސަރުކާރަށް ހާއްސަ ކޮށްފައިވާ ބައެއް ކޯޓަތައް ސިޔާސީ ބޭނުމަށް ދޫކުރާކަން ފާހަގަކޮށްފައި އެވެ.

މިކަމުގެ ސަބަބުން ބައެއް ފަރާތްތަކަށް ހައްޖުގެ އަޅުކަން ނުކުރެވި ދާކަން ފާހަގަ ވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ. ސަރުކާރަށް ހާއްސަ ކޮށްގެން ރިޒާވްގައި ބަހައްޓާ ކޯޓާ ތަކަކީ ހައްޖަށް މީހުން ގެންދާ ކުންފުނިތަކުން، އޮޅުވާލައިގެން ފައިސާ ނެގުމަށްފަހު، ހައްޖުގެ އަޅުކަމަށް ނުދެވި ތިބޭ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ކޯޓާތެކެވެ.

ދެހާސް ސަތާރަ ވަނަ އަހަރުން 2018 ވަނަ އަހަރަށް ކުރިއަށް ދިޔަ މިދިރާސާގައި ފާހަގަ ކޮށްފައިވާ އެނެއް ކަމަކީ، ހައްޖަށް މީހުން ގެންދިޔުމަށް ޕްރޮޕޯސަލް ހުށަހަޅާއިރު، އިސްލާމިކް މިނިސްޓްރީގެ މުވައްޒިފެއްގެ އެހީގައި ޕްރޮޕޯސަލް ހުށަހެޅުން އެވެ. އަދި ޕްރޮޕޯޝަލް ހުށަހެޅުމަށްފަހު މަސައްކަތް ބިޑް ކުރެވޭ ހިސާބުން ވެވޭ އެއްވަސްވުމުގައި އިތުރަށް ހައްޖު ވެރިންގެ އަތުން ފައިސާ ނުނެގޭނެ ކަމަށް ބަޔާން ކޮށްފައި އޮތަސް ފައިސާ ނަގަމުންދާ ކަމަށެވެ.

އެގޮތަށް ފައިސާ ނަގަނީ އެެއްވެސް ކަހަލަ ރަސީދެއް ނެތި ކަމަށްވުމުން، ގަވާއިދާ ހިލާފަށް ފައިސާ ނަގާ މީހުންގެ މައްސަލަ ބަލަން ދަތި ތަކެއް ހުންނަ ކަމަަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރާއްޖެއިން ހައްޖަށް ގެންދާ މީހުންގެ އަދަދުތަށް އެގޭނެ ފުރިހަމަ ގޮތެއް ނެތް ކަމަށްވެސް އޭސީސީއިން އިން ބުންޏެވެ.

ރާއްޖެއަށް ދޫކޮށްފައިވާ ހައްޖު ކޯޓާގެ ތެރެއިން، ހައްޖުގެ އަޅުކަން އަލަށް އަދާ ކުރަންދާ ފަރާތްތަކަށް އިސްކަން ދިނުމަށް އޮތް ނަމަވެސް، މައުލޫމާތު އެގޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ކޮރަޕްޝަން މެދުވެރިކޮށް ހައްޖު ކޯޓާ ދޫކުރުމާއި ހައްޖަށް މީހުން ގެންދާކަމަށް އެ ދިރާސާ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ސައުދީ ސަރުކާރުން ރާއްޖޭގެ ސަރުކާރަށް ދޫކުރާ ހާއްސަ މެހުމާނުގެ ހައްޖު ކޯޓާގެ ބޭނުން ވެސް ނުރަނގަޅު ގޮތުގައި ހިފަމުންދާ ކަން އެސީސީގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

އެސީސީގައި މިއަދު ދިރާސާ ރިޕޯޓް އާއްމުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބޭއްވިއިރު، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ޝާފިއު އާއި އެހެނިހެން އިސްވެރިންގެ ވަނީ ބައިވެރިވެފަ އެވެ. ދިރާސާ ރިޕޯޓް އާއްމުކޮށްދީފައިވަނީ އޭސީސީގެ މެމްބަރު ޔަޒްމީދު މުހައްމަދު އެވެ.